ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިންޑިއާގެ ޖޮބްސް ގެރެންޓީ ސްކީމް: ގްލޯބަލް މޮޑެލްއެއް ނުރައްކަލެއްތަ؟

އިންޑިއާގެ ޖޮބްސް ގެރެންޓީ ސްކީމް: ގްލޯބަލް މޮޑެލްއެއް ނުރައްކަލެއްތަ؟

އިންޑިއާގެ ރަށްފުށުގެ ފަގީރުންނަށް ވަޒީފާ ކަށަވަރުކޮށްދިނުމަށް ހިންގަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ ޕްރޮގްރާމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މިއީ އެގައުމުގެ އެތައް މިލިއަން ބައެއްގެ ދިރިއުޅުމުގެ މައިބަދައިގެ ގޮތުގައި ސިފަކުރެވޭ ސްކީމަކަށްވާއިރު، އަލަށް ގެނައި ބަދަލުތަކާ ގުޅިގެން އިގްތިސާދީ މާހިރުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ސްކީމަކީ 2005 ވަނަ އަހަރު ކޮންގްރެސް ޕާޓީގެ ވެރިކަމުގައި ތަޢާރަފްކުރި "ނޭޝަނަލް ރޫރަލް އެމްޕްލޯއިމަންޓް ގެރެންޓީ ސްކީމް" (އެމް.ޖީ.އެން.އާރް.އީ.ޖީ.އޭ) އެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރަށްފުށުގެ ކޮންމެ އާއިލާއަކަށް، އަހަރަކު މަދުވެގެން 100 ދުވަހުގެ މުސާރަ ލިބޭނެ މެނުއަލް މަސައްކަތް ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމެވެ. އިންޑިއާގެ 1.4 ބިލިއަން މީހުންގެ ތެރެއިން 65 އިންސައްތަ މީހުން ދިރިއުޅެނީ ރަށްފުށުގައި ކަމަށްވާއިރު، އަދި އޭގެ ތެރެއިން ގިނަ ބަޔަކު ބަރޯސާވަނީ އާމްދަނީ ކުޑަ ދަނޑުވެރިކަމަށް ކަމަށްވުމުން، މި ސްކީމް ވެފައިވަނީ ފަގީރުކަމުން އަރައިގަތުމަށް އޮތް ވަރަށް މުހިންމު ވަސީލަތަކަށެވެ.

ރަށްފުށުގެ އިގްތިސާދަށް ލޮޅުންއަރާ ދަނޑިވަޅުތަކުގައި، ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ސިޓީތަކުން އެނބުރި ރަށްރަށަށް ދިޔަ މީހުންނަށް އާމްދަނީއެއް ހޯދައިދިނުމުގައި މި ސްކީމް މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ އިތުރުން މިއީ މުޖުތަމަޢުގެ އެންމެ ނިކަމެތި ފަންތީގެ މީހުންނަށް އެހީތެރިވެދޭ ނިޒާމެކެވެ. މިގޮތުން މި ސްކީމްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 126 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނެވެ. އަދި 40 އިންސައްތަ މީހުންނަކީ އެންމެ ދަށު ފަންތީގެ ކާސްޓްތަކަށް ނިސްބަތްވާ މީހުންނެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ތަޢާރަފްކުރި އާ ގާނޫނުގެ ދަށުން، މި ސްކީމްގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ކުރިން "މަހާތުމާ ގާންދީ" ގެ ނަމުން ނަންދީފައިވާ މި ސްކީމްގެ ނަމުން ގާންދީގެ ނަން އުނިކުރުމެވެ. އާ ގާނޫނަށް ކިޔަނީ "ގްރާމް ޖީ" (G RAM G) އެވެ. މި ގާނޫނުގެ ދަށުން، އަހަރަކު މަސައްކަތް ކުރުމަށް ކަށަވަރުކޮށްދޭ ދުވަހުގެ އަދަދު 100 އިން 125 އަށް ވަނީ އިތުރުކޮށްފައެވެ.

ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ސްކީމްގެ ޚަރަދުތައް ބެލެހެއްޓުމަށް ގެނައި ބަދަލާ މެދުގައެވެ. ކުރިން މަރުކަޒީ ސަރުކާރުން މުސާރައިގެ ހުރިހާ ޚަރަދަކާއި މެޓީރިއަލް ޚަރަދުގެ ބޮޑުބައި (ޖުމްލަ ޚަރަދުގެ ގާތްގަނޑަކަށް 90 އިންސައްތަ) ބެލެހެއްޓި ނަމަވެސް، އާ ނިޒާމުގެ ދަށުން މަރުކަޒީ ސަރުކާރުން ބަލަހައްޓާނީ 60 އިންސައްތައެވެ. ބާކީ 40 އިންސައްތަ ބަލަހައްޓަން ޖެހޭނީ ސްޓޭޓް (ޕްރޮވިންސް) ތަކުންނެވެ. މިކަމުގެ ސަބަބުން ސްޓޭޓްތަކަށް މާލީގޮތުން ބޮޑު ބުރައެއް އުފުލަންޖެހޭއިރު، ސްކީމް ހިންގުމުގެ ކޮންޓްރޯލް އަދިވެސް އޮންނާނީ މަރުކަޒީ ސަރުކާރުގެ އަތުގައެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިސްލާހުތަކަކީ ސްކީމް ޒަމާނީކޮށް، ކޮރަޕްޝަން ނައްތާލައި، ފަގީރުން އިތުރަށް ބާރުވެރިކުރުމަށް ގެނައި ހެޔޮ ބަދަލުތަކެކެވެ. ފެޑެރަލް އެގްރިކަލްޗަރ މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހާން ވިދާޅުވި ގޮތުގައި މި ގާނޫނަކީ ފަގީރުންނާއި ތަރައްގީއަށް އެއްބާރުލުންދޭ، އަދި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރިހަމަ ގެރެންޓީ ދޭ ގާނޫނެކެވެ. ނަމަވެސް، މި ސްކީމް ހިންގުމަށް މިއަހަރުގެ ބަޖެޓުގައި 9.5 ބިލިއަން ޑޮލަރު ކަނޑައަޅާފައިވީ ނަމަވެސް، ވަޒީފާ ނުލިބޭ މީހުންނަށް އެލަވަންސް ދިނުމުގެ ޒިންމާ ސްޓޭޓްތަކުގެ ބޮލުގައި އެޅިފައި އޮތުމަކީ ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ނުކުތާއެކެވެ.

