ހަޤީޤީ ބިރުވެރި ހާދިސާ: ޖިންނީންގެ ކައިވެނި ހަފުލާއެއްގަ ލަވަކިޔައިދިން މަޝްހޫރު ލަވަކިޔުންތެރިއެއްގެ ވާހަކަ
މިއީ 1997 ވަނަ އަހަރު ކުވައިތުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ނޫރާއަށް ދިމާވި ހަގީގީ ހާދިސާއެއްގެ ވާހަކަ އެވެ.
ނޫރާއަކީ ކުވައިތުގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އަދި ކައިވެނި ފަދަ ހަފުލާތަކަށް ދާ ކުޑަ ބޭންޑެއްގެ ލީޑަރެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން، އެއްދުވަހަކު އޭނާއަށް ނުދަންނަ މީހެއްގެ ފޯނު ކޯލެއް ލިބުނެވެ. އެމީހާ ބޭނުންވީ އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ލަވަކިޔައިދިނުމަށް ނޫރާގެ ބޭންޑު ކުއްޔަށް ހިފާށެވެ. ނޫރާ އެކަން ގަބޫލުކުރުމުން، އެމީހާ އޭނާއަށް އެޑްރެސް ދިނެވެ.
1997 ވަނަ އަހަރު، ކުވައިތުގެ ގިނަ މީހުން ކައިވެނީގެ ހަފުލާތައް ބާއްވަނީ އެމީހުންގެ އަމިއްލަ ގޭގަ އެވެ.
Ads by BMLއިންތިޒާރު ކުރި ދުވަސް ލަސްތަކެއް ނުވެ އަތުވެއްޖެ އެވެ. ނޫރާއާއި އޭނާގެ ބޭންޑު، އެޑްރެހުގައިވާ ގޮތަށް ސިޓީން ބޭރުގައި، ފަޅު ސަރަހައްދެއްގައި ހުރި ބޮޑު ގަނޑުވަރަކަށް ދިޔަ އެވެ. ނަމަވެސް، މީގެ ކުރިންވެސް މިފަދަ ތަންތަނުގައި ޝޯ ދީފައިވާތީ، ބޭންޑުގެ މީހުން އެކަމާ މެދު މާ ބޮޑަކަށް ފިކުރެއް ނުކުރެ އެވެ. އެމީހުން އެތެރެއަށް ވަނުމުން ގޭގެ ވެރިން މަރުހަބާ ކިޔެވެ. އަދި ރޭގަނޑު 10 ޖެހިއިރު، ޝޯއަށް ތައްޔާރުވާން ފެށި އެވެ.
ގަޑިން 10:30 ވީއިރު، ނޫރާގެ އެ ޝޯއަށް މެހެމާނުން އަންނަން ފެށި އެވެ. އެކަކަށް ފަހު އަނެކަކު، މުޅި ގަނޑުވަރު ފުރާލި އެވެ. އެމީހުން އަންނަނީ ކޮންތާކުން ކަމެއް ނޭނގޭހާ މީހުން ގުނަ އެވެ. މީހުް ޝީއަށް ވަނަނަމުންދާއިރު ހީވަނީ ކުއްލި ގޮތަކަށް މީހުން ފާޅުވާހެންނެވެ. ނޫރާއާއި އޭނާގެ ރަހުމަތްތެރިން އެކަމާ މާ ބޮޑު ސަމާލުކަމެއް ނުދިނީ، އެއީ ވަރަށް ބޮޑު ގަނޑުވަރަކަށް ވެފައި، ވަންނާނެ ގިނަ ދޮރުތައް ހުރުމުންނެވެ. މެހެމާނުންގެ އަދަދު އިންތިހާއަށް ގިނަ އެވެ.
އެރޭ ގަޑިން 11:30 ވީއިރު، ގަނޑުވަރުގެ ކަންތައްތައް ވަރަށް އާދަޔާ ހިލާފުވާން ފެށިއެވެ. މެހެމާނުން ނަށަމުން ދިޔަ ގޮތް ފެނިފައި ނޫރާއާއި އޭނާގެ ރަހުމަތްތެރިން ހައިރާންވި އެވެ. އެމީހުންގެ ހަރަކާތްތައް ހުރީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ، ބިރުވެރި އަދި ސިހުން ގެނުވާ ގޮތަކަށެވެ. ކޮންމެވެސް ގޯހެއް އުޅޭކަން ނޫރާ އާއި އޭނާގެ ރަހުމަތްތެރިންނަށް އެނގުނެވެ.
އެތަނުން ބައެއް މެހެމާނުން ނޫރާ އާއި އޭނާގެ ރަހުމަތްތެރިންނަށް ސަލާމްކުރަންއަ އެވެ. އެމީހުންގެ ހަންގަނޑުގައި އަތްލުމުން، އެއީ ވަރަށް ހޫނު އަދި ހަރު އެއްޗެއްކަން ނޫރާއަށް އިހުސާސްވި އެވެ. ނަމަވެސް، އެއީ ހޫނު މޫސުން ކަމަށްވެފައި، ގޭތެރެ ހޫނުވުމުން ވާގޮތެއް ކަމަށް އޭނާ ހީކުރި އެވެ. އާދަޔާ ހިލާފު ކަމަކީ، ނޫރާ އޭނާގެ ރަހުމަތްތެރިޔާއަށް ބަލާލިއިރު، އޭނާގެ މޫނުމަތިން ވެސް ފެންނަނީ ހަމަ އެ ބިރުވެރިކަމެވެ. އޭނާއަށްވެސް ނޫރާއަށް ކުރެވުނު އިހުސާސް ކުރެވުނީ އެވެ. ނަމަވެސް، ލޮލުގެ އިޝާރާތުން، އެކަމާ އަޅާނުލައި މިއުޒިކް ކުރިއަށް ގެންދިއުމަށް ނޫރާ އެންގި އެވެ.
