ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މުޅި އޭޝިޔާ ގޭހަށް ޖެހިފައި، ނޭޕާލްގައި ފުޅިއެއް ރީފިލް ކުރުމަށް 5 ދުވަސް!

މުޅި އޭޝިޔާ ގޭހަށް ޖެހިފައި، ނޭޕާލްގައި ފުޅިއެއް ރީފިލް ކުރުމަށް 5 ދުވަސް!

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ބޮޑު ކްރައިސިސްއާއެކު، އޭޝިޔާގެ ގައުމުތަކަށް ވަނީ ކައްކާ ގޭސް ނުވަތަ އެލް.ޕީ.ޖީ ލިބުމުގައި ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލި، ސަޕްލައި މެދުކެނޑުމުގެ ސަބަބުން އޭޝިޔާގެ އިގްތިސާދީ ގޮތުން ނާޒުކު ގައުމުތަކަށް ވަނީ އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައެވެ.

އޭޝިޔާގެ ބައްރަށް ގޭސް ސަޕްލައި ކުރުމުގައި މިހާރު ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޔޫރަޕްގެ ގައުމުތަކުން ގޭހަށް އޮތް ޑިމާންޑް އިތުރުވުމެވެ. ރަޝިޔާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫރަޕުން ރަޝިޔާގެ ގޭހަށް ބަރޯސާވުން ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ މާކެޓުގައި ހުރި ގޭސް ބޮޑު އަގުގައި ޔޫރަޕުން ގަންނަން ފެށިއެވެ. މީގެ ސަބަބުން އޭޝިޔާގެ ގައުމުތަކަށް ބޭނުންވާ މިންވަރަށް ގޭސް ހޯދުމަށް ވަނީ ދަތިވެފައެވެ.

މި ތަދިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ދެކުނު އޭޝިޔާގެ ގައުމުތަކަށެވެ.

ނޭޕާލްގައި ގޭހުގެ ތަދިކަން ހުރި މިންވަރަކީ، އެންމެ ގޭސް ފުޅިއެއް ރީފިލް ކުރުމަށްޓަކައި އާންމު ރައްޔިތުން 5 ދުވަހު ކިއޫގައި މަޑުކުރަން ޖެހުމެވެ. މިއީ އެ ގައުމުގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ހުއްޓުމެއް ގެނުވާފައިވާ ކަމެކެވެ. ޕާކިސްތާން އަދި ބަންގްލަދޭޝްގައި މި ގައުމުތަކުގައި ވެސް ގޭސް ލިބުން ދަތިވެ، ކަރަންޓު އުފެއްދުމަށާއި ކައްކާ ގޭސް ހޯދުމަށް އާންމުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.

އަވަށްޓެރި ސްރީލަންކާ އިގްތިސާދީ ކްރައިސިސްއާ ގުޅިގެން ސްްރީލަންކާގައި ގޭސް ލިބުން އެއްކޮށް ކަހަލަ ގޮތަކަށް މެދުކެނޑި، މީހުން ދަރު ބޭނުންކޮށްގެން ކައްކަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވެއެވެ.

އޭޝިޔާއަށް ކުރިމަތިވެފައިވާ ގޭހުގެ މި ހަގީގަތަކީ މުޅި ސަރަހައްދުގެ ހަކަތައިގެ ރައްކާތެރިކަން ނުރައްކަލެއްގެ ތެރޭގައި އޮތްކަމުގެ ހެއްކެކެވެ. މިއީ ހަމައެކަނި ސަޕްލައިގެ މައްސަލައެއް ނޫނެވެ. މިއީ ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ ބަދަލުތަކާއެކު އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ

އޭޝިޔާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޭހުގެ ތަދިކަމުގެ ފަހަތުގައި ބައިނަލްއަގުވާމީ ސިޔާސީ އަދި ވިޔަފާރީގެ ބޮޑެތި ކުޅިގަނޑުތަކެއް އެކުލެވިގެންވެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެމެރިކާގެ ބާރުގެ ދަށުގައިވާ ނުވަތަ އެމެރިކާގެ ކުންފުނިތަކުން ކޮންޓްރޯލްކުރާ ގޭސް އުފުލާ ބޯޓުތަކުގެ މިސްރާބަށް އައި ބަދަލެވެ.

މިފަދަ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ކުރިމަތިލުންތަކުގެ ނަތީޖާއެއްގެ ގޮތުން، ނޭޕާލާއި ސްްރީލަންކާ ފަދަ ގައުމުތަކުގެ އާންމު ރައްޔިތުން ތިބީ "އަނދަގޮނޑިއެއްގައެވެ". ގޭސް ބޯޓުތައް ބަނދަރުތަކާ ހަމައަށް ނާދެވި، ކަނޑުމަތީގައި މަޑުކުރަން ޖެހުމާއި، ނުވަތަ މިސްރާބު ބަދަލުކޮށްލުމަކީ އެތައް މިލިއަން ބައެއްގެ ބަދިގެތަކުން އުނދުުންތައް ނިވުމަށް މެދުވެރިވާ ސަބަބެކެވެ.