ކިޔުންތެރިންނަށް ސުވާލެއް: ހިތާ ދެކޮޅަށް، ”ނޫނެކޭ“ ބުނަން ބޭނުންވި ކަމެއްގައި ”އާނއެކޭ“ ބުނެވުނީ އެންމެ ފަހުން ކޮން އިރަކު ހެއްޔެވެ؟
ދާން ބޭނުން ނުވިޔަސް، ވަގުތު ނެތަސް، އަދި އެކަމަށް ހަކަތަ ނެތް ކަމުގައި ވިޔަސް، ސިކުނޑިން އެކަމާ މެދު ވިސްނާލުމުގެ ކުރިން ”އާނ، މައްސަލައެއް ނެތް!“ އޭ ބުނެވޭ ފަހަރު އާދެއެވެ.
މިއީ އަހަރެމެން އެންމެންނަށްވެސް ކުރިމަތިވާ ކަމެކެވެ.
މީހަކު ކަމަކަށް އެދޭ ހިނދު، އެކަމެއް ކުރަން ބޭނުންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމުގެ ކުރިން އެކަމަކަށް އެއްބަސްވެވެއެވެ. އޭގެ ފަހުން، ކުރަން ބޭނުން ނުވާ ކަމަކަށް އަމިއްލައަށް އިސްނަގައިގެން އެއްބަސްވެވުނީ ކީއްވެގެންތޯ ހިތާ ސުވާލުކުރަން ޖެހެއެވެ. އަމިއްލަ ނަފްސު ”ޑިސަޕޮއިންޓް“ ކޮށްލެވުނީ ދޯ؟
Ads by BMLމީގައި އެންމެ އުނދަގޫވާ ކަމަކީ، އެކަމުގައި އެހެން މީހެއްގެ ބޮލުގައި އިލްޒާމް އެޅުވޭކަށް ނޯވެއެވެ. އެކަމަށް އެއްބަސްވީ އަމިއްލައަށެވެ. އެއީވެސް ވަރަށް ފޯރިއާއެކުގައެވެ!
ނޫނެކޭ ބުނުމަކީ މިހާ އުނދަގޫ ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އުނދަގޫވަނީ ބޭނުންވާ ގޮތް ނޭނގިގެންނެއް ނޫނެވެ. ނަމަވެސް، ”ނޫނެކޭ“ ބުނުމުން ދެން ކުރިމަތިވެދާނެ ކަންތައްތަކާ ކުރިމަތިލާން ބޭނުން ނުވަނީއެވެ.
އެމީހަކު ހިތްހަމަނުޖެހިދާނެ ހެއްޔެވެ؟ އަހަރެމެންނަކީ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ހީކޮށްފާނެހެން ހީވެ ހެއްޔެވެ؟ އަހަރެމެންނާ ވާހަކަ ދެއްކުން ހުއްޓާލާފާނެ ހެއްޔެވެ؟ ނުވަތަ އަހަރެމެން ބަދަލުވެއްޖެ ކަމަށް ބުނެ އެހެން މީހުންގެ ގާތުގައި ޝަކުވާ ކޮށްފާނެ ހެއްޔެވެ؟ މިހާރަކަށް އައިސް ބުނަންޏާ ކޮފީ މޭޒެއްގެ ”ޓީ“ ޓޮޕިކަށް ވެދާނެތީ ހެއްޔެވެ؟
ފެންނަ ފެނުމަށް ކުޑަ މި ބަހަކީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއްވެސް ކުރުވާ ބަހެކެވެ.
ނަފްސާނީ އިލްމުވެރިން މިފަދަ އަމަލުތައް ގުޅުވަނީ އެހެން މީހުން ރުއްސުމަށް މަސައްކަތް ކުރުމާއި، އެހެން މީހުން ބާކީކޮށްފާނެ ކަމުގެ ބިރާއި، އަދި މުޖުތަމައުގެ ތެރޭގައި އެންމެން ގަބޫލުކުރާ މީހަކަށް ވުމަށް ބޭނުންވާ ބޭނުންވުމާއެވެ. ގުޅުންތައް ދެމެހެއްޓުމަށާއި ހަމަނުޖެހުންތަކުން ދުރުވުމަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެކެވެ. އެހެން މީހުންނަށް އެހީތެރިވުމާއި އަޅާލުމަކީ ރަނގަޅު ސިފައެކެވެ. ނަމަވެސް، ހެޔޮލަފާ މީހަކަށް ވުމާއި، އަމިއްލަ ނަފްސަށް ގެއްލުންވާ ފަދަ ގޮތަކަށް އަބަދު އެހެން މީހުންނަށް ހުސްވެގެން ހުރުމާ ދެމެދު ތަފާތެއް ވެއެވެ.
ދެން ހިނގާބަލަ ”ގިލްޓް“ ނުވަތަ ކުއްވެރިކަމުގެ އިހުސާސާއި ބެހޭގޮތުން ވާހަކަ ދައްކާލަން.
ބައެއް މީހުންނަށް ހަމައެކަނި އަރާމުކޮށްލުމަކީ ވެސް ކުށްވެރިކަމުގެ އިހުސާސެއް ކުރެވޭ ކަމެކެވެ. އަނެއްބަޔަކު މެސެޖަކަށް ވަގުތުން ޖަވާބު ނުދެވުމުން އެފަދަ އިހުސާސެއް ކުރެއެވެ. ބައެއް މީހުން އަމިއްލަ ކަމެއްގައި އުޅޭތީ ނުވަތަ ވަގުތު ނެތުމުން މާފަށްވެސް އެދެއެވެ. އެއީ އަމިއްލަ ދިރިއުޅުމެއް އޮތުމަކީ ކުށެއް ކަމުގައި ދެކޭ ފަދައިންނެވެ.
