ހުރާ ކައުންސިލް ކަޕް 2025: ވޯރިއާސް މުހިންމު މޮޅެއް ހޯދިއިރު، ޖޯކާސްއަށް މުބާރާތުގެ ފުރަތަމަ މޮޅު
މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ ފިރިހެން ޑިވިޝަންގެ ވޯރިއާސް މުހިންމު މޮޅެއް ހޯދިއިރު ޖޯކާސް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ވޯރިއާސް ވާދަކުރީ ތްރީޑީ ކިންގް އާއިއެވެ. މި މެޗް 4-1 އިން ކާމިޔާބު ކުރީ ވޯރިއާސް އެވެ. ޓީމް ޖޯކާސް ވާދަކުރީ ފޯޓީޓޫ އާއިދެކޮޅަށެވެ. މިމެޗް އެޓީމުން ކާމިޔާބު ކުރީ 6-0 ގެ ބޮޑު ތަފާތަކުންނެވެ.
މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯރިއާސް އޮތް އޮތްއިރު ދެވަނަ ޓީމްގެ ގޮތުގައި އޮތީ ބަދަވީންނެވެ.
Ads by BMLގްރޫޕް ބީ ގެ އެއްވަނަ ޓީމަކީ ސިނަމަން އެފްސީއެވެ. ދެވަނަ ޓީމަކީ ތްރީޑީ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުން ޕޮއިންޓް ޓޭބަލަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ހަވީރު ރައިވަލްސް އާއި ބްލަޑް ސްޕޯޓްސް ވާދަކުރާއިރު ބަދަވީން ނިކުންނާނީ ފޯޓީޓޫ އެކްސެލް އާއި ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި ފޯޓީޓޫ ނިކުންނާނީ ތްރީޑީ ސްޕޯޓްސް އާއި ދެކޮޅަށެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.
އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.
އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.
މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.
Ads by MACL