މެންފަންވެ ދަންދެބައިވީއިރު... ކަންތައްތައް ބިރުވެރިކަމުން ގޮސް، އަމިއްލަ ލޮލަށް ގަބޫލުނުކުރެވޭ ހިސާބަށް ދިޔަ އެވެ. މެހެމާނުންނާއި ގޭގެ ވެރިންނަކީ... މިހާރު އިންސާނުންނެއް ނޫނެވެ. އެމީހުންގެ ފައިތަކާއި އަތްތައް ހުރީ ކަންބަޅި ބަކަރީގެ ފައިތަކެއް ފަދައިންނެވެ. އެމީހުން ހުއްޓުމެއް ނެތި ނަށަމުން ދިޔަ އެވެ. ނޫރާ އާއި އޭނާގެ ރަހުމަތްތެރިންނަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ވެސް އުނދަގޫވި އެވެ.
ނޫރާ އިނީ ބިރުން ގޮސް ތުރުތުރު އަޅައަޅަ އެވެ. ލަވަކިޔަމުން ދިޔަ ނޫރާގެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނާގެ ރަހުމަތްތެރިންނަށް ބަލާލިއިރު، ބައެއް މީހުން ތިބީ ދުވެފައި ނުކުންނަން ތައްޔާރަށެވެ. އަނެއް ބަޔަކު ތިބީ ހޭނެތޭ ފަދަ ހާލަތެއްގަ އެވެ. ނޫރާ އެމީހުން ގާތު ބުނީ ކެތްތެރިވުމަށާއި، އެތަނުން ނުދިއުމަށާއި، އާދައިގެ ގޮތަކަށް އުޅުމަށެވެ. އޭނާ ބިރުގަތީ އެމީހުން ހާސްވެގެން އުޅެގަނެފިނަމަ ވެދާނެ ގޮތަކާ މެދުގަ އެވެ. ބޭންޑުން މިއުޒިކް ކުޅެމުން ގެންދިޔަ އެވެ. އެމީހުންނަށް ވަމުންދާ ގޮތެއްވެސް، އަދި ކުރަންވީ ކަމެއްވެސް ނޭނގެ އެވެ. ބިރުވެރިކަމުގެ ސަބަބުން އެމީހުން އެތަނުގައި ތާށިވި އެވެ. އެމީހުންނަށް އެނގޭހާ ވެސް ކަމަކީ އެމީހުން ތިބީ ބަންދުވެފައި ކަމެވެ.
ފަތިހު 3 ޖެހިއިރު، ކުއްލިއަކަށް ބޮކިތައް ނިވުނެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. އެ ބޮޑު ގަނޑުވަރު ތެރޭގައި ތިބީ ހަމައެކަނި އެމީހުން ކަމުގެ އިހުސާސް ކުރެވުނެވެ. ހީވަނީ... މުޅި ރޭ އެމީހުން ޝޯ ދިނީ އަނދިރީގައި ހަމައެކަނި ތިބެގެން ހެންނެވެ. ފިނިކަމުން ގޮސް ގަނޑުވާހާ ފިނިވި އެވެ. ނޫރާއާއި އޭނާގެ ރަހުމަތްތެރިންނަށް އެ ބިރުވެރިކަމަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެމީހުންގެ ހުރިހާ ސާމާނެއް ދޫކޮށްލާފައި، ފުރާނަ ސަލާމަތްކޮށްގެން އެތަނުން ދުވެފައި ނުކުތެވެ.
އެ ގަނޑުވަރަކީ މީގެ 10 އަހަރު ކުރިން ފެށިގެން ފަޅަށް ހުރި ތަނެއްކަމާއި، އޭގެ ފަހުން އެތަނުގައި އެއްވެސް އިންސާނަކު ދިރިނޫޅޭކަން އެމީހުންނަށް އެނގުނީ މާ ފަހުންނެވެ. އެހެންނަމަ ވެސް، އެތަން ފެންނަ ފެނުމަށް އޮތީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށެވެ. ހީވަނީ ބަޔަކު ވަރަށް ލޯބިން ބަލަހައްޓާ ތަނެއްހެންނެވެ. އެމީހުންނަށް އެނގުނު ގޮތުގައި، އެމީހުންނަށް އެ ބައިވެރިވެވުނީ ޖިންނީންގެ ކައިވެނީގެ ހަފުލާއެއްގަ އެވެ.
ބައެއް މީހުން ބުނާގޮތުގައި ނޫރާ އާއި އޭނާގެ ރައްޓެހިން މި ވާހަކަ އުފެއްދީ މަޝްހޫރުކަމާއި މުއްސަނދިކަން ހޯދުމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ސަބަބަކީ އެއީ އޭނާގެ އެންމެ ފަހު ހުށަހެޅުމަށް ވީތީ އެވެ. އެ ހާދިސާއަށްފަހު ނޫރާ އޭނާ ލަވަކިޔުން ހުއްޓާލައި އެ މަސައްކަތާއި މުޅިން ވަކިވި އެވެ.
Ads by MACL
