ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ފަހުބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ފަހުބައި)

ކައިވެނި ހަފުލާ ނިންމާލުމަށްފަހު ގެއަށް އެނބުރި އައި އިރު، ކޮންމެ މީހަކަށް ވެސް ލިބިފައިވި ވަރުބަލި ކަމުގެ ސަބަބުން  ބޭނުންވީ އަވަހަށް އެމީހެއްގެ ކޮޓަރިއަށް ދިއުމަށްފަހު އަރާމުކޮށްލުމަށެވެ. އަޒާން ވެސް ޒިވްރާ ގޮވައިގެން އައިސް އެމީހުނަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ވަނެވެ. އިސްޖަހައިލައިގެން ޒިވްރާ ހުއްޓެއްކަމަކު އަޒާންގެ ކޮންމެ ހަރަކާތަކަށް އޭނާ ސިއްރުން ބަލަމުން ދިޔައެވެ. ޒިވްރާ އައުމުގެ ކުރިން ލިޔާރާ ވަނީ ގޭގައި ގެންގުޅޭ ކުއްޖަކު ލައްވައި ޒިވްރާގެ ހުރިހައި ސާމާނެއް އެކޮޓަރީގައި ހުރި "ވާލްކް އިން ކްލޯސެޓް" އަށް އަޅައި ތަރުތީބުކޮށްފައެވެ.

 

ލައިގެންހުރި ކޯޓު ބާލަމުން އަޒާން ފުންނޭވައެއް ދޫކޮށްލިއެވެ. އެއްފަރާތުގައި ހުރި ގޮނޑި މަތީގައި ކޯޓު ބާއްވަމުން އޭނާ ފަސްއެނބުރި ކޮޓަރީގެ ދޮރު ކައިރީގައި ހުރި ޒިވްރާ އަށް ބަލާލިއެވެ. ހުރި ފިޔަވަޅުމަތިން ގުޑިވެސް ނުލައި ޒިވްރާ ހުރީތީ އަޒާން ކުޑަކޮށް ހިނި އަންނަގޮތް ވިއެވެ. މަޑުމަޑުން ޒިވްރާ އަށް ގޮވާލަމުން އޭނާގެ ސާމާނުތައް ހުރި ތަން އަޒާން ބުނެދިނެވެ. އަދި އެއްޗެހި ބަދަލުކޮށް ތާޒާވެލައިގެން އޭނާއާ އެކުގައި ސުންނަތް ނަމާދެއް ކުރަން އައުމަށް ބުނެލިއެވެ. ބޯޖަހައިލި ޒިވްރާ އަޒާން އިޝާރާތްކުރި ދިމާއަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކުގައި ޖެހިލުންވުން ހުއްޓެވެ. އެހެނަސް އެކަން ފާހަގަކުރެވުނު ކަމަކަށް އަޒާން ނުހެދިއެވެ. ގޮނޑީގައި އިނށީދެލަމުން އަޒާން ހަމަޖެހިލީ ޒިވްރާ ފާޚާނާއިން ނުކުތުމުން އޭނާ ވެސް ތާޒާވެލުމަށް ނިންމަމުންނެވެ.

 

އަޒާން އެދުނު ފަދައިން ޒިވްރާ ނުކުތީ ނަމާދުކުރުމަށް ތައްޔާރުވެގެންނެވެ. ހުދުކުލައިގެ ނަމާދު ދޮޅީގައި ހުރި ޒިވްރާއަށް ބަލައިލި އަޒާންގެ ހިތަށް ލިބުނީ ތަފާތު ފިނިކަމެކެވެ. އިންތަނުން ތެދުވަމުން އޭނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި ވަރަށް އަވަހަށް އޭނާ ވެސް އެބަ އަންނަން ކަމަށް ބުނަމުން ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ނޭނގޭ ބާރުމިނެއްގައި ޒިވްރާގެ ހިތް ތެޅެމުންދިޔައިރު، އެ ހިތް މައިތިރިކުރުން އޭނާ އަށް ފަސޭހަކަމަކަށް ނުވިއެވެ.

