ސޮލިޑާރިޓީ ގޭމްސްއަކީ ދިވެހި އެތުލީޓުންނަށް ކުރިމަތިވި މާ ބޮޑު ގޮންޖެހުމެއް: ވަޒީރު ރާފިޢު
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަކީ، ދާދި ފަހުން ބަޙްރައިންގައި ނިމުނު އޭޝިއަން ޔޫތު ގޭމްސްއާ އަޅާބަލާއިރު، ދިވެހި އެތުލީޓުންނަށް ކުރިމަތިވެފައިވާ މާ ބޮޑު ގޮންޖެހުމެއް ކަމަށާއި މުބާރާތުގެ ވާދަވެރިކަން މާ މަތި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އިއްޔެ ރަސްމީކޮށް ފެށި މި މުބާރާތް މި މަހުގެ1 21 ގެ ނިޔަލަށް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ހަތަރު ކުޅިވަރަކުން ވާދަކުރުމަށް ނިންމާފައެވެ. އެއީ އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް އަދި ހޭންޑްބޯޅައެވެ.
ރިޔާޟްގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، މިއީ ހުރިހާ އިސްލާމީ ޤައުމެއް އެއްފަހަރާ ބައިވެރިވާ ތާރީޚީ މުބާރާތަކަށް ވުމުން، މުބާރާތުގެ ފެންވަރާއި ވާދަވެރިކަން އިތުރުވާނެއެވެ.
Ads by BMLމި ގޮންޖެހުން ބޮޑު މުބާރާތުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ހިތްވަރު ދެއްވައި ވަޒީރު ރާފިޢު ވަނީ ވަރުގަދަ ޢަޒުމަކާއެކު، 100 އިންސައްތަ ދީގެން ކުޅުމަށް އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެންގެ އެތުލީޓުންނަށް ދަންނަވާލަން އޮތީ ހިތްވަރާއެކު، ވަރުގަދަ އަޒުމަކާއެކު ރަނގަޅު ޕާފޯމަންސެއް ދައްކަން ހިނގާށޭ، 100 އިންސައްތަ ދީގެން މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން. އެކަން އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އެންމެން ގުޅިގެން މިތިބީ އެތުލީޓުންނާ އެކުގައި. އަދި ރާއްޖޭގެ ކުޅިވަރު އާއިލާވެސް އޮތީ އެތުލީޓުންގެ ފަހަތުގައި،" ވަޒީރު ވިދާޅުވިއެވެ.
މި މުބާރާތަށް ދިޔަ ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަންގެ މަގާމު ފުރުއްވަނީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)އެވެ. ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރްޔަމް ޝައުފާއެވެ.
Ads by MACL
