ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އީރާނުގެ އާ ސުޕްރީމް ލީޑަރ "މުޖުތަބާ ޙުސައިނީ ޚާމަނާއީ" އަކީ ކާކު؟

އީރާނުގެ އާ ސުޕްރީމް ލީޑަރ "މުޖުތަބާ ޙުސައިނީ ޚާމަނާއީ" އަކީ ކާކު؟

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އަވަހާރަކޮށްލި އާޔަތުﷲ އަލީ ޚާމަނޭއީގެ ދެވަނަ ދަރިކަލުން، މުޖުތަބާ ޚާމަނޭއީ، އީރާނުގެ އާ އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) ގެ މަގާމަށް އައްޔަންކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރީ ރޭގަ އެވެ.

އުމުރުން 56 އަހަރުގެ ހަރުކަށި ފިކުރުގެ މުޖުތަބާ ހުސައިނީގެ ބައްޕާފުޅު އަވަހާރަކޮށްލި ހަމަލާގައި އޭނާގެ މަންމައާއި، އަނބިކަނބަލުން އަދި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކު ވެސް ވަނީ އަވަހާރަވެފަ އެވެ. ނަމަވެސް، އެ ވަގުތު މުޖުތަބާ އެތަނުގައި ނެތުމުން، އީރާނަށް ދެމުންދާ ވަރުގަދަ ބޮމުގެ ހަމަލާތަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ ހޮވުމުގެ ބާރު ލިބިގެންވާ 88 މެންބަރުންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން ވަނީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މުޖުތަބާ ހުސައިނީ ޚާމަނާއީ އަށް ބައިއަތު ހިފުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.

އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާތަކުން އާންމުކުރި ބަޔާނެއްގައި އެ މަޖިލީހުން ބުނީ، މުޖުތަބާ ހުސައިނީ ޚާމަނާއީ ހޮވީ ނިންމުންތެރި ވޯޓަކުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުން، ޚާއްސަކޮށް ދީނީ މަދަރުސާތަކާއި ޔުނިވާސިޓީތަކުގެ އިލްމުވެރިންނާއި އެހެން ފިކުރުތަކުގެ މީހުން ވެސް ލީޑަޝިޕަށް ބައިއަތު ހިފުމަށާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މުޖުތަބާ ހުސައިނީ ޚާމަނާއީ އަކީ ދުވަހަކު ވެސް އިންތިޚާބީ މަގާމަކަށް ކުރިމަތިލެއްވި ނުވަތަ އާންމު ވޯޓަކާ ކުރިމަތިލެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް، އޭނާއަކީ އެތައް އަހަރެއް ވަންދެން ކުރީގެ އެންމެ މަތީ ވެރިޔާގެ އަރިސް ބޭފުޅުންގެ ތެރޭގައި ނުފޫޒުގަދަ ބޭފުޅެކެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާއެކު ބަދަހި ގުޅުމެއް ވަނީ އުފައްދާފަ އެވެ.

ފާއިތުވި އަހަރުތަކުގައި، އޭނާގެ ބައްޕާފުޅުގެ ބަދަލުގައި އެ މަގާމަށް އަތުވެދާނެ އެންމެ ފުރުސަތު ބޮޑު ބޭފުޅެއްގެ ގޮތުގައި މުޖުތަބާ ވަނީ ބެލެވިފައެވެ. އޭނާގެ ބައްޕާފުޅު އަލީ ޚާމަނާއީ އަކީ އަށް އަހަރު ވަންދެން ރައީސްކަން ކުރެއްވުމަށްފަހު، ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހު ތެހެރާންގައި ހުންނަ އޭނާގެ ގަނޑުވަރަށް ދިން ހަމަލާތަކުގައި އަވަހާރަވުމާ ހަމައަށް، 36 އަހަރު ވަންދެން މުޅި ގައުމުގެ ފުރިހަމަ ބާރު ހިފެހެއްޓެވި ބޭފުޅެކެވެ.

ޒުވާން ދަރިކަލުން މުޖުތަބާ ޚާމަނާއީ ވެރިކަމަށް އިސްވުމަކީ އީރާނުގެ ދައުލަތުގެ ތެރޭގައި ހަރުކަށި ފިކުރުގެ ފެކްޝަންތަކުގެ ބާރު އަދިވެސް އޮތްކަމުގެ ސާފު ހެއްކެކެވެ. އަދި މިއީ ކުރިއަށް އޮތް ކުރު މުއްދަތުގައި އެއްބަސްވުމަކަށް އައުމަށް ނުވަތަ މަޝްވަރާ ކުރުމަށް ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށް ބެލެވެ އެވެ.

