ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ކުލަގަދަ ހަފްލާއަކާއެކު ޕްރިމިއަރ ކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރ އަލީ ސީޒަންގެ އިރުޝާދުގެ ދަށުން، އިސްމާއިލް ޝަފީގުގެ ޕްރޮޑިއުސްކުރުމުގެ ތެރެއިން އުފެދިފައިވާ މި ފިލްމަކީ، މިއަހަރު އޮލިމްޕަސް ސިނަމާގައި ބެލުންތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ފިލްމެކެވެ.

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކުރެވޭ ޝައި ޕްރޮޑަކްޝަންގެ "ނޯޓީފޯޓީ" އާއި "ފޯޓީ ޕްލަސް" ފަދަ ހިޓް ފިލްމްތަކަށްފަހު، "ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ފިލްމަކަށްކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އިސްމާއިލް ޝަފީގު ވަނީ މީގެ ކުރިން ބުނެފައެވެ. މިއީ ލޯބީގެ ހިތްދަތިކަމާއި އިޖްތިމާޢީ ފިލްމްތަކަށްފަހު، ބެލުންތެރިންނަށް މާޖާ ބޮޑު ކޮމެޑީއެއް ގެނެސްދޭނެ ފިލްމެއްކަމުން، ގިނަ ބެލުންތެރިން މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ފިލްމް ޕްރިމިއަރ ކުރި ރޭ ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި، ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ސީޒަން ވިދާޅުވީ، މި ފިލްމާ މެދު ވަރަށް އުންމީދު ކުރައްވާކަމަށެވެ. "ވަރަށް ދުވަސްތަކަކަށްފަހު މިފަދަ ކޮމެޑީ ފިލްމެއް މި އަންނަނީ ވަރަށް ބޮޑު ކާސްޓެއްވެސް އޮވެގެން. މި ފިލްމުގައި ކެރެކްޓަރުތައް ޕާފޯމް ކުރަން ތިބި އެކްޓަރުންނަކީ ވަރަށް ކުޅަދާނަ އެކްޓަރުން. ފިލްމުގެ ބައެއް ސީންތަކަކީ އެކްޓު ކުރަން ވަރަށް އުނދަގޫ ސީންތަކެއް، އެހެންނަމަވެސް ފިޒިކަލީ އެކަންކަން ކޮށް އެސީންތައް ގެނެސްދީފައި ވާނެ،" ސީޒަން ވިދާޅުވިއެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމްގެ ޑައިރެކްޓަރަކީ އަލީ ސީޒަންއެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ.

ސެޓާން ސްޓޫޑިއޯއަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްއެވެ. މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމްތައް އުފައްދައި، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ސްޓޫޑިއޯއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ކާމިޔާބު ފިލްމްތަކެއް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ. 

ލައިފްސްޓައިލް

އިތުރަށް ←