ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (36 ވަނަ ބައި)
"ނާރވަސް؟" އަޒާންގެ ހަރަކާތްތަކަށް ބަލަން އޭނާގެ ފަހަތުގައި ކަހަލަ ގޮތަކަށް ހުއްޓިލައިގެން ހުރި ރައްޔާން އަހާލިއެވެ. މަޑުމަޑުން އަޒާން ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. "ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ވެދާނެތީ ކަންބޮޑުވަނީ" ދުރަށް ބަލައިލަމުން ޚިޔާލަކަށް ގެއްލިފައި ހުރެ އަޒާން ބުނެލިއެވެ. އެއާއެކު ލުއި ހީނލުމެއްގެ އަޑު ރައްޔާންގެ ފުށުން އިވުނެވެ. ފަހަތުން އަޒާންގެ ކޮނޑުގައި އޭނާ އަތްބާއްވައިލިއެވެ. "ޒިވީ އެހެން ހުރިހާ އެންމެނާ ތަފާތު.. ނޫންތަ؟ މިފަހަރު ޒާންގެ ހޮވުން ވަރަށް ފުރިހަމަ. ދޮންބެއަށް ޔަޤީން، ޒާންގެ ހިތް އެދޭފަދަ ބައިވެރިއަކަށް ޒިވީ ވާނެކަން" ރައްޔާންގެ ވާހަކަތަކާ ޚުދު އަޒާންގެ އަމިއްލަ ނަފުސު ވެސް އެއްބަސް ވެއެވެ. ބޭކާރު ޚިޔާލުތައް އަމިއްލަ ހިތާ ސިކުނޑިން ނެރެލަމުން ރައްޔާންއަށް ބަލައިލުމަށްފަހު އަޒާން ކުޑަކޮށް ހިނިތުންވެލިއެވެ. އަދި އަތު ކުރީގައި އޮތް ގަޑި އަށް ބަލައިލަމުން ދާންވީ ކަމުގައި އޭނާ ބުނެލިއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާއެކު އަޒާން ވަޢުދުވީ ފަދައިން އެންމެ ފުރަތަމަ ކަމަކަށް ވެސް ޒިވްރާގެ އާއިލާގެ ކިބައިން އޭނާގެ ކައިވެންޏަށް އެދުނީއެވެ. އަޒާންގެ ހޮވުމާމެދު ލިޔާރާ އާއި ހިލްމީގެ އިތުރުން ރައްޔާން ވެސް ނުހަނު ހިތްހަމަޖެހުނެވެ. ޒިވްރާގެ ފުށުން އޭނާ އެ ކައިވެންޏަށް ރުހޭކަން އެނގުމުން އުފަލާއެކު އަޒާންގެ ހުށަހެޅުން ޝާހީނާ އާއި ދާމިރް ގަބޫލުކުރިއެވެ. އެ ކައިވެނީގެ ޚަބަރުން ޒައިހާ އަށް ވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު ޒިވްރާގެ ލޯބި އޭނާއަށް ހާސިލްވީއެވެ. ވަގުތުން ޒިވްރާއަށް ގުޅައި އޭނާ މަރުޙަބާ ކިޔެވެ. ޒިވްރާގެ ހިތުގެ ހާލު ޝާހީނާއަށް ވެސް އެނގުނީ އެ ދުވަހު ޒައިހާގެ ވާހަކަތައް އިވުމުންނެވެ. އޭނާގެ ދަރިފުޅު ކައިވެންޏަކަށް މީގެ ކުރިން ތައްޔާރު ނުވި ހަގީގީ ސަބަބު އަދި ކިރިޔާ އޭނާ އަށް އޮޅުންފިލީއެވެ. އެމީހުން ގާތުގައި ހަގީގަތް ނުބުނުމަކުން ޝާހީނާގެ ހިތުގައި ޒިވްރާއާ މެދުގައި ކުޑަވެސް ޝަކުވާއެއް ނެތެވެ. އޭނާ ބޭނުންވަނީ އޭނާގެ ދަރިން އުފަލުގައި ތިބުމެވެ.
