ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އައިޝްވާރިޔާ ވަރިކުރާކަށް ނޫޅެން: އަބީޝެކް ބައްޗަން


ބޮލީވުޑްގެ އެ ދެތަރިން ވަރިވާކަމަށް ފެތުރި އަޑުތައް އޭނާ އަނެއްކާވެސް ދޮގުކޮށްފައި ---
ބޮލީވުޑްގެ އެ ދެތަރިން ވަރިވާކަމަށް ފެތުރި އަޑުތައް އޭނާ އަނެއްކާވެސް ދޮގުކޮށްފައި ---

އިންޑިއާގެ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން އޭނާގެ އަންހެނުން، ދުނިޔޭގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބައްޗަން ވަރިކުރަން އުޅޭ ކަމަށް ފެތުރިފައިވާ އަޑުތައް ހަރުކަށިކޮށް ދޮގުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ނޫހެއް ކަމަށްވާ "ޕީޕީން މޫން" އަށް ދެއްވި އިންޓަވިއުއެއްގައި، ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި މިފަދަ ވާހަކަތައް ފެތުރޭތީ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

"ސެލެބްރިޓީއަކަށް ވެއްޖިއްޔާ އެ މީހަކާ ގުޅުވައި ކޮންމެފަދަ ވާހަކައެއް ވެސް ފަތުރަފާނެ. މުޅިން ވެސް ލިޔެފައި ހުރީ ބުހުތާނު ދޮގު، އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނެތް،" އަބީޝެކް ބުންޏެވެ. އޭނާ ފާހަގަކުރެއްވީ މަޝްހޫރު ބައެއްގެ ދިރިއުޅުމާ ގުޅޭގޮތުން ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައުރުވާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ދިމާވާ ދަތިތަކެވެ.

އަބީޝެކް އިތުރަށް ވިދާޅުވީ، މިފަދަ އަޑުތައް ފެތުރެން ފެށީ އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން ކަމަށެވެ. "އަހަރެމެން ކައިވެނި ކުރުމުގެ ކުރިން ވެސް މި ކަމެއް ފެށިއްޖެ. ފުރަތަމަ އެ މީހުން ކުރި ކަމަކީ އަހަރެމެން ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން ވާހަކަ ފެތުރުން. ދެން އަހަރެމެން ކައިވެނި ކުރީމަ އެ މީހުން މިހާރު އެ އުޅެނީ އަހަރެމެން ވަރިވާނެ އިރަކާ މެދުގައި ވިސްނަން. މިއީ ހުސް ބޭކާރު ވާހަކަ. އޭނާ [އައިޝްވާރިޔާ] އަށް އެނގޭނެ އަހަރެންގެ ހަގީގަތް. އަހަންނަށް އެނގޭ އޭނާ،" އޭނާ ވިދާޅުވިއެވެ.

އަބީޝެކް ބުނެފައިވަނީ، އެ އާއިލާ ދިރިއުޅެނީ ވަރަށް އުފާވެރިކޮށް ކަމަށާއި އެއަށް ވުރެ މުހިންމު އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ. އާއިލާގެ އެއްބައިވަންތަކަމާއި އުފާވެރިކަން ދެމެހެއްޓުމަކީ އެ ދެތަރިންނަށް އެންމެ މުހިއްމު ކަމެއް ކަމަށް އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.

އައިޝްވާރިޔާ އާއި އަބީޝެކް ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް މިދިޔަ އަހަރު ވަރަށް ގަދަވެފައިވެއެވެ. އެކަމަކު، ފަހުން އަބީޝެކް ވަނީ އެ ދެމަފިރިންގެ ގުޅުން ރަނގަޅު ކަމަށާއި، މިފަދަ އަޑުތަކަށް ސަމާލުކަން ނުދިނުމަށް އެދިފައެވެ.

އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނި ކުރީ އެޕްރީލް 20، 2007 ގަ އެވެ. އެ މީހުންގެ ހުންނަ ހަމައެކަނި ދަރިފުޅު އަރަދުޔާ ލިބުނީ ނޮވެމްބަރު 16، 2011 ގަ އެވެ. އެމީހުންގެ ކައިވެންޏަށް މިހާރު 17 އަހަރުވެފައިވާއިރު، އަރަދުޔާ އަށް ވެސް 12 އަހަރު ފުރިފައިވާނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←