 

ޓީޝާޓަކާއި ދޫ ޓްރެކްސޫޓެއް ލައިގެން ނުކުތް އަޒާންގެ ކިބައިން ފައުޅުވަނީ ތާޒާކަމެވެ. ތުވާލިން މޫނު ފުހެލުމާއެކު އެ އޮންނަންވާ ހަރުގައި އަޒާން އަޅުވާލިއެވެ. އަދި ފުޅާ ދެ މުޞައްލަ ފަތުރާލަމުން ޒިވްރާ ގާތުގައި އައުމަށް ބުންޏެވެ. ދިރިއުޅުމުގައި އައު ބާބެއް ފެށުނުއިރު، އަޒާން ބޭނުންވީ އެންމެ ހެޔޮ ގޮތުގައި އެކަން ފަށާށެވެ. ދެމަފިރިން އެކުގައި ކުރި ސުންނަތް ނަމާދުން ދެމެދަށް ވެރިވެފައިވި ނުތަނަވަސްކަން ނައްތާލިފަދައެވެ. ނަމާދުކޮށް ނިމުމާއެކު ޒިވްރާގެ ނިތުގައި އަތް ޖައްސާލައިގެން އިނދެ އަޒާން ދުޢާ ކުރީ ޒިވްރާއަށް ވެސް އަޑުއިވޭނެ ފަދައިންނެވެ. އަޒާންގެ އެ އަމަލުން ޒިވްރާގެ ހިތުގައި އަޒާން އަށް ދެވިފައިވި މަޤާމާއި ޤަދަރު އެތައް ދަރަޖައެއް އުފުލިގެން ދިޔައެވެ. އޭނާ ކުރި ދިގު އިންތިޒާރުގެ ނިމުން މިހައި ފޮނި ވެދާނެކަމަށް ޒިވްރާ ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. ދެލޯ ފެންކަޅިވެގެން އައީ ބޭއިޚުތިޔާރުގައެވެ. އަޒާން ދުޢާކޮށް ނިމުމާއެކު އޭނާގެ އަތުގައި ޒިވްރާ މަޑުމަޑުން ހިފާލިއެވެ. އެއާއެކު ނުހަނު ލޯތްބާއެކު ޒިވްރާގެ ދެލޮލުން ފައިބާން ތައްޔާރުވެފައި ހުރި ކަރުނަތައް އަޒާން ފުހެލައިދިނެވެ. "އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް މި ދެލޮލުން އެންމެ ކަރުނަތިއްކެއް ވެސް ފައިބާކަށް. އަހަރެން ޒިވީ ގެންގުޅެން ބޭނުންވަނީ ވަރަށް އުފަލުން. އަހަރެންގެ ފަރާތުން ޒިވީ ހިތްހަމަނުޖެހޭ ކަމެއް ފާހަގަކުރެވުނަސް ބުނެދެއްޗޭ. އިރާދަކުރެއްވިއްޔާ އެކަމެއް އަހަރެން ރަނގަޅު ކުރާނަން" ޒިވްރާގެ ކޯތާފަތުގައި އަތުގެ ނުފުށުން އަޒާން ފިރުމާލިއެވެ. އެ ކުޑަ ބީހިލުމާއެކު ޒިވްރާއަށް ދެލޯމަރައިލެވުނެވެ. އިރުކޮޅަކު ޒިވްރާގެ ކުޑަކުޑަ ދޮން މޫނުކޮޅަށް ބަލަހައްޓައިގެން އަޒާން އަށް އިނދެވުނެވެ. އަދި ލަސްލަހުން ގުދުވެލަމުން ޒިވްރާގެ ނިތުގައި އަޒާން ތުންފަތް ޖައްސާލިއެވެ. އެއާއެކު ޒިވްރާއަށް ހިންދިރުވައިލަމުން އަޒާންގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. މަޑުމަޑުން އިންތަނުން ޒިވްރާގެ އަތުގައި ހިފައިގެން އަޒާން ތެދުވިއެވެ. އަދި އޭނާއާ ގާތްކޮށްލަމުން ޒިވްރާގެ މޫނަށް ހިތްފުރެންދެން އަޒާން ބަލާލިއެވެ. ކިހިނެއް ކޮންއިރަކުކަން ނޭނގުނަސް އަޒާންގެ ހިތް ވަނީ ޒިވްރާ ބަލައިގަނެފައެވެ. އެހިތުގައި ޒިވްރާގެ މައްޗަށް ފުން ލޯތްބެއް އުފެދިގެން އައީ ޚުދު އަޒާން އަށް ވެސް ނޭނގިހުއްޓައެވެ. މިއަދު އޭނާއަށް ޒިވްރާއާ ނުލާ ނޫޅެވޭވަރަށް އެ އަންހެންކުއްޖާދެކެ ލޯބި ވެވިއްޖެކަން ގައިމެވެ. އަޒާން އަށް ކުރެވެމުންދިޔަ އިހުސާސުތަކަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވިފައިނުވާފަދަ ފުން އިހުސާސުތަކެކެވެ. ކައިވެންޏަށްފަހު ހިތުގައި އެ އުފެދޭ ޖަޒުބާތުތަކަކީ އޭގައި ތަފާތު ފޮނި މީރުކަމެއް އެކުލެވިފައިވާ އެއްޗެކެވެ.

 

ދެލޯ މަރާލިގޮތަށް ހުޅުވާލަން ނުކެރިފައި ޒިވްރާ ހުރިކަހަލައެވެ. އެވަގުތު މަޑުމަޑުން އޭނާ އަޅައިގެން ހުރި ނަމާދު ދޮޅި ބޮލާ ވަކިވަމުން އައިކަމުގެ އިހުސާސުކުރެވުނެވެ. ޒިވްރާއަށް ނޭވާހިފަހައްޓާލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އަޒާން ލައިގެން ހުރި ޓީޝާޓުގެ މޭމަތީގައި ހިފައި ޒިވްރާ އަށް ބޮނޑިކޮށްލެވުނެވެ. "ސޯ ބިއުޓިފުލް." ހާމަވެގެންދިޔަ ޒިވްރާގެ އިސްތަށިގަނޑާ މޫނަށް ނަޒަރު ހިންގާލަމުން އަޒާން ބުނެލިއެވެ. އެ ފިރިހެންވަންތަ އަޑުގައިވީ އަސަރުން ޒިވްރާ އަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ނިތްމައްޗަށް ވެއްޓިފައި އޮތް ޒިވްރާގެ ބުޅި އިސްތަށިކޮޅު އަޒާން ނުނަނު ލޯބިން ގެންގޮސް ކަންފަތްދަށަށް ލައްވާލިއެވެ. އަދި ދެއަތުން ޒިވްރާގެ މޫނުގައި ހިފާލުމާއެކު ބޮޑުވައި އިނގިލީގެ ނުފުށުން އެ އޮމާން މޫނުގައި ފިރުމާލިއެވެ.

 

"ޒިވީ.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް.. ދުވަހަކުވެސް ހިއެއް ނުކުރަން އަހަންނަށް އަލުން ލޯބި ވެވިދާނެކަމަކަށް.. އެކަމަކު ﷲ ގަންދީ ބުނަން، އަހަރެން ޒިވީ ދެކެ އިންތިހާއަށް ލޯބިވޭ. އަހަރެންގެ ހިތުގަ ތި ނޫން އެހެން އެއްވެސް ފަރާތެއް ނުވޭ. މި ހިތަކީ ހަމައެކަނި ޒިވީގެ މިލްކެއް. އައި ލަވް ޔޫ.." ލަދުން ރަތްވަމުންދިޔަ ޒިވްރާގެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުން އަޒާން ސިއްރެއް ފަދައިން ބުނަމުންދިޔައެވެ. އެބަސްތަކުން ޒިވްރާގެ ހިތް ވިރިގެންދިޔަ ފަދައެވެ. އަޒާންގެ ދުލުން އޭނާދެކެ ލޯބިވާ ވާހަކަ އެ ބުނީ ފުރަތަމަ ފަހަރަށެވެ. އެ ލަފުޒުތައް އަޑުއަހާލުމަށް އޭނާ ދިގު އިންތިޒާރެއް ކުރިއެވެ. އެތައް ދުޢާ އެއް ކުރިއެވެ. މިއަދު ﷲ އޭނާގެ ދުޢާ އިޖާބަކޮށްދެއްވީ ޒިވްރާ ހުވަފެނުގައިވެސް ނުދެކޭހައި ފުރިހަމަކޮށެވެ. ހިތާހިތުން އެކަލާނގެއަށް ޒިވްރާއަށް ޝުކުރުވެރި ވެވުނެވެ. އަޒާންގެ މޭގައި ލައްވެލުމާއެކު ޒިވްރާ ވެސް ތަކުރާރުކޮށް އަޒާންދެކެ ލޯބިވާ މިންވަރު ހާމަކޮށްލިއެވެ. އެހިނދު އިތުރަށް އޭނާ މެޔާލައި އަޒާން ބޮނޑިކޮށްލިއެވެ. ނުހަނު ލޯބިން ޒިވްރާ އުފުލާލަމުން އޭނާ ގެނެސް އެނދުމަތީގައި އަޒާން ބާއްވާލިއެވެ. ލަދުރަކި ހުނުމެއްގެ އަޑު ޒިވްރާގެ ތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތެވެ. އެއާއެކު ހިނިތުންވެލި އަޒާން އިހުނަށްވުރެ ޒިވްރާއާ ގާތްވެލިއެވެ.