Ads by BML
ޒިވްރާގެ ކައިވެންޏަށް ޝާހީނާ އާއި ދާމިރްގެ އިތުރުން ޒައިހާ އާއި މިކްދާދްގެ އާއިލާ ވެސް ރާއްޖެ އައެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނީ ދެ އާއިލާގެ ވެސް މަޝްވަރާގެ މަތިންނެވެ. ޒިވްރާ ބޭނުންވީ އަޒާން އަށް ވެސް ކަމުދާ ގޮތަކަށް ހުރިހާ ތައްޔާރީތަކެއް ވާށެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ހިތް ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ މިނިވަންކަން އަޒާން އަށް އިހުސާސުކުރެވުނީ އެ ދުވަހުއެވެ. ޒިވްރާ އާއި ދެމީހުންގެ ޚިޔާލުގައި ހުރި އެއްގޮތްކަން ވެސް ވިސްނުނީ އެފަދަ ކަންކަމާ ޚިޔާލު ބަދަލުކުރުމުންނެވެ. މިއިން ދުވަހަކުވެސް ނުލިބޭފަދަ ހަމަޖެހުމެއް އަޒާންގެ ނަފުސަށް ޒިވްރާގެ ސަބަބުން ވެރިވެފައިވިއެވެ.
*****
"އިޝީ، ދަރިފުޅު މިއަދު ހަތަރުދަމު އެއްވެސް އެއްޗެއް ނުކައެއްނު ތި ހުރީ. ހިނގާ މަންމައާ އެކީ އެއްޗެއް ކާލަން ދާން. ދަރިފުޅު ކާން ނާންނާތީ ބައްޕަ ވެސް އެބައިން މަޑުކޮށްގެން" ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ކުރިމަތިން ފެންނަން ހުރި އޯޝަން ކްރެސްޓް ގެއަށް ނަޒަރު ސީދާކޮށްލައިގެން ހުރި އިޝްޔާގެ އަތުގައި ޔުމްނާ ނުހަނު ލޯބިން ފިރުމާލިއެވެ. އައިމަންގެ ކައިރިން ވަރިވެގެން އިޝްޔާ އެނބުރި އެ ގެއަށް އައީއްސުރެ، އާދަޔާ ޚިލާފު ހަމަހިމޭންކަމެއް އިޝްޔާގެ ނަފުސަށް ވަނީ ވެރިވެފައެވެ. އުނދަގޫކަމަކަށް ވިއަސް، ކަންތައް ވީ ގޮތް އިޝްޔާ ވަރަށް ސާފުކޮށް ޔުމްނާ އަށް އޮޅުންފިލުވައިދިނެވެ. ދަރިފުޅުދެކެ ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު، ހިތާމައެއް ކުރިމަތިވީ ދަނޑިވަޅު އެ ދަރިފުޅު އެކަނިކޮށްލާކަށް ޔުމްނާ އާއި ސުފްޔާން ބޭނުމެއްނުވިއެވެ. އެއީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ފުރާނަވިއްޔާއެވެ. ރޮއެރޮއެފައި އިޝްޔާ މަޢާފަށް އެދުނަތީ ހެޔޮހިތުން އެ ދެމަފިރިން އޭނާ އަށް މަޢާފުކުރީއެވެ. އެހެނަސް، އަޒާންގެ ނިންމުމުން އިޝްޔާއަށް ލިބިފައިވާ ހިތާމަ ކުޑަކުރުމުގައި އެދެމީހުން ވަނީ ނާކާމިޔާބުވެފައެވެ. ހިމޭންކަމާއެކު އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިޝްޔާ ހުންނަ ވަގުތުތައް ގިނައެވެ. އެހެން އެކަނި އިނދެ އެތައް ވަގުތެއް ހިތާމަކުރުމުގައި އޭނާ ހޭދަކުރެއެވެ. ހަށިގަނޑުގައި ހުރި ލަކުނު ފެންނަ ކޮންމެ ވަގުތަކު އަޒާން މަތިން އޭނާ ހަނދާންވާގޮތްވެއެވެ. އަޒާން އޭނާއަށްޓަކައި ވީ މަތިވެރި ޤުރުބާނީ ހިތަށް ވެރިވެ އަމިއްލަ ނަފުސު ލަދުވެތިކަމުގައި ބަނދެވިގެންދެއެވެ. ދުވަހަކުވެސް އޭނާ ދެކެ އެފަދަ މަތިވެރި ދަރަޖައަކަށް ލޯބިވާނެ މީހަކު ދެން ނުލިބޭނެކަން އަމިއްލަ ޟަމީރު ތަކުރާރުކޮށް ހަނދާންކޮށްދެނީ އިޝްޔާއަށް ކެތްނުވާ ވަރަށެވެ.
