ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ - ވިކްޓަރީ މެޗު އެއްވަރުވެ، ލީގު ރޭސް ހޫނުވެއްޖެ

އެއްވަނައިގައި އޮތް ތިން ޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގޯލްގެ ތަފާތުން ކުރި ހޯދަނީ ---
އެއްވަނައިގައި އޮތް ތިން ޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގޯލްގެ ތަފާތުން ކުރި ހޯދަނީ ---

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ރޭ ކުޅުނު ފޯރިގަދަ މެޗެއްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވިކްޓަރީ ސްޕޯޓްސް 2-2 އިން އެއްވަރުވުމާއެކު ލީގުގެ ކުރިއަށް ފޯރި އިތުރުވެއްޖެއެވެ. މި ނަތީޖާއާއެކު ލީގުގެ އެންމެ ކުރީގައި އުޅޭ ތިން ޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ސީޒަންގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ލީގުގެ ތާވަލުގެ އެއްވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 4 ޕޮއިންޓާއި 7 ލަނޑުގެ ފައިދާއާއެކުއެވެ. ދެވަނައިގައި ވިކްޓަރީ ސްޕޯޓްސް އޮތީ 4 ޕޮއިންޓާއި 6 ލަނޑުގެ ފައިދާއާއެކުއެވެ. ތިންވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީވެސް ހަތަރު ޕޮއިންޓާއެކު ނަމަވެސް އެޓީމަށް ލިބިފައިވަނީ 2 ލަނޑުގެ ފައިދާއެކެވެ. މިކަމުން ދައްކުވައިދެނީ ގޯލްގެ ތަފާތުން ޓީމުތަކުގެ ދެމެދުގައި ވަރަށް ކުޑަ ފަރަގެއްހުރިކަމެވެ.

މާޒިޔާ އިން މި މެޗަށް ނުކުތީ ނޭޕާލްގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ރޭކާ ޕުޑެލް އާއި ދީޕާ ޝާހީ ޓީމާ ގުޅިގެންނެވެ. މި ދެ ކުޅުންތެރިންނަށް މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ނުކުޅެވުނީ ނޭޕާލުގެ ގައުމީ ޓީމުގެ މުހިއްމު މެޗެއް އޮތުމުގެ ސަބަބުންނެވެ. މި ކުޅުންތެރިން ޓީމަށް އައުމުން މާޒިޔާގެ ކުޅުމަށް އިތުރު ބާރެއް ލިބިގެންދިޔައެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މާޒިޔާ އިން މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ، ޑިފެންޑަރު އައިޝަތު މާހިން ފޮނުވާލި ދިގު ބޯޅައަކުން އޭރިޔާ ތެރެއަށް ވަދެ ނޭޕާލްގެ ފޯވަޑް ރޭކާ ޕުޑެލް ކާމިޔާބު ކުރި ލަނޑުންނެވެ. އަދި މެޗުގެ 30 ވަނަ މިނިޓުގައި ރޭކާ އަނެއްކާވެސް މާޒިޔާއަށް ލަނޑެއް ޖަހައި ދެ ލަނޑުގެ ކުރި ހޯދައިދިނެވެ. މި ލަނޑުތަކުގެ ކުރިންވެސް ވިކްޓަރީއަށް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ވިކްޓަރީއެކެވެ. ދެވަނަ ހާފު ފަށައިގެން ވިކްޓަރީ ވަނީ ފުލުފުލުގައި މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. މާޒިޔާ މި ހާފުގައި މާ ނުރައްކާތެރި ހަމަލާއެއް ވިކްޓަރީ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. ވިކްޓަރީގެ ފުރަތަމަ ލަނޑު ޖެހީ 46 ވަނަ މިނިޓުގައި ރުސްތަލޭވް ލޭލާ ރަމްޝޮވާނާ އޭރިޔާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ލަނޑާއެކު ވިކްޓަރީގެ ކުޅުން އަވަސްވެ މެޗުގެ ފޯރިގަދަވެގެން ދިޔައެވެ. ވިކްޓަރީ ނަތީޖާ ހަމަހަމަ ކުރީ ލޭލާ ނަގައިދިން ކޯނަރެއް މާޒިޔާގެ ޑިފެންޑަރުންނަށް އޭރިޔާ ތެރެއިން ސާފުކޮށްނުލެވިގެން އުޅެނިކޮށް، ވިކްޓަރީގެ އައިޝަތު ޝަހާ ޝަރީފް ބޯޅަ ގޯލަށް ވައްދައިލައިގެންނެވެ. މި ނަތީޖާއާއެކު ލީގުގެ ކުރީގައިވާ ޓީމުތަކުގެ ދެމެދުގައިވާ ވާދަވެރިކަން އިތުރުވެފައިވާއިރު، މާދަމާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނެއެވެ.

ކުޅިވަރު

އިތުރަށް ←