މިސްރުގެ ދާރުލްއާސާރުން ވަގަށް ނެގި ފިރުއައުނުގެ ރަން އުޅާ، ވިރުވައިލުމަށްފަހު 4،000 ޑޮލަރަށް ވިއްކާލައިފި
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އިޖިޕްޝަން މިއުޒިއަމުން ވަގަށް ނެގި، އަގުނުކުރެވޭ ފަދަ އާސާރީ ރަން ބްރޭސްލެޓް ނުވަތަ އަތުގައި އަޅާ އުޅައެއް ވިރުވައިލުމަށްފަހު ގާތްގަނޑަކަށް 4،000 ޑޮލަރަށް ވިއްކާލި މައްސަލައެއްގައި ދާރުލްއާސާރުގެ މުވައްޒަފަކާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
މި އުޅާއަކީ މީގެ 3،000 އަހަރު ކުރިން، މިސްރުގެ 21 ވަނަ ދަރިކޮޅުގެ ފިރުއައުނު އަމެނެމޯޕޭ (1070-945 ބީސީ) ގެ ރަސްކަމުގެ ދުވަސްވަރަށް ނިސްބަތްވާ އެއްޗެކެވެ. ރަނާއި ލެޕިސް ލާޒޫލީ ބީޑްސް ބޭނުންކޮށްގެން ހަދާފައިވާ މި ރަން އުޅާ ގެއްލިފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިސްރުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، މި އުޅާ ބާއްވާފައި އޮތީ މިއުޒިއަމްގެ ކޮންޒަވޭޝަން ލެބްގައި ހުރި ތަޅުލާފައިވާ މެޓަލް ސޭފެއްގެ ތެރޭގައެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި އުޅާ ވަގަށް ނަގާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، އެތަނުގައި މަސައްކަތްކުރާ ރިސްޓޯރޭޝަން ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ ގާހިރާގެ ރިހި ވިޔަފާރިވެރިއެއްގެ އެހީތެރިކަމާއެކު، 180،000 މިސްރު ޕައުންޑް (3،735 ޑޮލަރު) އަށް ރަން ވިއްކާ މީހަކަށް އެ އުޅާ ވިއްކާލާފަ އެވެ. އޭގެ ފަހުން އެ އުޅާ ވަނީ 194،000 ޕައުންޑް (4،025 ޑޮލަރު) އަށް ރަން ވިރުވާ ތަނެއްގެ މުވައްޒަފަކަށް ވިއްކާލާފައެވެ. މިނިސްޓްރީން ބުނީ އެ އުޅާ މިހާރު ވަނީ އެހެން ރަންތަކާ އެކު ވިރުވާލާފައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އިންޓީރިއާ މިނިސްޓްރީން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ފައިސާ ހަވާލުކުރުމަށް ފަހު ރަން އުޅައެއް ދެބުރިކޮށްލަ އެވެ. ނަމަވެސް އެއީ މިއުޒިއަމުން ވަގަށް ނެގި އުޅާ ކަމެއް ކަށަވަރެއް ނުވެއެވެ. މި އުޅާ ގެއްލުނުކަން އެނގުނީ އަންނަ މަހު ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޓްރެޜާސް އޮފް ދަ ފޭރޯސް" އެގްޒިބިޝަނަށް ތައްޔާރުވުމުގެ ގޮތުން އިންވެންޓްރީ ޗެކް ކުރަނިކޮށެވެ.
މިސްރުގެ އާސާރީ ތަންތަނުންނާއި ދާރުލްއާސާރުތަކުން މީގެ ކުރިން ވެސް އަގުބޮޑު ތަކެތި ވަގަށް ނަގާފައިވެ އެވެ. އޭގެ ތެރޭގައި 55 މިލިއަން ޑޮލަރުގެ ވިންސެންޓް ވެން ގޯގްގެ "ޕޮޕީ ފްލާވާސް" ކުރެހުން ހިމެނެ އެވެ. އެ ކުރެހުން 1977 ގައި ވަގަށް ނެގުމަށްފަހު 10 އަހަރު ފަހުން ފެނުނު ނަމަވެސް، 2010 ވަނަ އަހަރު އަލުން ވަގަށް ނެގި ފަހުން އަދިވެސް ނުފެނެ އެވެ.
2011 ވަނަ އަހަރުގެ އިންގިލާބަށްފަހު މިސްރުގެ އާސާރީ ތަންތަނުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައި، ބައިނަލްއަގުވާމީ މާކެޓުގައި ވިއްކަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by MACL
