ހުރާ ކައުންސިލް ކަޕް 2025: ތައްތިގެ ހަތަރު ގޯލާއިއެކު ޖޯކާސް ބަލިކޮށް ތްރީޑީން މުބާރާތް ފެށީ ބޮޑު މޮޅަކުން!
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ 6 ވަނަ މެޗުގައި ޖޯކާސް އާއި ތްރީޑީ ސްޕޯޓްސް ކުލަބު ވާދަ ކުރި މެޗް ފަސޭހަ ކަމާއިއެކު ތްރީޑީން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ހުރާ ރަސްމީ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ 6-0 ގެ ތަފާތު ބޮޑު ނަތީއްޖާ އަކުންނެވެ.
މިއީ މި ދެޓީމްވެސް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ތަފާތަކަށްވީ ތްރީޑީގެ ޖާޒީ ނަންބަރު 31 މުހައްމަދު ތަސްމީން ( ތައްތި ) އެވެ. ތައްތި ވަނީ މި މެޗުގައި އެޓީމަށް 4 ގޯލް ކާމިޔާބުކޮށްދީފައެވެ.
Ads by BMLމެޗުގެ ފުރަތަމަ ހާފްގައި ތްރީޑީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފް ދެޓީމަށް ވެސް ވަރުބަލިކަން ފެނުނު ނަމަބެސް ތްރީޑީން މި ހާފުގައި ވެސް ސްކޯކޮށްފައެވެ. ޓީމް ޖޯކާސް އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 4 ގޯލު ކާމިޔާބުކޮށްދިން ތައްތި އެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
