ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އަޝްރަފް ޙަކީމީ ކާމިޔާބުކޮށްފި

2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަޝްރަފް ޙަކީމީ --- ފޮޓޯ: އަލްޖަޒީރާ
2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަޝްރަފް ޙަކީމީ --- ފޮޓޯ: އަލްޖަޒީރާ

2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު، ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ ކާމިޔާބުކޮށްފިއެވެ.

މޮރޮކޯގެ ރަބާތުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މި ޝަރަފުވެރި އެވޯޑު ޙަކީމީ ހޯދީ މިޞްރުގެ މުޙައްމަދު ސަލާހް (ލިވަޕޫލް) އަދި ނައިޖީރިއާގެ ވިކްޓަރ އޮސިމްހެން (ގަލަތަސަރާއި) އާ ވާދަކޮށްގެންނެވެ.

މިއީ ފާއިތުވި 52 އަހަރުގެ ތެރޭގައި ޑިފެންޑަރަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޑިފެންޑަރަކަށް މި މަޤާމު ލިބިފައިވަނީ 1973 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ބްވަންގާ ޝިމެން އަށެވެ. އަދި މިއީ 1998 ގެ ފަހުން މޮރޮކޯގެ ކުޅުންތެރިޔަކު މި އެވޯޑު ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.

މި އެވޯޑު ޙަކީމީއަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޕީއެސްޖީއާއެކު އޭނާ ހޯދި ބޮޑެތި ކާމިޔާބީތަކެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ ތާރީޚީ 'ޓްރެބަލް' އެއް ހަދައި، ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ފްރެންޗް ލީގާއި ފްރެންޗް ކަޕްވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން ޙަކީމީ ބުނީ މިއީ ވަރަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، މި ކާމިޔާބީ ޚާއްޞަކުރަނީ އެފްރިކާގައި ފުޓުބޯޅަ ކުޅުންތެރިންނަށް ވާން ހުވަފެން ދެކޭ ޒުވާން ކުދިންނަށް ކަމަށެވެ.


މި ރަސްމިއްޔާތުގައި އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމު ހޯދީ މޮރޮކޯގެ ޤިޒްލާން ޗެއްބަކް އެވެ.

ކުޅިވަރު

އިތުރަށް ←