މުޖުތަބާ ޚާމަނާއީ ދުވަހަކު ވެސް ވެރިކަމާ ހަވާލުވުމުގެ މައުލޫއާ ބެހޭގޮތުން އާންމުކޮށް ވާހަކަދައްކަވާފައެއް ވެސް ނުވެ އެވެ. މިއީ ވަރަށް ނާޒުކު މައުލޫމާތުތަކެއް ހިމެނޭ މައުލޫއެކެވެ. ސަބަބަކީ އޭނާ އެންމެ މަތީ ވެރިޔާގެ މަގާމަށް އިސްވުމަކީ، 1979 ގެ އިސްލާމީ އިންގިލާބުގެ ކުރިން އޮތް ޕަހްލަވީ ރަސްކަމާ އެއްފަދަ އާއިލީ ވެރިކަމެއް އުފެދިގެން ދިއުން ކަމަށް ވާތީ އެވެ.

އޭގެ ބަދަލުގައި، މުޖުތަބާ ޚާމަނާއީ ބޮޑަށް އުޅުއްވީ އާންމުންގެ ތެރެއަށް ނުނިކުމެ، އެކަހެރިކޮށެވެ. އޭނާ އާންމުކޮށް ހުންނަވަނީ ދަރުސްތައް ދެއްވުމާއި، ހުކުރު ޚުތުބާ ދެއްވުމާއި، ނުވަތަ ސިޔާސީ ތަގުރީރުތައް ދެއްވުމުން ދުރުހެލިވެވަޑައިގެންނެވެ. އެހެންކަމުން، އޭނާއަކީ ދީނީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ކުރިއަރަމުން އަންނަ ތަރިއެއްކަން އެތައް އަހަރެއް ވަންދެން އެނގިފައި އޮތް ނަމަވެސް، ގިނަ އީރާނު މީހުންނަށް އޭނާގެ އަޑުވެސް އިވިފައެއް ނުވެއެވެ.

ތުހުމަތުތައް

ފާއިތުވި ގާތްގަނޑަކަށް ދެ ދަހަރު ތެރޭގައި، އީރާނުގެ އެތެރޭގައާއި ބޭރުގައި ތިބި އިދިކޮޅު ފަރާތްތަކުން ވަނީ، މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ޚާމަނާއީގެ ނަމާ ގުޅުވާފައެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ތެރޭގައި ތިބި އިސްލާހީ ފިކުރުގެ މީހުން އެންމެ ފުރަތަމަ އޭނާއަށް ތުހުމަތުކުރީ، 2009 ވަނަ އަހަރުގެ "ގްރީން މޫވްމަންޓް" ގެ ތެރޭގައި އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، އައި.އާރު.ޖީ.ސީގެ ބަސީޖް ފޯސް ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަށް ހަމަލާދިނުމުގެ ތުހުމަތެވެ. އެ މުޒާހަރާތައް ފެށުނީ، އާންމުންގެ މެދުގައި މަގުބޫލު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ މަހްމޫދު އަހުމަދީނީޖާދު، އޮޅުވާލުންތަކެއް ހުރި ކަމަށް ބެލެވޭ އިންތިޚާބަކުން ދެވަނަ ދައުރަކަށް ހޮވުމާ ގުޅިގެންނެވެ.

އެއަށްފަހު އިސްލާހީ ފިކުރުގެ ލީޑަރުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުނެވެ. އޭގެ ފަހުން، ގައުމީ ފެންވަރުގައި ހިނގި އެކި އިހުތިޖާޖުތައް ހުއްޓުވުމަށް ދައުލަތުން ކުރި މަސައްކަތުގެ މައިގަނޑު ބާރަކީ ބަސީޖް ފައުޖުތަކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މީގެ ދެ މަސް ކުރިން ހިނގި ހާދިސާތަކެވެ. އދ. އާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ދައުލަތުގެ ސަލާމަތީ ބާރުތަކުން ވަނީ އެތައް ހާސް ބަޔަކު މަރާލާފަ އެވެ. މީގެ ތެރެއިން ގިނަ މީހުން މަރާލާފައިވަނީ ޖެނުއަރީ 8 އަދި 9 ވިލޭރޭގަ އެވެ.

ކުރިން ހިނގާފައިވާ އިހުތިޖާޖުތަކެކޭ އެއްފަދައިން، މިފަހަރުގެ އާދަޔާ ހިލާފު މަރުތަކުގެ ޒިންމާވެސް އަވަހާރަވެފައިވާ މަތީ ލީޑަރާއި ދައުލަތުން އަޅުވާފައިވަނީ އެމެރިކާ އާއި އިސްރާއީލުން ހަތިޔާރާއި، ތަމްރީނާއި، ފައިސާ ދީގެން ފޮނުވާފައިވާ "ޓެރަރިސްޓުން" އަދި "ހަމަނުޖެހުން ހިންގާ މީހުން" ގެ ބޮލުގައެވެ.

