ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މި ފެންނަނީ އުންމީދީ މަންޒަރެކެވެ. ޖީލެއްގެ ނަސީބެވެ.

"ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ފުރަތަމަ ބުރުގެ ބައިވެރިން --- ފޮޓޯ: ޢަބުދުﷲ ސައީދު (އެފްބީ)
"ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ފުރަތަމަ ބުރުގެ ބައިވެރިން --- ފޮޓޯ: ޢަބުދުﷲ ސައީދު (އެފްބީ)

ދިވެހިރާއްޖޭގެ ޒުވާން ޖީލުގެ މުސްތަޤުބަލަށް އުންމީދުގެ އަލިކަން ގެނެސްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ފުރަތަމަ ބުރުގެ ތަމްރީނުތައް ނިމުމަކަށް އަންނަ މި ދުވަސްވަރަކީ، މުޅި ޤައުމަށް އާލާވެގެންދާ ފަޚުރުވެރި މަންޒަރެކެވެ. މިއީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މުޅިން އަލަށް ފެށުނު ޤައުމީ ބޮޑު މަޝްރޫޢެއްގެ ކާމިޔާބީގެ ފެށުމެވެ.

މި ޚިދުމަތުގެ އެންމެ މުހިންމު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނުގެ ކަންކަމަށް ފަރުވާތެރިވާ، ޒިންމާދާރު އަދި އަޚްލާޤު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމެވެ. މި މަސައްކަތުގައި ޝާމިލުވާ މުދައްރިބުންނަކީ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ބައިވެރިން ތަމްރީނުކޮށް، އެކުދިންނަކީ ދީނާއި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބައްޓަންކުރާނެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު އާލާކުރުމުގެ އިތުރުން، ޤައުމަށް ދިމާވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ފަދަ ޤާބިލު ރައްޔިތުންތަކެއް އުފެއްދުމަށް އިސްކަންދެއެވެ. ހަމައެހެންމެ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަންނުވައި، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ އެކި ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި ބަޔަކަށް މި ޒުވާނުން ހެދުމަކީވެސް މީގެ މައިގަނޑު އަމާޒެކެވެ.

މި ޚިދުމަތަށް ޒުވާނުންގެ މެދުގައި އޮތް ބޮޑު ތަރުޙީބު ފާހަގަކޮށްލެވެނީ، އެއްވެސް އިޝްތިހާރެއް ނެތިވެސް ފުރަތަމަ ބުރަށް އެކަނިވެސް 900 އާ ގާތްކުރާ ޢަދަދަކަށް ޒުވާނުން ކުރިމަތިލާފައިވާތީއެވެ. މިއީ މިފަދަ ޕްރޮގްރާމަކަށް ޒުވާނުންނާއި އެކުދިންގެ އާއިލާތަކުން ކުރާ އުންމީދު ހާމަވެގެންދާ ކަމެކެވެ.

މާފިލާފުށީގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުގައި ކުރިއަށްދާ މި ތަމްރީނުތަކުގެ ބައިވެރިންނަކީ، މާޒީގައި ގެއްލި ބަނަވަމުންދިޔަ ހަޔާތެއްގެ މިސްރާބު ހަމަ މަގަށް އަޅުވައިދެވިފައިވާ ކުދިންތަކެކެވެ. ތަމްރީނުގެ ތެރޭގައި އެކުދިން އޮހޮރުވި ކޮންމެ ދަލަކާއި ވި ޤުރުބާނީއަކީ، ސިފައިންގެ މުދައްރިބުންގެ އޯގާތެރިކަމާއި އިޚުލާޞްތެރި މަސައްކަތުން އެކުދިންގެ ވިސްނުމާއި ފިކުރު ބަދަލުކޮށްދިން ކަންކަމެވެ.

މި ކުދިންނަށް އައިސްފައިވާ ބަދަލުތައް ދެކޭ މައިންބަފައިންނަށް ލިބޭ އުފަލަކީ ބަޔާންކުރަން ދަތި އިޙްސާސެކެވެ. މާޔޫސްކަމާއި ނާއުންމީދުގެ ތެރޭގައި ތިބި އެތައް އާއިލާއަކަށް މިއަދު މިވަނީ އާ އުންމީދެއް ލިބިފައެވެ. ދީނާއި ޤައުމު ދެކެ ލޯބިވާ، ބަސްއަހާ ކުއްޖަކަށް ހަމަ ކޮންމެ ޒުވާނަކަށްވެސް ވެވޭނެކަން މި ޕްރޮގްރާމުން މިވަނީ ސާބިތުކޮށްދީފައެވެ.

މި ޚިދުމަތުގެ ތެރެއިން ފެނިގެންދާ މަންޒަރުތަކުން ހާމަވަނީ، ސިފައިންގެ އިސް އޮފިސަރުންގެ އިރުޝާދުގެ ދަށުން ޒުވާނުން ވަރަށް ސަމާލުކަމާއެކު ތަރުބަވީ ފިލާވަޅުތައް އުނގެނެމުންދާ ތަނެވެ. އެކުދިންގެ މޫނުމަތިން ފެންނަ ސާބިތުކަމާއި އަޒުމަކީ، ޤައުމީ ރޫޙާއި ރިވެތި އަޚްލާޤުގެ ސިފަތައް އެކުދިންގެ ކިބައިގައި އަށަގަންނަމުންދާކަމުގެ ހެއްކެކެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ޒުވާނުންގެ ހަޔާތް ބައްޓަންކޮށް، ޤައުމަށް ފައިދާހުރި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުމަށްޓަކައި އެޅުނު ވަރަށް ވަރުގަދަ ބިންގަލެކެވެ. މި ފުރަތަމަ ބުރުގެ ކާމިޔާބީއާއެކު، ކުރިއަށް އޮތް ޖީލުތަކަށްވެސް މި ޚިދުމަތުގެ ފައިދާ ލިބި، ދިވެހި ޤައުމިއްޔަތު އިތުރަށް ހަރުދަނާވެގެންދާނެކަމީ މިއަދު ޤައުމު ދެކޭ އެންމެ ބޮޑު އުންމީދެވެ.