އަޒާންގެ ކައިވެނީގެ ޚަބަރު ލިބުމާއެކު އިޝްޔާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ރޮއެރޮއެ ދެލޯ ދުޅަވި އިރުވެސް، އޭނާއަށް އެކަރުނަތައް ހުއްޓުވޭ ގޮތެއް ނުވިއެވެ. ހިތާމައިގެ ތަސްވީރެއް ފަދައިން އެގެއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު، އެ ދެލޯ ފުރިބަންޑުންވަމުން އައީ ހިތުގެ ހާލު އަންގައިދެމުންނެވެ. އަތުން ބީވެގެންދިޔަ އެ އުފަލާމެދުގައި އިޝްޔާއަށް ހިތާމަކުރެވެނީއެވެ. އެއީ އިންސާނީ ޠަބީއަތެވެ. ގިނަ ފަހަރަށް އެއްޗެއްގެ އަގު ވަޒަން ކުރެވެނީ އެ އެއްޗެއް އަތުން ބީވެގެން ދިއުމުންނެވެ.
"އިޝީ.. ދަރިފުޅާ" އިޝްޔާގެ ފުށުން އެއްވެސް ޖަވާބެއް ނުލިބުމުން މާޔޫސްވެފައި ޔުމްނާ ގޮވާލިއެވެ. އެ ދެމައިންގެ ޚަބަރެއް ނުވެގެން އިޝްޔާގެ ކޮޓަރިއަށް އައިސް ސުފްޔާން އަށް ވެސް ވަދެވުނީ އެވަގުތުއެވެ. ކަންބޮޑުވުމުގެ ނަޒަރަކުން ޔުމްނާ ސުފްޔާން އަށް ބަލާލިއެވެ. ކުޑަކޮށް ދެލޯ މަރައިލަމުން ސުފްޔާން ބޯޖަހައިލީ ކެތްތެރިވާށޭ ޔުމްނާ ގާތުގައި ބުނެލުމުގެ ގޮތުންނެވެ. އޭނާ އައިސް ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު އިޝްޔާގެ ބޮލުގައި ފިރުމާލިއެވެ.
"ދަރިފުޅާ.. ކެތްތެރިވާން ވާނެ.. މިއަދު ތިގޮތަށް ހިތާމަކުރުމަކުން މާޒީގެ އެ ދުވަސްތައް އެނބުރި އައުމެއް ނުވޭ.. އެންމެ ފުރަތަމަ އެ އުފާވެރިކަން ވެސް އަދި އެ ނަސީބުވެސް ލިބުނީ ދަރިފުޅަށް.. އެކަމަކު ދަރިފުޅަށް އެކަމަށް ޝުކުރުވެރިވާން ނޭނގުނީ.. ދަރިފުޅު ހަގީގަތުގަ ވެސް އަޒާންދެކެ ލޯބިވާނަމަ، މިއަދު އޭނާގެ އުފަލަށްޓަކާ ދަރިފުޅު ވެސް އުފާކުރޭ.. ތެދުވެރި ލޯތްބަކީ އެއީ އެއްނު.. އަޒާން އަށްޓަކާ ހެޔޮ ދުޢާ ކުރޭ.. ތިމާއަށް ލިބުމެއްނެތް ކަމެއްގެ ފަހަތުން ދުވެ އެކަމުގަ އަމިއްލަ ނަފުސު ގެއްލުވާނުލާ.. މާޒީގެ ކުށްތަކުން ދަސްވި އެއްޗަކުން ކުރިމަގު އުޖާލާކުރަން ހިތްވަރުކުރޭ.. މަންމަ އާ ބައްޕަ ވެސް މިތިބީ ދަރިފުޅާއެކު.. އަލުން އާ ފެށުމަކުން ދިރިއުޅުން ފަށަންވީ.. އާ ހިތްވަރަކާ އަޒުމަކާއެކު.. ދަރިފުޅަކީ މި ބައްޕަ އާ މަންމަގެ ހިތުގެ ހަމަޖެހުން.. ވީއިރު ދަރިފުޅު އަބަދު ހިތާމަކުރާތަން ބަލަން ކެތްވާނީ ކިހިނެއް؟ ތީ މި ބައްޕަގެ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު.. ތި ހިތާމަތައް އެއްފަރާތް ކޮށްލުމަށްފަހު އަލުން ދިރިއުޅުމާ ކުރިމަތިލަން ދަސްކުރޭ އިޝީ.. އަމިއްލަ ނަފުސަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެއީ.." އިޝްޔާ ގެނެސް މޭގައި ޖައްސާލައިގެން ހުރެ ކުލުނުން ފުރިފައިވާ އަޑަކުން ސުފްޔާން ބުނެލިއެވެ. އެ ދަރިފުޅަށް އަބަދުވެސް އެންމެ ހެޔޮ ގޮތް ބުނެދެން އޭނާ މަސައްކަތްކުރެއެވެ. އެހެނަސް ގިނަ ފަހަރުތަކު އޭނާގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް އިޝްޔާ ނުދެއެވެ. އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު ބައްޕަގެ ވާހަކަތަކުން އިޝްޔާގެ ނަފުސަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެ އޯގާތެރިކަމުން ހިތަށް އަސަރުކުރީ ކެތްނުވާ ވަރަށެވެ. ތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތް ގިސްގެ އަޑުން އެކަނިވެސް އެހިތަށް ކޮށްފައިވާ އަސަރު ހާމަވެއެވެ. ގިސްލަގިސްލާފައި އިޝްޔާ ރޮމުން ދިޔައިރު، އޭނާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަ ފިރުމާލާ ސުފްޔާން ހުއްޓެވެ. ދުލުން ބަހެއް ބުނަން ނުކުޅެދުނެއްކަމަކު، ސުފްޔާންގެ ވާހަކަތައް އިޝްޔާ ގަބޫލުކުރިއެވެ. އަދި އެފަދައިން ކަންތައް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. ފަހުފަހަރަށް ކަހަލަ ގޮތަކަށް އިޝްޔާ އަޒާންގެ ގެއަށް ބަލާލިއެވެ. އަދި ސުފްޔާންގެ މޭގައި ލައްވެލައިގެން ހުރެ އެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
*****
ކައިވެންޏަށްޓަކައި ތައްޔާރުކޮށްފައިވާ ހޯލް ތެރަށް އާއިލާއާ އެކުގައި އަޒާން ވަދެގެން އައި އިރު، އެ މީހުންގެ އިންތިޒާރުގައި ތިބި ޒިވްރާ އާއި އޭނާގެ އާއިލާ ފެނިފައި އަޒާން އަށް ލިބުނީ ހައިރާންކަމެވެ. ފަހަރެއްގައި ވެސް އޭނާ އަށް ވުރެ ކުރިން ޒިވްރާ އެތަނަށް އައިސްފާނެ ކަމަކަށް އަޒާން ހިއެއް ނުކުރެއެވެ. ރަކި ހިނިތުންވުމަކާއެކު އިސްޖަހާލި ޒިވްރާ ފެނިފައި އަޒާންގެ ހިތަށް ލިބުނީ ތަފާތު ހަމަޖެހުމެކެވެ. ރައްޔާން ވެސް ދިމާކޮށްލާ ފަދައިން އޭނާގެ ކޮނޑުގައި ޖަހާލިއެވެ. ނުހޭން ހުއްޓެއްކަމަކު އަޒާން އަކަށް އެކަމެއް ނުވިއެވެ. ރައްޔާންގެ ސަމާސަ ބަސްތަކުން އޭނާ އަށް ބަލައިލަމުން އަޒާން ލޯ އަޅާލިއެވެ. "އަހަންނާ ދިމާނުކޮށް ދޮންބެ ވެސް އަވަހަށް އިންނާނެ ކުއްޖަކު ހޯދަން އުޅެބަލަ" ދެފަރާތަކަށް ބޯހޫރާލަމުން އަޒާން ބުނެލީ ކިރިޔާ ރައްޔާން އަށް އަޑުއިވޭ ވަރަށެވެ. "ކީއްކުރާނީ.. ޒާން ހާ އެންމެން ނަސީބުގަދަ އެއް ނޫނޭ.. އަހަރެންގެ ފަހަތުގަ ލައިންއެއް ހަދާފަ މަށަށް މަށަށް ކިޔާނެ އަންހެންކުދިންތަކެއް ނުތިބޭ" ކުޑަކޮށް ބޯ ކަހައިލަމުން ރައްޔާން ބުނެލީ ލާނެތް ރާގަކަށެވެ. ސަމާސަ ވާހަކަތަކުގައި ތިބެ ކައިވެނި ކުރުމަށް ތައްޔާރުކޮށްފައިވާ މޭޒު ދޮށުގައި އެމީހުން އައިސް ހުއްޓުނެވެ. ސިއްރުން ކަހަލަ ގޮތަކަށް ދާމިރް ގާތުގައި ހުރި ޒިވްރާ އަށް އަޒާން ބަލާލިއެވެ. އެވަގުތު ޒިވްރާ ވެސް އިސްއުފުލާ އަޒާން އަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ވަށައިގެންވީ މާޙައުލުގެ އަޑުތައް ފަނޑުވެލިހެން އަޒާން އަށް ހީވިއެވެ. ހޫރު ޕަރީއެއްހައި ޒިވްރާ ފުރިހަމައެވެ. ލައިގެން ހުރި ހުދުކުލައިގެ ކައިވެނީގެ ހެދުމާއެކު އަޅައިފައިވާ ހުދުކުލައިގެ ޝޯލް ތެރެއިން އެ ކުޑަކުޑަ ދޮން މޫނުކޮޅު ފައުޅުވާން ހުރިއިރު ބަލައި ފޫހިނުވާނޭހައި ޗާލެވެ. ލަދުންގޮސް މޫނަށް ރަތްކުލަ ވެރިވެފައި ވާއިރު، ހީވަނީ ދެންމެ ފޮޅިފައިވާ ތާޒާ ފިނިފެންމަލެއް ހެނެވެ. ކޮށްފައިވާ ލުއިލުއި މޭކަޕް ޒިވްރާއާ ނުހަނު ގުޅެއެވެ. އަޒާންގެ ހިތުގެ ހިނގުން އަވަސްވެލީ ހިތަށް ވެރިވާންފެށި ތަފާތު ޖަޒުބާތު ތަކުންނެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްލަމުން އޭނާ ދުރަށް ނަޒަރު ހުއްޓާލީ، އެ ހިތުގެ ހާލު މޫނުމަތިން ބޭޒާރުވެދާނެތީ ކަހަލައެވެ.
