ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (35 ވަނަ ބައި)
"ޒާން" އަވަސް ނަޒަރެއް އިޝްޔާއަށް ދެމުން ޒިވްރާ ގޮވާލިއެވެ. އޭނާގެ ހަރަކާތްތަކުގައި ވެސް ވީ ޖެހިލުންވުމެވެ. އަޒާންއަށް އެކަން ފާހަގަވިޔަސް އަޅާނުލީއެވެ. އިޝްޔާ އެތަނުގައި ހުއްޓެއްކަމަކު، އޭނާ އަށް އެހައި ބޮޑު ސަމާލުކަމެއް ދިނުމުގެ ނިޔަތެއް އަޒާންގެ ނެތް ކަހަލައެވެ. ޒިވްރާ އަށް ބަލައިލަމުން އަޒާން ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އިރުކޮޅަކު އެހެން އިނދެފައި ލަސްލަހުން އިޝްޔާއާ ނަޒަރު ސީދާ ކޮށްލިއެވެ.
"އަހަރެން އިޝްޔާއަށް މަޢާފުކުރިތާ ކިތަންމެ ދުވަހެއް. އެކަމަކު އިޝްޔާ އަހަންނާ ދޭތެރޭގަ ކަންތައް ކުރިގޮތެއް ދުވަހަކުވެސް މިހިތަކުން ނުފިލާނެ. އަހަންނަށް ނިސްބަތްކޮށް ބުނި ބަސްތަކެއް ވެސް. އަހަރެން ހަނު ހުރީ އަހަރެންގެ ހިތަށް ތަދުނުވާތީކީ ނޫން. އެކަމަކު ބޭކާރު ވާހަކަތަކެއް ދައްކަން ބޭނުންނުވީމަ. އެދުވަސްކޮޅު އަހަރެން ހިތާމަކުރިވަރު ދެނެވޮޑިގެންވާނީ ހަމައެކަނި އަހަރެން ހެއްދެވި ފަރާތް. އަހަރެން އިންތިޒާރުކުރިން. ހީކުރީ ދުވަސްކޮޅެއް ފަހުން ވިސްނިގެން އެނބުރި އަންނާނެކަމަށް. އެކަމަކު އެ ދުވަހެއް ނައި. އޭގެބަދަލުގަ ޔޫ މޫވްޑް އޮން. އިތުރަށް ބޭކާރު އިންތިޒާރެއް ނުކުރަން އަހަރެން ނިންމި ދުވަހަކީ އެއީ. އެ ހުރިހާ ހިތާމަތަކުން މިންޖުވެ ދިރިއުޅުމާ އަލުން ކުރިމަތިލާން އަހަންނަށް ދަސްކޮށްދިނީ ޒިވީ. ޒިވީ ނެތްނަމަ މިއަދު އަހަރެން ސަލާމަތުން މިހެން ހުންނާނެކަމުގެ އެއްވެސް ޔަގީންކަމެއް އަހަންނަކަށް ނެތް. އަހަންނަށް މަޢާފުކުރޭ. އަހަރެން އިޝްޔާ ދެކެ ލޯބިވިން.. ވަރަށް ލޯބިވިން.. އެކަމަކު ތީ މިހާރު އަހަރެންގެ މާޒީ. އެ ދުވަސްތައް އަހަރެން ފަހަތަށް ދޫކޮށްލުމަށްފަހު، އަލުން އެނބުރި މާޒީއަށް ބެލުމުގެ އެއްވެސް ނިޔަތެއް ނެތް. އިޝްޔާ އަށް ވެސް އެންމެ ރަނގަޅު ވާނީ ދެން މިގުޅުން ދަމަހައްޓަން މަސައްކަތް ނުކުރިއްޔާ. އަހަރެން މަތިން ހަނދާންނައްތާލާ" އިޝްޔާއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ އަޒާން ބުނެލިއެވެ. އޭނާގެ އަޑުގައިވީ ޔަގީންކަމެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އިޝްޔާއަށް ހިނދުކޮޅަކު ހުރެވުނެވެ.
Ads by BML
"ލަހުން ވިޔަސް އަހަންނަށް ވިސްނިގެން މި އައީނު. ޒާން ޕްލީޒް ތިހެން ނުބުނޭ. އަހަރެން ތިގޮތަށް މާޔޫސްކޮށްނުލާ.." ދެއަތް ޖޯޑުކޮށްލަމުން އިޝްޔާ ދެރަވެލައިފައި ބުނެލިއެވެ.
