ޑިމާންޑް ނެތް ހިސާބުތަކަށް އިންވެސްޓްމަންޓް ހޯދުމަށް ޓެކްސްއާއި ލޭންޑް ރެންޓުން ލުއިދިނުމަށް މަސައްކަތްކުރަނީ
ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދިއުމަށްޓަކާއި ޓެކްސްއާއި ބިމު ކުލީގެ އަގުތަކުން އެ ސަރަހައްދުތަކަށް ލުއި ދިނުމަށް ޤާނޫނާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެނައުމަށް ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ދުރު ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ ފައިދާއާއި ނުބައްދަލު އިންވެސްޓްމަންޓްތަކެއް އެ ސަރަހައްދުތަކަށް ކުރަންޖެހުންކަމަށެވެ. ވަޒީރު ވިދާޅުވީ ފަތުރުވެރިކަމާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް މިހާރު ހެދިފައިވާގޮތުން، އެންމެ ޑިމާންޑް ބޮޑު ސަރަޙައްދުތަކުންވެސް އަދި އެންމެ ޑިމާންޑް ކުޑަ، އަދި ފަތުރުވެރިކަމުގެ ވިޔަފާރި ދަށް ހިސާބުތަކުންވެސް، ކުރާ އިންވެސްޓްމަންޓްތަކާއި އަދި ޓެކުސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައްވެސް އޮތީ އެއްހަމައެއްގައިކަމަށެވެ.
Ads by BMLމީގެސަބަބުން ޑިމާންޑް ކުޑަ ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ފެސިލިޓީތައް ހެދުމަށް އިންވެސްޓަރުން ފަސްޖެހޭކަމަށެވެ. އެއީ އެ ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއެކު، ވިޔަފާރީގައި ފައިދާއަކާ ހަމައަށް ދެވޭ މުއްދަތު އިތުރުވާތީކަމަށް ފައިސަލް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރިސޯޓެއް ތަރައްޤީކުރުމަށް 45 މިލިއަނެއްގާ ޑޮލަރު ހޭދަކުރާއިރު، ޑިމާންޑް އޮންނަ ސަރަޙައްދުތަކުގައިވެސް އިންވެސްޓްމަންޓްގެ އަގު ހޯދުމަށް 7-8 އަހަރު ނަގާކަމަށެވެ. ނަމަވެސް ޑިމާންޑް ކުޑަ ސަރަޙައްދުތަކުގައި އެ މުއްދަތު ވަރަށް ބޮޑުތަން އިތުރުކަމަށެވެ.
Ads by MACL
