ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި ރާއްޖެއަށް 10 ދަރަޖައިގެ ކުރިއެރުމެއް!

ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި ރާއްޖެއަށް 10 ދަރަޖައިގެ ކުރިއެރުމެއް!

ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި ރާއްޖެއަށް 10 ދަރަޖައިގެ ފާހަގަ ކޮށްލެވޭ ކުރިއެރުމެއް ލިބި 141 ވަނައިގައި ހަޔަރިފިއެވެ. މި ކުރިއެރުން ލިބިފައިވަނީ، އެންމެ ފަހުން ވާދަކުރި ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގެ އޭޝިއާ/އޯޝޭނިއާ ގުރޫޕް ފަހެއްގެ އެއްވަނަ ރާއްޖެ ހޯދުމުންނެވެ.

މިފަހަރުގެ ޑޭވިސް ކަޕްގައި ރާއްޖޭގެ ޤައުމީ ޓީމު ވަނީ އޭޝިއާ/އޯޝޭނިއާ ގުރޫޕް 5ގެ ޑީ ގުރޫޕްގެ އެއްވަނަ ހޯދައި، ޕްރޮމޯޝަން ޕްލޭ އޮފްއަށް ދަތުރުކޮށްފައެވެ. އެހެންނަމަވެސް ޕްރޮމޯޝަން ޕްލޭ އޮފްގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދަން މެރިއާނާ އައިލެންޑްސް އަތުން ބަލިވިއެވެ. މިއީ ޓެނިސް ވޯލްޑް ކަޕްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް ފާހަގަކުރެވެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ޤައުމީ ޓީމުގެ ކެޕްޓަން ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެވެ.

މީގެ ކުރީ އަހަރުތަކުގައި ޑޭވިސް ކަޕްގެ ގުރޫޕުގެ އެއްވަނައާ ހަމައަށް ރާއްޖެއަށް ނުދެވުނަސް، މިއަހަރުގެ މި ކާމިޔާބީއާއެކު ރާއްޖޭގެ ޓެނިސް ކުރިއަރަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައި ޓެނިސް އެސޯސިއޭޝަނުން މިކަން ފާހަގަކުރެއެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިފައިވުމަކީ، ގައުމީ ކުޅުންތެރިންގެ ހުނަރާއި، ގައުމީ ކޯޗުންގެ މަސައްކަތުގެ ނަތީޖާއެއްކަމުގައި އެސޯސިއޭޝަނުން ބުނެއެވެ. މިކަމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި، ކުރިމަގުގައި މީހޫނަށްވުރެ ބޮޑެތި ކާމިޔާބީތައް ހޯދޭނެކަމަށް އުންމީދުކުރެއެވެ.

ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތީ އިޓަލީއެވެ. ދެވަނައިގައި ޖަރުމަނު އޮތްއިރު، އެ ގައުމު ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ތިންވަނައިގައި އޮތީ ސްޕެއިންއެވެ. ސްޕެއިން ވަނީ 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. މިއަހަރު ދުނިޔޭގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ތުރުކުމެނިސްތާނުއެވެ. އެގައުމު ވަނީ 21 ދަރަޖަ ކުރިއަށް ޖެހިލާ 121 ވަނަ މަގާމަށް އަރާފައެވެ.

އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ކުރިއެކޭ އެއްގޮތަށް އެންމެ ކުރީގައި އޮތީ 22 ވަނައިގައިވާ ކޮރެއާ ރިޕަބްލިކެވެ. ޖަޕާން އޮތީ 23 ވަނައިގައެވެ. އަދި ޗައިނީޒް ތައިޕޭ 28 ވަނައިގައި، ކަޒަކިސްތާނު 31 ވަނައިގައި، އަދި އިންޑިއާ 33 ވަނައިގައެވެ. ރާއްޖެއާއެކު މި ސަރަހައްދުގެ ގައުމުތަކުން ބަޙްރެއިން 15 ދަރަޖަ ކުރިއަށް ޖެހިލައި 124 ވަނައިގައި އޮތްއިރު، ޔޫއޭއީ 13 ދަރަޖަ ކުރިއަށް ޖެހިލައި 127 ވަނައިގައި އޮތެވެ. ނަމަވެސް، އީރާނާއި ނޭޕާލް އަދި ބޫޓާން ފަދަ ގައުމުތަކަށް ރޭންކިންގައި ފަހަތަށް ޖެހިލާން ޖެހިފައިވެއެވެ.

ކުޅިވަރު

އިތުރަށް ←