ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ކެރަމް ވޯލްޑް ކަޕް: އަންހެން ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުން ރާއްޖެއަށް ދެ މޮޅު

ކެރަމް ވޯލްޑް ކަޕް: އަންހެން ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުން ރާއްޖެއަށް ދެ މޮޅު

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ މެލޭޝިއާ އާއި ސިންގަޕޫރު ބަލިކޮށް، މުބާރާތަށް މޮޅު ފެށުމެއް ދީފައެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދެ މެޗުން ވެސް ރާއްޖެ މޮޅުވީ ސީދާ ތިން ގޭމުންނެވެ.

އަންހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ސީދާ ތިން ގޭމުން މޮޅުވިއެވެ. މި މެޗުގެ ޑަބަލްސްގައި އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ މަސްނޫރާ ބަލިކޮށްފައެވެ. ސިންގަލްސް ދެ މެޗުގައި އައިޝަތު ނަހުފާ އާއި އައިމިނަތު ވިދާދް ވެސް ވަނީ މެލޭޝިއާގެ ކުޅުންތެރިންނަށް ފަސޭހަކަމާއެކު ކުރި ހޯދައިފައެވެ. މައިގަނޑު ގޮތެއްގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ބޮޑެތި ޕޮއިންޓް ތަފާތުތަކުން މެޗުތައް ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ޓީމް އިވެންޓުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ގޭމުން މޮޅުވެފައެވެ. ޑަބަލްސް މެޗުގައި ފައިނާޒް އާއި ނަހުފާގެ ޕެއާ ވަނީ ސިންގަޕޫރުގެ ސްރިވިދްޔާ އާއި ކަނަކަވާލީގެ ޕެއާ ބަލިކޮށްފައެވެ. ސިންގަލްސް ފުރަތަމަ މެޗުގައި ވިދާދް ވަނީ ސިންގަޕޫރުގެ ކަލްޕަނާ ބަލިކޮށްފައެވެ. ނަމަވެސް، ސިންގަލްސް ދެވަނަ މެޗުގައި ރަޔާނާ އަށް ވަނީ ކޮންމެވެސް ވަރެއްގެ ގޮންޖެހުމެއް ކުރިމަތިވެފައެވެ. ފުރަތަމަ ސެޓު ރަޔާނާ ކާމިޔާބު ކުރި ނަމަވެސް، ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ސިންގަޕޫރު ކުޅުންތެރިޔާ ގެންދިޔައެވެ. އެހެންނަމަވެސް، ފަހު ސެޓު ރަޔާނާ ކާމިޔާބުކޮށް ރާއްޖެއަށް ތިންވަނަ ގޭމްގެ މޮޅު ކަށަވަރުކޮށްދިނެވެ.

ގްރޫޕް ބީ ގައި ރާއްޖޭގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު އަދި ސްރީ ލަންކާ ހިމެނެއެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގިނަ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. މިއީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ.

މީގެ ކުރިން ރާއްޖޭގައި ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީން 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ކެރަމް ކުޅުންތެރިންގެ ފެންވަރު ދައްކާލާފައެވެ.

ކުޅިވަރު

އިތުރަށް ←