ކޮލަމް: ފްލެޓް ދައުލަތުން، ކުލި ދައުލަތުން، އިންސާފެއްހޭ؟
ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ސަރަޙައްދަށް ވީހިނދު، މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އެކި ސަރުކާރުތަކުން ވަނީ ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފައެވެ. ނަމަވެސް، މި މަޝްރޫޢުތަކުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ކުލި އަދި ޑައުންޕޭމަންޓް މާފުކޮށްދިނުމާއި، އަގުތައް ކުޑަކޮށްދިނުމަކީ، އެހެން ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއްކަމުގެ ޝަކުވާތައް މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. "ފްލެޓް ދައުލަތުން، ކުލި ދައުލަތުން، އިންސާފެއްހޭ؟" މި ސުވާލު އުފެދެނީ، ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ ލޯނުތަކުން ހިންގާ މިފަދަ މަޝްރޫޢުތަކުގެ މާލީ ބުރަ، ފްލެޓް ނުލިބޭ ރައްޔިތުން ވެސް އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ވަސީލަތެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އިންތިޚާބުތަކާ ދިމާކޮށް، ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، ޑައުންޕޭމަންޓް މާފުކުރުން ނުވަތަ ކުޑަކުރުން ފަދަ ނިންމުންތައް ނިންމަމުންދަނީ އިޤްތިޞާދީ ހަމަތަކަށް ބެލުމެއް ނެތިއެވެ. މިސާލަކަށް ހިޔާ ފްލެޓް މަޝްރޫޢާއި ވިނަރެސް ފްލެޓް މަޝްރޫޢަށް ބަލާއިރު، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަގުތަކަށް ގެންނަ ބަދަލުތަކުން ދޭހަވަނީ، މިއީ ރައްޔިތުންގެ ލާބަޔަށްވުރެ ބޮޑަށް ވޯޓު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން، ރައީސް ޞާލިޙްގެ ސަރުކާރާއި، އަދި މިހާރުގެ ރައީސް މުޢިއްޒުގެ ސަރުކާރާ ހަމައަށް އައިއިރު ވެސް ފެންނަމުންދަނީ އެއްބަޔަކަށްވުރެ އަނެއް ބަޔަކު ކުލި ކުޑަކޮށްދީ، ލުއިތައް ދޭތަނެވެ.
މިފަދަ ނިންމުންތަކުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާއެކެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި ހުރި އަށް ހާހެއްހާ ފްލެޓްގެ ތެރެއިން ގާތްގަނޑަކަށް 5000 ފްލެޓުން ގަވާއިދުން ކުލި ނުދައްކާއިރު، ދައުލަތަށް ލިބެންޖެހޭ 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުއްޓެވެ. މި ޙާލަތުގައި ތިބެ، ކުލި ނުދައްކާ މީހުންގެ ޖޫރިމަނާތައް މާފުކޮށްދިނުމަކީ، ގަވާއިދުން ކުލި ދެއްކި ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ނާއިންސާފެކެވެ. މީގެ ސަބަބުން އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތައި، ދަތި ޙާލުގައި ވެސް ކުލި ދެއްކި މީހުންނަށް ލިބުނީ މާލީ ގެއްލުމެކެވެ. އަދި މުސްތަޤްބަލުގައި ވެސް މީހުން ގަވާއިދަށް ބޯލެނބުމުގެ ބަދަލުގައި، ކުލި ނުދައްކާ ތިބުމަށް މިކަމުން ހިތްވަރު ލިބިގެންދެއެވެ.
Ads by BMLމީގެ އިތުރުން، މިއީ މުޅި ދައުލަތުގެ މާލިއްޔަތަށާއި އެހެނިހެން ރައްޔިތުންނަށް ވެސް ކުރެވޭ ބޭއިންސާފެކެވެ. ސަބަބަކީ މި ފްލެޓްތައް އެޅުމަށް ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކަންޖެހޭތީއެވެ. ފްލެޓް ލިބުނު މީހުންގެ އަތުން ކުލި ނުލިބޭނަމަ، ނުވަތަ ކުލި ކުޑަކޮށްފިނަމަ، އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. މާނައަކީ، ބޯހިޔާވަހިކަމެއް ނެތި، މާލޭގެ ކުދި ތަންތަންކޮޅުގައި ބޮޑު ކުލި ދައްކައިގެން އުޅޭ ނިކަމެތި ރައްޔިތު މީހާ ދައްކާ ޓެކްސް ފައިސާ، ފްލެޓް ލިބުނު މީހާގެ ލޯނު ދެއްކުމަށް ޚަރަދުކުރުމެވެ. މިއީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބެލިކަމުގައި ވިޔަސް ހަމަޖެހޭ އުޞޫލެއް ނޫނެވެ.
ހަމައެއާއެކު، ސިޔާސީ ބޭނުމަށް ކުއްލިއަކަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ފުރުޞަތު ގެއްލުނު މީހުންގެ ޙައްޤުތައް ވެސް ވަނީ ގެއްލިފައެވެ. މިސާލަކަށް ވިނަރެސް ފްލެޓްތަކުގެ އަގު ބޮޑުކަމުން، އެ ފައިސާ ނުދެއްކޭނެތީ ފްލެޓް ދޫކޮށްލި އެތައް ބަޔަކު ތިއްބާ، ކުއްލިއަކަށް އަގުތައް ކުޑަކޮށްލުމުން އެ ފަރާތްތަކަށް ވަނީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުން އަސަރުކޮށްފައެވެ. އެމީހުން ފްލެޓް ދޫކޮށްލީ އޭރު ކަނޑައަޅާފައިވާ އަގު ނުދެއްކިގެން ކަމަށްވާއިރު، ފަހުން ކުޑަކުރި އަގަކީ އެމީހުންނަށް ވެސް ދެއްކިދާނެ އަގެއްކަމަށް ވުމީ، ދައުލަތުގެ ނިންމުންތަކުގައި ހަރުދަނާކަމެއް އަދި އިންސާފުވެރިކަމެއް ނެތްކަން ހާމަވާ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، "ފްލެޓް ދައުލަތުން، ކުލި ދައުލަތުން" މި އުޞޫލަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމެއް ހިންގޭނެ ގޮތެއް ނޫނެވެ. ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބަހަންވާނީ ހަމަހަމަ އުޞޫލަކުން، އެންމެންގެ މަސްލަޙަތު ހިމާޔަތްކުރެވޭނެ ގޮތަކަށެވެ. ކުލި ނުދައްކާ ފަރާތްތަކަށް މާފުކޮށްދިނުމާއި، ސިޔާސީ މަންފާއަށްޓަކައި އަގުތައް ކުޑަކުރުމަކީ، ޒިންމާދާރުކަމާއެކު އުޅޭ ރައްޔިތުންނަށް ދެވޭ އަދަބެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރަންވާނީ ސިޔާސީ ކުލަވަރު ނުޖެހޭ، ހަރުދަނާ އަދި އިންސާފުވެރި ސިޔާސަތުތަކެއްގެ ތެރެއިންނެވެ.
Ads by MACL
