ބޮޑުތަފާތަކުން އަރުމީނިއާ ބަލިކޮށް ވޯލްޑް ކަޕް ޖާގަ ޕޯޗުގަލު ކަށަވަރު ކޮށްފި
ފީފާ ވޯލްޑް ކަޕް 2026 އަށް ކޮލިފައިވުމުގެ ޔޫރަޕްގެ ގްރޫޕް އެފްގެ ފަހު މެޗުގައި، ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން އަރްމީނިއާގެ މައްޗަށް 9-1 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު ޕޯޗުގަލް ވަނީ ގްރޫޕްގެ އެއް ވަނަ 13 ޕޮއިންޓާއެކު ހޯދައިފައެވެ.
ޕޯޗުގަލްގެ އިތުރުން ޔޫރަޕުން މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ކްރޮއޭޝިއާ އަދި ނޯވޭ ހިމެނެއެވެ.
މި މެޗުގައި ޕޯޗުގަލްގެ ލަނޑުތައް ފެނިގެންދިޔައީ ހަމައެކަނި ގިނަވުމެއް ނޫނެވެ. މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މެދުތެރޭގެ ދެ ތަރިން ކަމަށްވާ ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ނެވޭސް ގައުމީ ޓީމަށް އެ ދެ ކުޅުންތެރިންގެ ފުރަތަމަ ހެޓްރިކް ހަދާފައިވުމެވެ.
Ads by BMLމީގެ އިތުރުން ޕޯޗުގަލްގެ ލަނޑުތައް ޖެހުމުގައި ރެނާޓޯ ވެއިގާ، ގޮންޒާލޯ ރާމޯސް އަދި ފްރާންސިސްކޯ ކޮންސެސާއޯ ވެސް ބައިވެރިވިއެވެ. އަރްމީނިއާގެ ހަމައެކަނި ލަނޑު ޖެހީ އެޑުއާޑް ސްޕޭޓްސިޔަން އެވެ.
މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސަސްޕެންޝަނުގައި ހުރެފައެވެ. މީގެ ތިން ދުވަސް ކުރިން އަޔަލެންޑް އަތުން 2-0 އިން ބަލިވި މެޗުގައި ރޮނާލްޑޯއަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ރޮނާލްޑޯ ނެތި ވެސް ޓީމުގެ ހަމަޖެހުން ނުގެއްލި، މި ބޮޑު މޮޅު ހޯދުމަކީ ޓީމުގެ ފުން މިނާއި ފެންވަރު ދައްކުވައިދޭ ކަމެކެވެ.
ގްރޫޕް އެފް އިން ޕްލޭއޮފްގެ ޖާގަ ހޯދާފައިވަނީ އަޔަލެންޑް އެވެ. އަޔަލެންޑުން މި ޖާގަ ހޯދީ ފޯރިގަދަ މެޗެއްގައި 3-2 އިން ހަންގޭރީ ބަލިކޮށްގެންނެވެ. ހަންގޭރީން އަމިއްލަ ދަނޑުގައި ލީޑުގައި އޮއްވައި، އަޔަލެންޑުން ފަހު ވަގުތު ދެ ގޯލު ޖަހައި މޮޅުވީ ފަހަތުން އަރައިގެންނެވެ. މީގެ ކުރިން އަޔަލެންޑް އަތުން ޕޯޗުގަލް ބަލިވެފައިވާއިރު، އެ މެޗުން މޮޅުވިނަމަ ޕޯޗުގަލްއަށް ކުރިން ވެސް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރެވުނީހެވެ.
Ads by MACL