"ޔޫ ޑިޑް ދިސް އޮން ޔޯރ އޯން އިޝީ.." މަޑުމަޑުން އަޒާން ވެސް ބުނެލިއެވެ.
"އަހަރެން.. އަހަރެންގެ މައްޗަށް ޒާން އެހެން އަންހެނަކު އިސްކުރަނީތަ؟" ހިތުޖެހިފައި ހުރެ އިޝްޔާ ބުނެލިއެވެ. ނުރުހުންތެރިކަން އެކުލެވިފައިވާ ގޮތަކަށް އޭނާ ޒިވްރާ އަށް ބަލާލިއެވެ. ޒިވްރާ އެދެމެދަށް ހުރަސްއަޅަނީއޭ އިޝްޔާއަށް ހީވަނީއެވެ. ޒިވްރާ ނެތްނަމަ ފަހަރެއްގައި އަޒާން އޭނާ ބަލައިގަތީސް ކަންނޭނގެއެވެ. އިޝްޔާގެ ބަސްތަކުން އަޒާން ލުއި ގޮތަކަށް ހީނލިއަޑު އިވުނެވެ. ހައިރާންވެފައި އިޝްޔާ އޭނާއަށް ބަލާލިއެވެ. އަޒާންގެ އެ ތަފާތުކަން ބަލައިގަންނަން އޭނާ ނުކުޅެދިފައިވާ ކަހަލައެވެ.
"އިޝީ އަށް ނޭނގުނަސް، އަހަރެންދެކެ ތެދުވެރި ލޯބިވާ މީހުން ދެނެގެންނަން އަހަންނަށް އެނގޭ. އަދި އެ ލޯތްބަށް ޤަދަރުކުރަން ވެސް އަހަންނަށް އެނގޭ. ﷲ ގަންދީ ބުނަން. އެއްވެސް އަންހެނަކަށް އަހަރެންދެކެ ޒިވްރާ ވީ ފަދަ ލޯތްބެއް ނުވެވޭނެ. އިޝްޔާ އަކަށް ވެސް" ކުލުނުން ފުރިގެންވީފަދަ ގޮތަކަށް އަޒާން ޒިވްރާ އަށް ބަލާލިއެވެ. އަޒާންގެ ދުލުން ބޭރުވި ބަސްތަކުންނާއި، އެ ބަލައިލުމުން ޒިވްރާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރުކުރުވިއެވެ. ލަގޮނޑިއަށް ވާންވެލުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އަޒާން އޭނާގެ ލޯބި ގަބޫލުކުރާނެ ދުވަހަކަށް ޒިވްރާ ހާދަ ދިގު އިންތިޒާރެއް ކޮށްފިއެވެ. އެތައް ދުޢާ އެއް ކޮށްފިއެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ﷲ އޭނާގެ ދުޢާ އިޖާބަކޮށްދެއްވީއެވެ. އިސްޖަހައިލެވުމާއެކު ޒިވްރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބާން ފެށިއެވެ. އެ ކަރުނަތައް ހިފެހޭއްޓުމުގައި މިއަދު އޭނާ ނުކުޅެދިފައިވީ ހިތަށް ކުރަމުންދިޔަ އަސަރެއްގެ ފުން ކަމުންނެވެ. ހިތާހިތުން ﷲ އަށް ޙަމްދު ކުރެވެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. އިރުކޮޅަކު ޒިވްރާ އަށް ބަލަން އިނުމަށްފަހު އަޒާން އޭނާގެ އަތުން ދޫކޮށްލިއެވެ. އަދި އަޒާންގެ ވައަތު ކުޑަވައި އިނގިލީގައި އަޅައިފައި އޮތް ރިހި އަނގޮއްޓި ނަގަމުން އޭގެއަށް ބަލައިލުމަށްފަހު ޒިވްރާ އަށް ބަލާލީ ހިނިތުންވެފައި އިނދެއެވެ.
