ގައުމީ ކުޅިވަރު ޓީމުތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބޭނެ: މިނިސްޓަރ ރާފިއު
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ނޭޝަނަލް ޓީމްތަކަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝިއުރެންސް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވެ. މިއީ ކުޅުންތެރިންނާއި އޮފިޝަލުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅުއްވާ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
މިނިސްޓަރ ރާފިއު ވިދާޅުވީ، ކުޅިވަރުގެ ދާއިރާގައި ހެލްތު އިންޝިއުރެންސްއެއް ތައާރަފް ކުރުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވީ ނަމަވެސް، އަދި މިހާތަނަށް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، މި ބަދަލަކީ ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އަންނަ ހެޔޮ ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭ މި ހެލްތު އިންޝިއުރެންސްގެ ތެރޭގައި ގައުމީ ޓީމްތަކުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނާއި، އެ ޓީމްތަކުގެ އޮފިޝަލުން ވެސް ހިމެނޭނެ ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ. މިއީ ވަކި ބަޔަކަށް ޚާއްސަ ނުކޮށް، ކުޅިވަރުގެ ހުރިހާ ދާއިރާއަކަށް ފޯރުކޮށްދެވޭނެ އެހީއެކެވެ.
ކުޅިވަރު ކުޅޭ ކުދިންގެ ސިއްހީ ނިޒާމު ކަށަވަރު ކުރުމަކީ ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީ އަށް ކޮށްދެވޭނެ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޅިވަރުގައި ދިމާވާ އަނިޔާތަކާއި ބަލިތަކަށް ފަރުވާ ހޯދުމަށް ފަސޭހަވެގެން ދިއުމަކީ ކުޅުންތެރިންގެ މެދުގައި ހިތްހަމަޖެހުން އިތުރުވެ، އެމީހުންގެ ކުޅިވަރަށް ހިތްވަރު ލިބޭނެ ކަމެކެވެ.
ކުޅިވަރުގެ ދާއިރާއަށް ހެލްތު އިންޝިއުރެންސެއް ތައާރަފް ކުރެވިގެންދިއުމަކީ ރާއްޖޭގެ ކުޅިވަރުގެ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމެއް ކަމަށް މިނިސްޓަރ ރާފިއު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކުޅިވަރުގެ ކުރިއެރުމަށް ގިނަ ގޮތްގޮތުން އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު އިންޝިއުރެންސްގެ މުހިއްމުކަން އެންމެންނަށް އެނގުނު ނަމަވެސް، އެކަން ހަމަޖެހިފައި ނެތް އޮތުން އަންނަ އަހަރު ނިމުމަކަށް ގެނެވޭނެކަން މިނިސްޓަރގެ ވާހަކަފުޅުން ހާމަވިއެވެ. މިއީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި ރައްކާތެރިކަމެކެވެ.
Ads by MACL
