ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ތާރީޚީ ރިހި މެޑެލް ހާސިލްކޮށްފި
މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ރާއްޖޭގެ އަންހެން ޓީމުން ތާރީޚީ ރިހި މެޑެލެއް ހާސިލްކޮށް، މުބާރާތުގެ ތާރީޚުގައި ޓީމް އިވެންޓެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުގެ ގޮތުގައި ޤައުމަށް ޝަރަފުވެރިކަން ހޯދައިދީފިއެވެ.
މި ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުން ސީދާ ތިން ގޭމުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ރާއްޖޭގެ ޓީމެއް ޓީމް އިވެންޓްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު ރާއްޖޭގެ ކެރަމް ކުޅުންތެރިން ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރެއަށް އާ ބޮޅެއް އިތުރުކޮށްފައެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓު 17-13 އިން ނަހުފާ އާއި ރަޔާނާ ކާމިޔާބުކުރިއެވެ. ނަމަވެސް، ތިންވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން މޮޅުވެ، މެޗު ކާމިޔާބުކޮށްފައެވެ.
Ads by BMLސިންގަލްސްގެ ދެ މެޗުންވެސް ރާއްޖެއަށް ކުރި ހޯދުމެއް ލިބިފައެއް ނުވެއެވެ. ސިންގަލްސްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އާމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ. ސިންގަލްސްގެ ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ ޢާއިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.
ބާސެލޯނާގައި ކުރިއަށްދާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގިނަ ޤައުމުން ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ކެރަމް ވޯލްޑް ކަޕަކީ އައިސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ.
މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. މިފަހަރުގެ ރިހި މެޑެލަކީ އެ ކާމިޔާބީއަށްވުރެ މާބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