"އަހަނަށް އެނގޭ މީ އަހަރެން މިފަދަ ސުވާލެއް ކުރަން އެންމެ އެކަށޭނަ ތަން ނޫންކަން. އެކަމަކުވެސް އިތުރަށް އެންމެ ދުވަހެއް ވެސް ލަސްކުރާކަށް އަހަރެން ބޭނުމެއް ނުވޭ. ޒިވީ.. އަހަންނާ ކައިވެނި ކުރާނަންތަ؟" އެ ރިހި އަނގޮއްޓި ޒިވްރާއަށް ދިއްކޮށްލަމުން އުއްމީދުން ފުރިގެންވީފަދަ ގޮތަކަށް އަޒާން އަހައިލިއެވެ. ދެލޯބޮޑުކޮށްލަމުން އިޝްޔާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ކަންތައްވަމުން މިދަނީ އޭނާ އުއްމީދުކުރި ގޮތާ މުޅިން އިދިކޮޅަށެވެ. އަޒާންގެ އަމަލުތައް ގަބޫލުކުރަން ދަތިވެފައި އޭނާ ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގަމުންދިޔައެވެ.
އަޒާންގެ ދުލުން ބޭރުވި ސުވާލު އިވިފައި ކުއްލިއަކަށް ޒިވްރާ އަށް އިސްއުފުލާލަމުން އޭނާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ހިނދުކޮޅަކަށް އޭނާގެ ހިނދުރީގައި ނޭވާ ވެސް ތާށިވީހެން ޒިވްރާ އަށް ހީވިއެވެ. ހުއްޓުން އަރައިފައި ޒިވްރާއަށް ހުރެވުނީ ފެންނަމުންދަނީ ހަގީގަތެއްކަން ދެނެގެނަންނަން އުނދަގޫވެފައެވެ. ދުވަހެއްގެ ކޮޅުން ވެސް އަޒާން އޭނާގެ ކިބައިން ކައިވެންޏަށް އެދިދާނެކަމަކަށް ހުވަފެނުގައި ވެސް ޒިވްރާ ހިއެއް ނުކުރެއެވެ. ހިތަށް ފިނިވެގެން ދިއުމާއެކު މަޑު ހީލިކެރުވުމެއް ހަށީގައި އުފެދިގެން އައެވެ. ލަދުވެތިކަމުގެ ރަތްކުލަ އޭނާގެ ކޯތާފަތަށް ފޭދިގެން އައީ އަޒާންގެ ތޫނު ނަޒަރުންނެވެ. ހިތްވަރުކޮށްފައި ލަސްލަހުން ޒިވްރާ ބޯޖަހާލިއެވެ. އެއާއެކު އަޒާން އެއްއަތް ޒިވްރާ އަށް ދިއްކޮށްލިއެވެ. ނުކެރިހުރެފައި ވެސް ޒިވްރާ އެ އަތުގެ ތެރަށް އޭނާގެ ކުޑަ އަތްތިލަ ލިއެވެ. ވަގުތުން އޭނާގެ ވައަތުގެ ކަށި އިނގިލީގައި އަޒާން އެ އަނގޮއްޓި އަޅުވާލިއެވެ. އަދި ނުހަނު ލޯބިން އޭގައި ފިރުމާލިއެވެ. ޒިވްރާގެ ލަދުވެތިކަން ފެނި އަޒާންގެ ތުންފަތުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. މިއީ ދުވަހަކުވެސް ޒިވްރާގެ ފުށުން އޭނާ ދެކުނު އަސަރުތަކެއް ނޫން ވިއްޔާއެވެ. އެ ލަދުވެތި އަދާތަކުން އަޒާން އަށް ކުރުވީ ތަފާތު އިހުސާސެކެވެ. މީގެ ކުރިން އެ ހިތުގައި އުފެދިފައިނުވާފަދަ ފުން ޖަޒުބާތުތަކެއް ހިތުގައި އުފަންވެގެން އައި ފަދައެވެ. ބަހެއްވެސް ނުބުނެ އެ ދޮން މޫނުކޮޅަށް ބަލަހައްޓައިގެން އަޒާން އަށް އިނދެވުނީއެވެ. އޭނާ ސިހުނީ އިޝްޔާ ހޭންފެށި އަޑަށެވެ. މަލާމާތުން ފުރިފައިވީފަދަ ގޮތަކަށް އޭނާ އަޒާން އާއި ޒިވްރާގެ ޖޯޑުކޮށްލެވިފައިވާ އަތްތިލައަށް ބަލަހައްޓައިގެން ހުއްޓެވެ.
