ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ވިމެންސް ޗެމްޕިއަންޝިޕަށް ނިއުރޭޑިއަންޓުގެ އަންހެން ޓީމް ތައްޔާރުވާން ފަށައިފި

ނިއުރޭޑިއަންޓުން މިފަހަރު ވެސް އަންހެން ފުޓުބޯޅަ ދާއިރާއިން ޗެމްޕިއަންކަން ހޯދުމަށް ގަދަ ހިތްވަރާއެކު ދަނީ މަސައްކަތް ކުރަމުން ---
ނިއުރޭޑިއަންޓުން މިފަހަރު ވެސް އަންހެން ފުޓުބޯޅަ ދާއިރާއިން ޗެމްޕިއަންކަން ހޯދުމަށް ގަދަ ހިތްވަރާއެކު ދަނީ މަސައްކަތް ކުރަމުން ---

ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން، ކުރިއަށް އޮތް ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށައިފިއެވެ.

ނިއުރޭޑިއަންޓުން މިފަހަރު ވެސް އަންހެން ފުޓުބޯޅަ ދާއިރާއިން ޗެމްޕިއަންކަން ހޯދުމަށް ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފެމް) އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، މި އަހަރުގެ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ނިއުރޭޑިއަންޓް ބައިވެރިވާނެކަން ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.

މުބާރާތުގެ ޤަވައިދުގައި ވާގޮތުން، ކޮންމެ ޓީމެއްގެ ސްކޮޑުގައި ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ހިމެނުން މަޖުބޫރެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ނިއުރޭޑިއަންޓުން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކައި، އެއްބަސްވުންތަކަށް އައިސްފައެވެ.

ނިއުރޭޑިއަންޓްގެ މިހާރުގެ ސްކޮޑުގައި ގައުމީ ޓީމުގައި މިހާރުވެސް ހިމެނޭ ކެޕްޓަން ހަނީފާ، މައިޝާ، ނޫރާ އަދި ފަޒްލާ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާއާއި، މިރުފަތު އަދި ޝިމިނީ ފަދަ ފުންނާބު އުސް ކުޅުންތެރިންވެސް ނިއުގެ ޖާޒީގައި ފެނިގެންދާނެއެވެ. ޖުމްލަ ގޮތެއްގައި މި ސްކޮޑަކީ ތަޖުރިބާކާރު އަދި ޤާބިލް ކުޅުންތެރިންގެ މައްޗަށް އެކުލެވިފައިވާ ސްކޮޑެކެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައެވެ.

ނިއުރޭޑިއަންޓަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބުތަކުގެ ތެރެއިން އެއް ކުލަބެވެ. ފިރިހެނުންގެ ފުޓްބޯޅައިގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ ނިއުރޭޑިއަންޓުން، މީގެ ކުރިން ބާއްވާފައިވާ އެކިއެކި އަންހެން ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ހޯދާފައިވެއެވެ. އަދި ފުޓްބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކުގައިވެސް ނިއުރޭޑިއަންޓުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ކުޅިވަރު

އިތުރަށް ←