ކައިވެނި ކޮށްދެން ހަމަޖެހިފައިވާ ވަގުތަށް ގާޟީ އާއި ކޯޓުން ހާޟިރުވާ މީހުން އައެވެ. އެއާއެކު މޭޒު ދޮށުގައި އެންމެން އިނށީދެ ހަމަޖެހިލިއެވެ. ގާޟީ ދައްކަމުންދިޔަ ވާހަކަތައް ކަނުލައި އަޑު އަހަން ޒިވްރާ އާއި އަޒާން ތިއްބެވެ. އިރުއިރުކޮޅާ އަޒާން އަށް ގާތުގައި އިން ޒިވްރާއަށް ބަލާލެވެއެވެ. ގާޟީ އެންމެފަހުން ބުނެލި ޖުމުލައާއެކު އަޒާންގެ ހިތް ވެސް އަވަސް ވެގެން އައެވެ. ކުރެވެމުންދިޔަ ތަފާތު އިހުސާސުތަކުގެ ތެރެއިން އޭނާ ޒިވްރާ އަށް ބަލައިލީ ކުލުނުން ފުރިގެންވީފަދަ ބެލުމަކުންނެވެ. "އަނބި ޤަބޫލުކޮށްފިން" މޭޒުގެ ދަށުން އެހެން މީހުނަށް ނޭނގޭނެހެން ޒިވްރާގެ ފިނިވެފައިވާ އަތްތިލައިގައި ހިފާލަމުން، އެއަތަށް ކުޑަކޮށް ފިތާލުމަށްފަހު އަޒާން ބުނެލިއެވެ. އަޒާންގެ އެ ކުޑަކުޑަ ބީހިލުމުން ޒިވްރާގެ މެޔަށް ފިނިވެގެން ދިޔައެވެ. ބަނޑުގައި މަޑު ހީލިކެރުވުމެއް އުފެދިގެން އައެވެ. މޭގެތެރޭގައި ހިތް ނެގިނެގިފައި ޖެހެންފެށީ އޮބީނޯންނަ ވަރަށެވެ. އަވަސްވަމުން އައި ހިތުގެ ތެޅުމާއެކު ޒިވްރާ އަށް ވެސް މަޑުމަޑުން އަޒާންގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. ދެމަފިރިންގެ ގޮތުގައި ދެ އަތްތިލަ މެހިގެންދިޔައިރު، ދެހިތުގައި ވެސް ޖަހަމުންދިޔައީ އެއް ވިންދެކެވެ. އިވެމުންދިޔައީ އެއް ރާގެކެވެ. ކުރެވެމުން ދިޔައީ އެއް ދުޢާ އެކެވެ.
ބޮޑުވައި އިނގިލީގެ ނުފުށުން ލަސްލަހުން ޒިވްރާގެ އަތްތިލައިގައި އަޒާން ފިރުމާލިއެވެ. މެޔަށް އިހުސާސުކުރެވުނު ހީލިކެރުވުމާއެކު ޒިވްރާ އަށް ހީވީ އޭނާ ލަމުންދިޔަ ނޭވާ ވެސް ހިނދުރީގައި ތާށިވީހެނެވެ.
(ނުނިމޭ)
Ads by MACL