އަހަރެމެން މީހެއްގެ ހިތުގައި ޖައްސަން ބޭނުން ނުވާތީ ’އާނއެކޭ‘ ބުނަމެވެ. އެކަމަކު އަމިއްލަ ނަފްސުގެ އިހުސާސްތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟
ވިސްނާލަބަލާށެވެ. އެހެން މީހަކު މާޔޫސްވެދާނެތީ، ކިތައް ފަހަރު ތިބާގެ އަމިއްލަ ރޭވުންތައް ކެންސަލްކޮށް، ވަރުބަލިކަން އެއްފަރާތްކޮށް، ނުވަތަ އިތުރު ޒިންމާތަކެއް އުފުލާފައިވާނެ ހެއްޔެވެ؟
އަދި ކޮންމެވެސް ސަބަބަކާ ހުރެ، އެހެން މީހުން މާޔޫސްވިޔަ ނުދިނުމަށްޓަކައި، އަމިއްލަ ނަފްސު މާޔޫސްކޮށްލުމަކީ އަހަރެމެންނަށް މިހާރު ވަރަށް ފަސޭހަ އަދި އާދައިގެ ކަމަކަށް ވެއްޖެއެވެ.
މީގެ އިޖުތިމާއީ ފަރާތެއް ވެސް ވެއެވެ. ހާއްސަކޮށް އެކަކު އަނެކަކާ ގުޅުން ބޮޑު ގާތް މުޖުތަމައުތަކުގައެވެ. ކަމަކަށް އިންކާރު ކުރުމަކީ ބައެއް ފަހަރު ބޮޑާކަމެއްގެ ގޮތުގައި، ނުވަތަ އިހުތިރާމް ކުޑަކުރުމެއް ނުވަތަ މިޒާޖަށް އައި ކުއްލި ބަދަލެއްގެ ގޮތުގައި މާނަކުރެވެއެވެ. ”އިއްޔެ ތިއީ ވަރަށް އެހީތެރި މީހެކެވެ. އެކަމަކު މިއަދު ތިބާގެ އަމިއްލަ އިންތަކެއް (boundaries) ގެންގުޅެނީ ހެއްޔެވެ؟ ތިބާއަށް ކިހިނެއްވީ ހެއްޔެވެ؟“
އެއްވެސް ކަމެއް ނުވެއެވެ. ތިބާއަށް ހަމައެކަނި އެނގުނީ، އަމިއްލަ އިމެއް ނުވަތަ މިންގަނޑެއް ގެންގުޅުމުގެ ހައްގު ތިބާއަށް ވެސް އޮތް ކަމެވެ.
ދައުވަތަކަށް އުޒުރުވެރިވާ ކޮންމެ ފަހަރަކު، އެކަމަށް ދިގު ތަފްސީލީ ބަޔާނެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރު، ”މިވަގުތު ތިޔަކަމުގައި ބައިވެރިވެވޭކަށް ނެތެވެ،“ މިހެން ބުނުމަކީ އެކަނިވެސް ފުދޭ މިންވަރެކެވެ.
މީހަކުދެކެ ލޯބިވީ ނަމަވެސް އެމީހެއްގެ ޚިޔާލާ ތަފާތުވުމަކީ ކުރެވިދާނެ ކަމެކެވެ. މީހަކަށް ހެޔޮއެދޭ ހާލު، އެމީހަކު ބޭނުންވާ ކޮންމެ ވަގުތަކު ހާޒިރުވެ ނުހުރެވިދާނެއެވެ. ހަމައެހެންމެ، ކޮންމެ ކަމަކަށް އާނބަސް ނުބުނެވެސް، ތިޔަބޭފުޅާއަކީ ރަނގަޅު ރަހުމަތްތެރިއަކަށް، ދަރިއަކަށް ނުވަތަ އަވަށްޓެރިއަކަށް ވެވިދާނެއެވެ.
އަމިއްލަ ނަފްސަށްޓަކައި ކަނޑައަޅާ މިންގަނޑުތަކަކީ އަނެކުންނަށް ކުރެވޭ ބޭއިންސާފެއް ނުވަތަ ނޭދެވޭ އަމަލެއް ކަމުގައި ދެކުން ހުއްޓާލަން ޖެހެއެވެ. ސަބަބަކީ، ރަނގަޅު މީހަކަށް ވުމަކީ އަބަދުވެސް އަނެކުންނަށްޓަކައި ހުސްވެގެން ހުރުން ލާޒިމުކުރާ ކަމަކަށް ނުވާތީއެވެ.
އަދި ދެން ފަހަރަކުން ކަމަކަށް އުޒުރުވެރިވާން ބޭނުންވާ ހިނދު، ކުށްވެރިކަމުގެ އިހުސާސް ކުރެވި، ހިތުގައި މާފަށް އެދުމުގެ ޚިޔާލުތައް އުފެދުމުގެ ކުރިން ސީދާކޮށް އެކަމަށް އުޒުރުވެރިވާށެވެ.
ކިޔުންތެރިންނަށް ސުވާލެއް: ހިތާ ދެކޮޅަށް، ”ނޫނެކޭ“ ބުނަން ބޭނުންވި ކަމެއްގައި ”އާނއެކޭ“ ބުނެވުނީ އެންމެ ފަހުން ކޮން އިރަކު ހެއްޔެވެ؟
Ads by MACL