"ސީރިއަސްލީ ޒާން.. އަހަރެން ހުއްޓަ މި އަންހެނާތަ ތި ޚިޔާރުކުރީ؟ ޒާން ތި ހުރީ ހަމަހޭގަތަ؟" އެ ނިންމުން ބަލައިގަންނަން އުނދަގޫވެފައި ހުރެ އިޝްޔާ ބުނެލީ ހަށަން ބަނދެލަމުންނެވެ. އޭރު އޭނާގެ ހިތް އެތެރޭގައި އޮވެ އަނދަމުންދާފަދަ އިހުސާސެއް އިޝްޔާއަށް ކުރެވެމުންދިޔައެވެ.
"ހަމަހޭވެރިކަން އަހަންނަށް މި ލިބުނީ އަދި ކިރިޔާ. އެންޑް ޔެސް.. އައި ވިލް އޯލްވޭސް ޗޫޒް ހާރ" ސާބިތުކަމާއެކު އަޒާން ބުނެލިއެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް އިޝްޔާއަކަށް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށްފަހު އޭނާ ލަސްލަހުން ހަށަން މޮހެލަމުން އިސްޖަހާލިއެވެ. އިތުރަށް އެތަނުގައި އޭނާ މަޑުކުރުމުގެ ބޭނުމެއް ނެތްކަން އިޝްޔާއަށް ވިސްނުނީ އެހިނދުއެވެ. އަޒާންގެ ދިރިއުޅުމުން ދެން ދުވަހަކުވެސް އޭނާ އަށް ފުރުސަތެއް ނެތްކަން ގަބޫލުކުރަންވުމުން އުނދަގޫވިއެވެ. ނަމަވެސް އިތުރަށް އެއްޗެއް ކިޔާކަށް އިޝްޔާ ނޫޅުނެވެ. ކަރުނުން ބަރާވަމުންދިޔަ ދެ ލޮލުން އަޒާންގެ މޫނަށް އިޝްޔާ ބަލާލިއެވެ. އަދި އަޒާން އެއްޗެއް ބުނޭތޯ އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ. ހިމޭންކަމާއެކު ހޭދަވެގެންދިޔަ ކޮންމެ ސުކޫތަކާއެކު އިޝްޔާގެ ހިތް އިތުރަށް މާޔޫސްވާގޮތްވިއެވެ. އޭނާ އަށް ކެތްނުވީކަހަލައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް އޭނާ އަޒާން އާއި ޒިވްރާއަށް ފުރަގަސްދިނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރީގެ ދޮރުހުޅުވާލަމުން އެތަނުން ނުކުތެވެ. އިޝްޔާ ދިއުމާއެކު އަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޒިވްރާ އަށް ބަލައިލަމުން އެތަނުގައި އިނށީނުމަށް އަޒާން އެދުނެވެ.
"ޒިވީ.. އައި އެމް ސޮރީ.. އަހަންނަށް އެނގޭ މީ އެއްވެސް އަންހެންކުއްޖަކު އުއްމީދު ކުރާނެފަދަ ކައިވެނީގެ ހުށަހެޅުމެއް ނޫންކަން.. އެކަމަކު ހަގީގަތުގަ ވެސް އަހަރެން އިތުރަށް ލަސްކުރަން ބޭނުންނުވީ.. އޭރު ހިތަށް އެރި ވިސްނާލަން ވަގުތު ބޭނުމޭ.. އެކަމަކު ތިހާ ރަނގަޅު ކުއްޖަކު އަހަރެންގެ އަތުން ބީވެގެން ދާކަށް ނުރުހެވޭނެ. އައި ޕްރޮމިސް، ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަށް އަހަރެން ޒިވީ އެދޭ ކޮންމެ އަނގޮއްޓިއެއް ވެސް ޒިވީ އަށް ހޯދަދޭނަން.. އަހަރެން ބޭނުމެއްނޫން ޒިވީ އަށް ކުޑަކޮށް ވެސް އިހުސާސުވާކަށް އަހަންނަށް ޒިވީ މުހިންމެއް ނޫނޭ.. ނޫނީ އިޝްޔާ އާ އަހަރެން ޒިވީ ތަފާތުކުރެއޭ.. ހަގީގަތުގަ ބުނާނަމަ ޒިވީ އަށް ހައްގުވަނީ ވަރަށް ފުރިހަމަ ޕްރޮޕޯސަލް އެއް.. އަހަރެން ވަޢުދުވަން، އަހަރެން ޒިވީ އަށް ޑިޒާރވް ވާ ހުރިހާ އުފަލެއް ދޭނަންކަމަށް" ކުޑަކޮށް ޒިވްރާއާ ދިމާއަށް ހަށިގަނޑު އަނބުރާލަމުން އަޒާން ބުނެލިއެވެ. އޭނާގެ ވާހަކަތަކުން ޒިވްރާގެ ހިތް ވިރެމުންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ރަކި ގޮތަކަށް ޒިވްރާ ހިނިތުންވެލިއެވެ. އަދި ދެފަރާތަކަށް ބޯހޫރާލީ އަޒާން ދައްކަމުންދިޔަ ވާހަކަތައް ހުއްޓާލާށޭ ބުނެލާ ފަދައަކުންނެވެ.