މެދު ފަންތީގެ ދީނީ އިލްމުވެރިޔާ

މުޖުތަބާ ޚާމަނާއީ އައި.އާރު.ޖީ.ސީ އާއި ގާތް ގުޅުމެއް ބާއްވަން ފެއްޓެވީ އޭނާގެ ޒުވާން ދުވަސްވަރުގައެވެ. އެއީ 1980 ގެ އަހަރުތަކުގައި ހިނގި އީރާން-އިރާގު ހަނގުރާމައިގެ ތެރޭގައި އެ ފައުޖުގެ ހަބީބު ބަޓާލިއަންގައި އޭނާ ޚިދުމަތް ކުރެއްވި ދުވަސްވަރެވެ. އޭނާއާއެކު އޭރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި ދީނީ އިލްމުވެރިން ފަހުން ވަނީ އޭރު އަލަށް އުފެދުނު އިސްލާމީ ޖުމްހޫރިއްޔާގެ ސަލާމަތީ އަދި ޖާސޫސީ އިދާރާތަކުގެ އިސް މަގާމުތަކަށް ވަޑައިގެންފައެވެ.

ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޚާމަނާއީ ވަނީ އެކި ގައުމުތަކުގައި ހުރި މުދަލާއެކު އިގްތިސާދީ ބޮޑު އެމްޕަޔަރެއް ބިނާކުރައްވާފައެވެ.

ޝައްކުކުރެވޭ އެއްވެސް މުއާމަލާތެއްގައި އޭނާގެ ނަން އޮތް ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް، އީރާނުގެ ދައުލަތާ ގުޅުން އޮންނަ އިތުބާރު ހުރި މީހުންގެ ނެޓްވޯކެއް މެދުވެރިކޮށް، އަހަރުތަކެއްގެ ތެރޭގައި އޭނާ ބިލިއަނުން ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްލޫމްބާގުން ޚާމަނާއީއާ ގުޅުވާފައިވަނީ އަލީ އަންސާރީއާ އެވެ. އަންސާރީގެ ބޭންކް އާޔަންދޭ، ނަން ހާމަނުކުރާ ބަޔަކަށް ލޯނު ދޫކުރުމުގެ ސަބަބުން ބޮޑެތި ދަރަނިތަކެއް އުފެދި ބަނގުރޫޓުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ފަހުކޮޅު ދައުލަތުން ވަނީ އެ ބޭންކް އުވާލާފަ އެވެ. ބޭންކް އުވާލުމުގެ ސަބަބުން އީރާނުގެ އިންފްލޭޝަން އިތުރަށް މަތިވެ، އާންމު ރައްޔިތުން އިތުރަށް ފަގީރުވި އެވެ. އެއީ ބޭންކަށް ލިބުނު ގެއްލުމުގެ ބަދަލު ބައެއް މިންވަރަށް ދައުލަތުގެ ފައިސާއިން ދޭން ޖެހުމުންނެވެ.

ޚާމަނާއީ ނުވަތަ އަންސާރީ ވެސް އެމީހުންގެ ގުޅުމާ ބެހޭގޮތުންނާއި، ޔޫރަޕްގެ ގައުމުތަކުން އަގުބޮޑު މުދާ ގަތުން ހިމެނޭހެން ކުރެވޭ ތުހުމަތުތަކަށް އާންމުކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ޚާމަނާއީގެ ދީނީ ފެންވަރަކީ ވެސް ބަހުސް ކުރެވެމުން އަންނަ ކަމެކެވެ. އެއީ އޭނާއަކީ އީރާނުގައި މަތީ ފަންތީގެ އިލްމުވެރިއެއްގެ ބަދަލުގައި މެދު ފަންތީގެ އިލްމުވެރިއަކަށް ވާތީ އެވެ. ނަމަވެސް، 1989 ވަނަ އަހަރު އޭނާގެ ބައްޕަ ގައުމުގެ ލީޑަރުކަމަށް ވަޑައިގެންނެވިއިރު، އެއީވެސް މާ މަތީ ޢިލްމުވެރިއެއް ނޫނެވެ. އޭރު އޭނާއަށް އެ މަގާމަށް ވަޑައިގެންނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެވުނެވެ. މުޖުތަބާއަށްޓަކައި ވެސް މިފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާ އާއި އިސްރާއީލުން މުޅި ގައުމަށް ވަރުގަދަ ހަމަލާތަކެއް ނިދުމުގެ ކެމްޕޭނެއް ކުރިއަށް ގެންދާއިރު، އީރާނުން ދަނީ މުޅި ގައުމުން އިންޓަނެޓް ކަނޑާލައި މައުލޫމާތު ފެތުރުން ހަނިކުރަމުންނެވެ.