ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ލޯބީގެ 'ރަތް ކާޑެއް' ނިކީއަށް: ޔަމާލް އެނބުރި ދަނޑަށް!

 ލަމީން ޔަމާލް އަދި ނިކީ ނިކޯލް ---
ލަމީން ޔަމާލް އަދި ނިކީ ނިކޯލް ---

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، މަޝްހޫރު ލަވަކިޔުންތެރިޔާ ނިކީ ނިކޯލްއާ ލޯބީގެ ގޮތުން ވަކިވުމާ ގުޅިިގެން، އޭނާ 'އެނބުރި ދަނޑަށް އަތުވެއްޖެ' ކަމަށް ބުނެ ކްލަބުގެ ސަޕޯޓަރުން އުފާފާޅުކުރަން ފަށައިފިއެވެ.

ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހޯދި މި ގުޅުން ނިމުމަކަށް އައިސްފައިވާކަން އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

ސްޕެއިނަށް އުފަން ޔަމާލް އާއި އާޖެންޓީނާގެ ލަވަކިޔުންތެރިޔާ، އުމުރުން 25 އަހަރުގެ ނިކީއާ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް މިދިޔަ އޮގަސްޓް މަހު ޔަމާލް ހާމަކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި، މި ގުޅުމުގެ ސަބަބުން ޔަމާލްގެ ކުޅުމަށް ނޭދެވޭ އަސަރުކޮށް، އޭނާގެ ފޯކަސް ވަނީ ދަނޑުން ބޭރަށް ގޮސްފައެވެ. އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އެމީހުން ފާހަގަކުރީ، ރެއާލް މެޑްރިޑް އަތުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވި މެޗުގައި ޔަމާލް ދެއްކި ފަނޑު ކުޅުމެވެ.

އެހެންނަމަވެސް، މި ގުޅުން ނިމުމަކަށް އައީ ބޭވަފާތެރިވުމުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތައް ޔަމާލް ދޮގުކުރެއެވެ. "ނިކީއާ އެކު އޮތް ގުޅުން މިހާރު ނިމިއްޖެ. އެއީ އެހެން އަންހެނަކާ ހެދި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން،" ސްޕެއިންގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޔަމާލް ބުނެފައިވެއެވެ.

ޔަމާލް މިހެން ބުނި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑް މެޗަށް ފަހު ޔަމާލް ވަނީ އިޓަލީގެ މިލާންގައި ބޭއްވި ޕާޓީއެއްގައި އިޓަލީގެ އިންފްލުއެންސަރެއް ކަމަށްވާ އަނާ ގެގްނޯސޯއާ އެކު ވަގުތު ހޭދަކޮށްފައެވެ. މި ހަބަރާ ގުޅިގެން ޔަމާލް ނިކީއަށް ބޭވަފާތެރިވި ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.

ކޮންމެއަކަސް، މި ވަކިވުމަކީ ބާސެލޯނާ ސަޕޯޓަރުންނަށް ލިބުނު އުފާވެރި ޚަބަރަކަށް ވެފައިވާއިރު، މީސް މީޑިއާގައި އެކަމުގެ އުފާ ފާޅުކުރަމުން އެބަދެއެވެ. އެއް ސަޕޯޓަރަކު ބުނެފައިވާ ގޮތުގައި "ލަމީން ޔަމާލް އެނބުރި އަތުވެއްޖެ" އެވެ. އަނެއް ސަޕޯޓަރު ވަނީ "މި ސީޒަންގެ ބެލަންޑިއޯ ހައްގީ ޔަމާލްއަށް" ކަމަށް ބުނެފައެވެ.

ލައިފްސްޓައިލް

އިތުރަށް ←