"އަހަންނަށް އެ ހުރިހާ ކަމެއް މުހިންމެއް ނޫން ޒާން. އަހަންނަކީ އެހެން އަންހެންކުދިން ފަދައިން ވިސްނާ ކުއްޖެއްކަމަށްތަ ޒާން ހީކުރީ؟ އަހަންނަށް މުހިންމީ ޒާންގެ ލޯބި.. އެ ލިބުމުން އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުންފަދަ.. އެހެންނޫނަސް މީ ޒާން އަބަދުވެސް އަޅާގެން އުޅޭ ރިންގް އެއްނު.. މީތި އަތުގަ އޮތީމަ އަބަދުވެސް އަހަންނާއެކު ޒާން ވާކަމުގެ އިހުސާސު ކުރެވޭނެ. އަހަންނަށް މި އަނގޮއްޓި ވަރަށް ޚާއްސަ" ޒިވްރާގެ ވާހަކަތަކުން އަޒާންގެ ހިތް ފުރިގެން އައި ފަދައެވެ. އެ ތަފާތުކަން މާ ބޮޑަށްވެސް އޭނާ އަށް ކަމުގޮސްފިއެވެ. ބޯއަރިކޮށްލަމުން ފަރުވާތެރި ނަޒަރަކުން ލަދުން ރަތްވަމުންދިޔަ ޒިވްރާގެ ދޮން މޫނަށް އަޒާން ބަލާލިއެވެ.
"އެހެންވީއިރު ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫން.. ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސަން ބޭނުން. ޒިވީގެ މައިންބަފައިންނާ މި ވާހަކަތައް ދައްކަން ބޭނުން. އެމީހުންގެ ކިބައިން ޒިވީގެ ކައިވެންޏަށް އެދެން އަހަރެން ގަސްދުކުރަނީ.. މިތަނުން ސަލާމަތްވިހާ އަވަހަށް އެންމެ ފުރަތަމަ ވެސް ކުރަން ބޭނުމީ އެކަންތައް.. އެންމެ ރަނގަޅުތަ؟" އަޒާންގެ ގަސްދަކީ ޒިވްރާ އިތުރަށް ލަދުގަންނަވާލުން ކަހަލައެވެ. އެ ވާހަކަތަކުން ދުވަހަކު ވެސް ހިތް އަވަސް ނުވާވަރަށް ޒިވްރާގެ ހިތް އަވަސްވެގެން ދިޔައެވެ. މަޑު ތުރުތުރެއް ހަށިގަނޑުގައި އުފެދިގެން އައީ ކީއްވެކަމެއް ނޭނގެއެވެ. ތުރުތުރުލަމުން ދިޔަ ތުންފަތުގައި ޒިވްރާއަށް ދަތްއަޅާ ބާރުކޮށްލެވުނެވެ. އެއާއެކު އަޒާންގެ ނަޒަރު ލަސްލަހުން ޒިވްރާގެ ރަތް ލޭކޮޅެއްފަދަ ތުންފަތަށް ހުއްޓުނެވެ. އެ ތޫނު ބެލުން އިހުސާސުވުމާއެކު ޒިވްރާގެ ނޭވާ އަވަސްވާގޮތްވިއެވެ. ލަދުވެތިކަމާއެކު އޭނާ ބޯޖަހައިލީ އަޒާންގެ ވާހަކައަށް އާނބަސް ބުނުމުގެ ގޮތުންނެވެ. ޒިވްރާގެ އާނބަސް ލިބުމާއެކު އަޒާން އަށް މަޑުމަޑުން މޭގައި އަތްޖައްސާލެވުނެވެ. އޭނާގެ ހިތުގެ ހިނގުންވެސްވީ އަވަސް ވެފައެވެ. އެ އަންހެންކުއްޖާ އަމިއްލަ މިލްކަކަށް ހަދާހިތުން އޭނާ އަށް މިހާރު ކެތްވަނީއެއް ނޫނެވެ. އެވަގުތުކޮޅު އަވަހަށް ގެނެސްދެއްވުން އެދި އޭނާ އަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.
