ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން؛ އިގްތިސާދީ ގޮތުންނާއި ސިޔާސީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް!
އިންތިހާބުތައް ހިންގުމުގައި އެންމެ މުހިއްމު ނަމަވެސް އެކަށީގެންވާ ގޮތެއްގަައި ބަހުސްނުކުރެވޭ އެއް މައުޟޫއަކީ އިންތިިހާބުތައް ބާއްވާ ތާރީހެވެ. އިންތިހާބުތައް ބާއްވާ ތާރީހު މުހިއްމުވަނީ އެކަމުގެ ސަބަބުން އިންތިހާބުގައި ވޯޓުލާ މީހުންނާއި، އިންތިހާބުތަކުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ ސިޔާސީ ސުލޫކަށް އެކަމުން އަސަރުކުރާތީއެވެ. މި ސަބަބަށްްޓަކައި މި މައުޟޫއުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި ގިނަގުނަ އިލްމީ ދިރާސާތައް ހެދިފައިވެއެވެ.
ކޮންމެއަކަސް ސިޔާސީ މުފައްކިރުން ކުރެ ވަރަށް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބުތައް ވަކިން ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަަތް މަދުވެ، އިންތިހާބުތަކަށް ހިނގާ ހަރުތައް ބޮޑުވެ، ރައްޔިތުންގެ ނިންމުންތަކުގައި މުޅި އާބާދީ ތަމްސީލުވާ މިންވަރު ދަށްވެއެވެ. އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމުން މިދެންނެވި ގިނަ މައްސަލަކަށް ހައްލު ލިބެއެވެ.
ދިވެހިރާއްޖޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި، އޭގެ ހަ މަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސިޔާސީ މުރާސިލުންނާއި ކަމާބެހޭ ފަރާތްތަކުން ގޮވާލަމުންގެންދަނީ މި ދެންނެވި ސަބަބުތަކަށްޓަކަ އެވެ.
Ads by BMLގާނޫނުއަސާސީގައި މިހާރު އިންތިޚާބުތައް ކަނޑައެޅިފައިވާ މި ތަރުތީބަކީ ޚަރަދު ބޮޑު އަދި ނުފޫޒު ފޯރުވުމަށް ފުރުސަތު އޮތް ނިޒާމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ފެންވަރުގެ ދެ އިންތިޚާބު ބޭއްވުމަކީ އިދާރީ ގޮތުން ވެސް ބޮޑު ގޮންޖެހުމެކެވެ. އަންދާޒާ ކުރެވޭ ގޮތުގައި މި ދެ އިންތިޚާބު އެއްކޮށްލައިފިނަމަ، ދައުލަތުގެ ބަޖެޓުން މަދުވެގެން 7.78 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާ އަޅާބަލާއިރު މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް ދަށްވުމަކީ ވެސް މި ބަދަލު ގެންނަންޖެހޭ ސަބަބެއްގެ ގޮތުގައި ސިޔާސީ މުފައްކިރުން ފާހަގަކުރެވެއެވެ.
ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ބަދަލަށް ތާއީދުކުރާއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ރާއްޖޭގައި ބާއްވާ ގައުމީ ތިން އިންތިޚާބު އެއްކޮށްލުމަށް ތާއީދުކުރައްވާފައެވެ. އެމްޑީޕީގެ ފަރާތުން ވެސް ވަނީ މިކަމަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
ދެ އިންތިޚާބު ދެމެދު އޮންނަ ހަ މަސް ދުވަހުގެ މުއްދަތަކީ ވެރިކަން ހިންގުމަށް ވެސް ކުރިމަތިވާ ހުރަހެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އާ ރައީސަކު މަގާމާ ހަވާލުވެވަޑައިގަންނަވާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި އަނެއްކާވެސް ކެމްޕޭނަކަށް ތައްޔާރުވާން ޖެހުމުގެ ސަބަބުން، ވަޒީރުންނަށް ރުހުން ދިނުމާއި، ބަޖެޓް ފާސްކުރުން ފަދަ މުހިންމު ކަންކަމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މި ނިޒާމުގެ ސަބަބުން ސިޔާސީ ފޯކަސް ހުންނަނީ ދިގު މުއްދަތުގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް، ކުރު މުއްދަތުގެ އިންތިޚާބީ ކާމިޔާބީއަށް، ކަމަށް މުރާސިލުން ފާހަގަކުރެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އެމެރިކާ، އާޖެންޓީނާ، އިންޑޮނޭޝިއާ އަދި ކެންޔާ ފަދަ ގައުމުތަކުގައި އިންތިޚާބުތައް ބާއްވަނީ އެއްކޮށްލައިގެންނެވެ. ރާއްޖޭގައި ވެސް މި ބަދަލު ގެނައުމަކީ އިގްތިސާދީ ގޮތުންނާއި ސިޔާސީ ހަމަޖެހުމުގެ ގޮތުން ބަލާއިރު މުހިންމު ކަމެއް ކަމަށް މި އިސްލާހަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
Ads by MACL
