ފަލަސްތީނުގެ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް: އޭޝިއަން ކަޕް ކޮލިފައިންގެ ތައްޔާރީތައް ފަށައިފި!
އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ރާއްޖެއަށް އައިސްފިއެވެ. މި ޓީމަށް ރާއްޖެއިން ވަނީ ފިނިފެންމަލުގެ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މި މަރުހަބާ ދިނުމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (FAM) ގެ ރައީސް އަހުމަދު ތާރިގު (ޓޮމް) އާއި، އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަން (PFA) އިން FAM ގައި އެދިފައިވަނީ، AFC އޭޝިއަން ކަޕްގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ތަމްރީނު ކޭމްޕެއް ރާއްޖޭގައި ބާއްވައިދިނުމަށެވެ. މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް FAM އިން އެދުނު ހިނދު، ކުޅިވަރާބެހޭ ވަޒީރާއި FAM ގެ އިސްވެރިން ބޭއްވި މަޝްވަރާތަކަށްފަހު، މި ކޭމްޕު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވެއެވެ.
Ads by BMLއެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ވާގޮތުން، މި ދަތުރުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ދެ އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 އަދި 15 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ރޭގަނޑު 9:00 ގައެވެ.
ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން، މި ކޭމްޕުގެ ހުރިހާ ހަރަދެއް ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް FAM އިން ހާމަކުރެއެވެ. މީގެ އިތުރުން، މި މެޗުތަކުގެ ސްވެނިއާ ޓިކެޓު ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓުބޯޅަ ޓީމަށް ހަދިޔާކުރުމަށްވެސް ވަނީ ނިންމާފައެވެ. ސްވެނިއާ ޕްލެޓިނަމް (VIP ރޮސްޓްރޫމް) ޓިކެޓެއްގެ އަގަކީ 1000ރ. އަދި ސްވެނިއާ ގޯލްޑް (VIP ގޮނޑި) ޓިކެޓެއްގެ އަގަކީ 500ރ. އެވެ.
ޓްރެއިނިން ކޭމްޕު ނިންމުމަށްފަހު، ފަލަސްތީނުގެ ޓީމު މި މަހުގެ 19 ވަނަ ދުވަހު ކޮލިފައިން މެޗުތައް ކުޅުމަށް އިންޑިއާއަށް ދަތުރުކުރާނެއެވެ. ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޮލިފައިން މެޗުތައް ކުޅޭނީ މި މަހުގެ 22 އިން 30 އަށް ތައިލެންޑްގައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަމަލާތަކުގައި މިހާތަނަށް 69،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 800 އަށްވުރެ ގިނަ ކުޅިވަރުގެ ދާއިރާގެ މީހުން ހިމެނެއެވެ. PFA އިން ހާމަކުރާ ގޮތުގައި، ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 808 އެތުލީޓުންގެ ތެރޭގައި 421 ފުޓުބޯޅަ ކުޅުންތެރިން ހިމެނޭއިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އެންމެ ފަހުން ޝަހީދުވެފައިވަނީ ފަލަސްތީނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސުލައިމާން އަލް އުބައިދެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅިވަރު ކުޅޭ ތަންތަންވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، ޣައްޒާގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަލާކުވެފައެވެ.
Ads by MACL
