ރާއްޖޭގެ ގައުމީ އަންހެން ޓެނިސް ޓީމު ވިއެޓްނާމަށް ފުރައިފި
ބިލީ ޖީން ކިންގް ކަޕް ޓެނިސް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ޓެނިސް ޓީމު ވިއެޓްނާމަށް ފުރައިފިއެވެ. މުބާރާތަށް ވަރުގަދަ ތައްޔާރީތަކަކާއެކު ގޮސްފައިވާއިރު، ބިލީ ޖީން ކަޕް ފެށުމުގެ ކުރިން ޓީމުން ވަނީ އައިޓީއެފް ޖޭ30 މުބާރާތުގައި ވާދަކޮށް އިތުރު ތަޖުރިބާ ހޯދުމަށް ނިންމާފައެވެ.
މި މުބާރާތަކީ ކުރިން މި އަހަރުގެ ޖޫން މަހު ޖޯޑަންގައި ބޭއްވުމަށް ތާވަල්ކުރި މުބާރާތެކެވެ. ނަމަވެސް، އީރާނާއި އިޒްރޭލްގެ ހަމަނުޖެހުންތަކާ ގުޅިގެން ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުން، ކުޅުންތެރިންގެ ސަލާމަތަށްޓަކައި މުބާރާތް ފަސްކުރީއެވެ. މިހާރު މި މުބާރާތް ވިއެޓްނާމްގައި ކުރިއަށްދާނީ މި ނޮވެމްބަރު މަހުގެ 10 އިން 16 އަށެވެ.
ޓީމުގެ ކޯޗާއި، ކެޕްޓަން އަދި މެނޭޖަރުގެ މަގާމުވެސް ފުރުއްވާ އާމިނަތު އިރުފާ މާހިރު ވަނީ ޓީމުގެ ތައްޔާރީތަކާމެދު ހިތްހަމަޖެހުން ފާޅުކޮށްފއެވެ. ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި، ކުޅުންތެރިންގެ ހިތްވަރު ރަނގަޅުވެ، ފަރިތަކުރުންތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިއަހަރު ރާއްޖޭގައި ބޭއްވި އައިޓީއެފް މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވެފައިވެއެވެ.
Ads by BMLއިރުފާ ވަނީ މި މުބާރާތަށް ޓީމު ތައްޔާރުކުރުމުގެ މުޅި މަރުހަލާގައި ބެލެނިވެރިންނާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ޒުވާން ސްކޮޑުގައި ހިމެނެނީ ނަޔާރާ އުސާމާ އަލީ، ޢާއިޝަތު ކަރީން ސައިޒާން، އާރާ އާސަލް އާޒިމް އަދި ނަބާ ނިޝާންއެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއިން ބިލީ ޖީން ކިންގް ކަޕްގައި ބައިވެރިވާ ފަހަރެވެ.
Ads by MACL