*****
ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން، އޭގެން ފެންނަން ހުރި އަމިއްލަ ސޫރައަށް ނަޒަރު ސީދާކޮށްލައިގެން އަޒާން ހުއްޓެވެ. ލައިގެން ހުރި ކަޅުކުލައިގެ ކޯޓުފަޓުލޫނުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކަމަށް ދައްކައެވެ. އޭނާގެ ކަޅުކަންގަދަ ކުރު އިސްތަށިގަނޑު ހުރީ ވަރަށް ފަރުވާތެރިކަމާއެކު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ހުރިހާ ގޮތަކުން ވެސް އަޒާން ވަނީ އެ ޚާއްސަ ރެޔަށް ތައްޔާރުވެ ނިމިފައެވެ. ނަމަވެސް، ހަމަޖެހުމުގެ ބަދަލުގައި އަޒާންގެ މޫނުމަތިން ފައުޅުވަމުން ދިޔައީ ހާސްކަމެވެ. ހިތްއަވަސްވެފައި ހުރި ވަރުން، އޭނާ އަށް މިހާރު ދެތިން ފަހަރަށް ލައިގެން ހުރި ކޯޓުގެ އަތްކުރިވެސް ރަނގަޅު ކޮށްލެވިއްޖެއެވެ. އެ ނިންމުމާމެދު ޔަޤީންވިއެއް ކަމަކު، އަޒާންގެ ހިތް ނުތަނަވަސް ކުރުވަމުންދިޔަ ޚިޔާލުތަކުން އޭނާއަށް ދުރެއް ނުވެވުނެވެ. ދެވަނަ ފަހަރަށް ކައިވެންޏަކަށް ތައްޔާރުވެގެން ހުރިއިރު، އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުން އައީ އެންމެ ފުރަތަމަ އެފަދަ ހެދުމެއްގައި އޭނާ ހުރި ރޭގެ މަންޒަރުތަކެވެ. އެ ރޭގެ ހިތި ހަނދާންތަކުން އަޒާންގެ ހިތަށް ދަތިކަން ލިބެމުންދިޔައެވެ. ޒިވްރާ ހަގީގަތުގައި ވެސް އޭނާއާ ކައިވެނިކޮށްފާނެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ފުރޮޅުލީ ގޮނޑިއެއްގައި ނީންނަމަވެސް، އަދިވެސް އޭނާ އަކީ އެންމެ ފުރިހަމަ މީހެއް ނޫންކަން ޟަމީރު ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. އެއްއަތުން ހިފަހައްޓާލައިގެން ހުރި އަސައަށް އަޒާންގެ ސަމާލުކަން ހުއްޓުނީ އެ ޚިޔާލުތަކުގެ ސަބަބުންނެވެ. އެ ރޭގެ ބިރުވެރި ހަނދާންތަކުން އަޒާންގެ މޭފިތެމުންދިޔަފަދަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ އޭނާ ދިރިއުޅުންމަތިން މުޅީން މާޔޫސްވެދާނެއެވެ. އެހެނަސް، އެރެއާ ޚިލާފަށް އަޒާން އަށް ކުރެވެމުންދިޔައީ މުޅިން ތަފާތު އިހުސާސުތަކެއްކަން ގައިމެވެ. ހިތުގެ ބޭޤަރާރުކަން ވެސް ވަކި ކުޑައެއް ނޫނެވެ. ޒިވްރާ ދުށުމަށްއެދި އޭނާގެ ހިތް މޭގެތެރޭގައި ތެޅިފޮޅެމުން ދިޔައެވެ. އެ އިހުސާސުން އަޒާން އަށް މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ.
(ނުނިމޭ)
Ads by MACL