އިދިކޮޅު ފަރާތްތަކާއި އިގްތިސާދީ މާހިރުން ދެކޭގޮތުގައި ފަންޑު ދިނުން މަދުކޮށް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ކަންކަން ގެންދިއުމަކީ މި ސްކީމް ބަލިކަށިކޮށްލުމެވެ. ތަރައްގީގެ ދާއިރާގެ އިގްތިސާދީ މާހިރެއް ކަމަށްވާ ޖީން ޑްރޭޒް ވިދާޅުވި ގޮތުގައި، މަސައްކަތު ދުވަސް 125 އަށް އިތުރުކުރުމަކީ މީހުންގެ ލޯމަތީގައި އަޅުވާ "އަނދުންގަނޑެކެވެ". ސަބަބަކީ މިހާރު ވެސް ގިނަ މީހުންނަށް ގާނޫނުން ލާޒިމުކުރާ 100 ދުވަހުގެ މަސައްކަތް ވެސް ހަމަޔަށް ނުލިބޭތީއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މާލީ ދަތިކަން ކުރިމަތިކުރުވާފައި ދުވަސް އިތުރުކުރުމަކީ އޮޅުވާލުމެކެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ މުސާރައިގެ ރޭޓް މަތިކުރުމެވެ.

މިކަންކަމާ ގުޅިގެން، އދ. ގެ ޚާއްސަ ރެޕޯޓަރަކު އިސްވެ ހުންނަވައި ބައިނަލްއަގްވާމީ މާހިރުންގެ ގްރޫޕަކުން ވެސް ވަނީ އިންޑިއާ ސަރުކާރަށް ސިޓީއެއް ފޮނުވައި، މި ސްކީމް ރޫޅާލުމަކީ ނުވަތަ ބަލިކަށިކޮށްލުމަކީ ތާރީޚީ ކުށަކަށް ވެދާނެކަމުގެ އިންޒާރު ދީފައެވެ. އެފަރާތްތަކުން ދެކޭގޮތުގައި އާ ފަންޑިންގ މޮޑެލްގެ ސަބަބުން ސްކީމްގެ އަސްލު މަގުސަދު ގެއްލިގެން ހިނގައިދާނެއެވެ.

މި ސްކީމަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މީގެ ސަބަބުން ފަގީރުކަން 26 އިންސައްތަ ދަށަށް ގޮސް، ބައިވެރިވާ އާއިލާތަކުގެ އާމްދަނީ 14 އިންސައްތަ އިތުރުވެފައިވެއެވެ. އެހެންނަމަވެސް، މިފަދަ ސްކީމްތަކަށް މީހުން މާބޮޑަށް ބަރޯސާވާން ޖެހުމުގެ އަސްލު ސަބަބަކީ އިންޑިއާގައި ދަނޑުވެރިކަން ނޫން އެހެން ދާއިރާތަކުން އެކަށީގެންވާ ވަރަށް ވަޒީފާ ނުއުފެދުމެވެ. ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުން ހުރީ އެހެން ދާއިރާތަކާ އަޅާބަލާއިރު ވަރަށް ދަށުގައެވެ.

އިންޑިއާގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް، ޚާއްސަކޮށް އަންހެނުން ވަޒީފާއަށް ނުކުންނަ މިންވަރު އިތުރުވި ނަމަވެސް، އިގްތިސާދީ މާހިރުން ބުނަނީ އެއީ އިގްތިސާދު ރަނގަޅުވެ، ރަނގަޅު ވަޒީފާތައް އުފެދިގެން ވީކަމެއް ނޫން ކަމަށެވެ. އެއީ އިގްތިސާދީ ދަތިކަމުގެ ސަބަބުން މަޖުބޫރުވެގެން ކުދިކުދި އަދި އާމްދަނީ ދަށް މަސައްކަތްތަކަށް (މިސާލަކަށް މުސާރަ ނުލިބޭ އާއިލީ މަސައްކަތްތަކަށް) މީހުން ދިއުން އިތުރުވުމުގެ ނަތީޖާއެވެ. އެހެންކަމުން، މި ސްކީމަށް ގެންނަ ކޮންމެ ބަދަލަކީ ވެސް އެގައުމުގެ އެންމެ ފަގީރު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާނެ ކަމެކެވެ.