ސާފް ފުޓްސަލް މުބާރާތުގެ ތާވަލު އާންމުކޮށްފި، ރާއްޖެ ފުރަތަމަ ނުކުންނަނީ އިންޑިއާ އާއި ޕާކިސްތާނާ ދެކޮޅަށް
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތާވަލު އާންމުކޮށްފައިވާއިރު، ރާއްޖޭގެ އަންހެން ޤައުމީ ޓީމު ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް އަދި ފިރިހެން ޤައުމީ ޓީމު ޕާކިސްތާނާ ދެކޮޅަށް ނުކުންނަން ވަނީ ހަމަޖެހިފައެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކްގައި ފަށާ މި މުބާރާތަކީ މިފަދަ ފުރަތަމަ މުބާރާތެވެ.
ފިރިހެން އަދި އަންހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތް ޤައުމެއް ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، އަދި ސްރީލަންކާއެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ކޮންމެ ޓީމެއް އަނެއް ހަ ޓީމާ ބައްދަލުކުރާނެއެވެ. ލީގު ބުރު ނިމޭއިރު، ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.
Ads by BMLފިރިހެން ޑިވިޝަންގެ ތާވަލު
މުބާރާތުގެ ފިރިހެން ބައިގައި ރާއްޖޭގެ ޤައުމީ ޓީމުގެ ހަނގުރާމަ ފަށާނީ ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އޭގެ ދެ ދުވަސް ފަހުން، ޖެނުއަރީ 16 ގައި ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ރާއްޖޭގެ ތިންވަނަ މެޗު ޖެނުއަރީ 20 ގައި އޮންނައިރު، އެ މެޗުގައި ވާދަކުރާނީ އިންޑިއާއާއެވެ.
އޭގެ ފަހުން، ރާއްޖެ ނުކުންނާނީ ޖެނުއަރީ 22 ގައި ނޭޕާލްއާ ދެކޮޅަށެވެ. ޖެނުއަރީ 24 ގައި ބޫޓާންއާ ބައްދަލުކުރުމަށްފަހު، ރާއްޖެއިން މުބާރާތުގައި ކުޅޭނެ އެންމެ ފަހު މެޗުގައި ޖެނުއަރީ 26 ވަނަ ދުވަހު ސްރީލަންކާއާ ވާދަކުރާނެއެވެ.
އަންހެން ޑިވިޝަންގެ ތާވަލު
މުބާރާތް ފަށާ ދުވަހު، ޖެނުއަރީ 13 ގައި، އަންހެން ޓީމު ނުކުންނާނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. ދެވަނަ މެޗު ޖެނުއަރީ 15 ގައި ނޭޕާލްއާ ދެކޮޅަށް ކުޅޭއިރު، ޖެނުއަރީ 17 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާއެވެ. އޭގެ ފަހުން، ޖެނުއަރީ 21 ގައި ބޫޓާންއާ ދެކޮޅަށް ނުކުންނާނެއެވެ.
ޤައުމީ އަންހެން ޓީމުގެ ފަސްވަނަ މެޗު އޮންނާނީ ޖެނުއަރީ 23 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކުރާނީ ޖެނުއަރީ 25 ވަނަ ދުވަހު ބަންގްލަދޭޝްއާއެވެ.
Ads by MACL