 

ފަތިސް ނަމާދު ކޮށްގެން ޖައްސާލި އަޒާން އަށް ހޭލެވުނީ އެތައް އިރެއް ފަހުންނެވެ. އޭރު ޒިވްރާ ފާޚާނާއިން ނުކުމެ އިސްތަށިގަނޑުގައި ފުނާ އަޅަން ހުއްޓެވެ. އެ މަންޒަރުވީ އަޒާން އަށް ބަލައިލަން ހިތްގައިމު މަންޒަރަކަށެވެ. ކުރުއަތްމައްޗަށް އޮށޯވެލަމުން ފަރުވާތެރިކަމާއެކު ޒިވްރާގެ ހަރަކާތްތަކަށް ބަލަން އަޒާން އޮތެވެ. ލޯގަނޑުން އަޒާންގެ ތޫނު ބެލުން ފާހަގަވުމާއެކު ޒިވްރާ ފަސްއެނބުރި ބަލާލިއެވެ.

 

"އާދެބަލަ އަހަރެން ގާތަށް. ތި ރީތި އިސްތަށިގަނޑުގަ ފުނާއަޅާލަދީފާނަން" ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލަމުން އަޒާން ބުނެލިއެވެ. ކުޑަކޮށް ލޯ ހިމަކޮށްލަމުން ޒިވްރާ އަޒާންއަށް ބަލާލީ ލާނެތް ގޮތަކަށެވެ. "ޒާން އަށް އެނގޭނެތަ އަންހެންކުދިންގެ ބޮލުގަ ފުނާ އަޅުވަން؟" ގަބޫލުނުކުރާފަދަ ގޮތަކަށް ޒިވްރާ އަހާލިއެވެ. އެއަޑުގައިވީ ސަމާސާއެވެ. "ކިހިނެއްވީ؟ ޒިވީ ހީކުރީ އަހަންނަށް ނޭނގޭނެކަމަށްތަ؟" އަޒާން ވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. ހީނގަންނަމުން ޒިވްރާ ކުދި ފިޔަވަޅުތަކެއްގައި އައިސް އަޒާން ގާތަށް ހުއްޓުނެވެ. އަދި އޭނާގެ އަތުގައި އޮތް ފުނާ އަޒާންއަށް ދިއްކޮށްލިއެވެ. ފުނާގައި ހިފަމުން ޒިވްރާގެ އަތަށް ދަމާލުމަށްފަހު އަޒާންގެ އުނގުތެރޭގައި ޒިވްރާ ބައިންދާލިއެވެ. އަދި ފަރުވާތެރިކަމާއެކު ޒިވްރާގެ ބުޅި އިސްތަށިކޮޅުގައި އަޒާން ފުނާ އަޅުވާލިއެވެ. ދެލޯ މަރާލައިގެން އަޒާން ހަދާނެ ގޮތެއް ހަދަން ދީގެން ޒިވްރާ އިނީ ހިނިތުންވެފައެވެ. އަޒާންގެ ކޮންމެ އަމަލެއްގައި އޯގާތެރިކަމާއި ކުލުންވެރިކަން އެކުލެވިފައިވިއެވެ. ޒިވްރާގެ އިސްތަށިގަނޑުގައި ޖެހިފައިހުރި ގޮށްތައް ފިލުވާލުމާއެކު އަޒާން އޭނާގެ އިސްތަށިގަނޑު މަތިން ފެށިގެން ގަތާލިއެވެ. އަދި ފުނާ އެއްފަރާތުގައި ބާއްވާއިލަމުން، ޒިވްރާގެ ހަށިގަނޑު ދެއަތުން ވަށާލުމަށްފަހު އޭނާގެ ބޮލުގައި ބޮސްދިނެވެ. އަޒާންގެ އެ އަމަލުން ޒިވްރާގެ ތުންފަތުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. ދެމަފިރިންގެ ދެމެދުގައި ބަދަލުކުރެވެމުންދިޔަ ކުދިކުދި ސަމާސަތަކާއެކު، އެ ދެމެދުގައި އޮތް ލޯބި އިހުނަށްވުރެ ފުންވަމުންދިޔައެވެ. ދުލުން އެކަކު އަނެކެއްދެކެ ލޯބިވާ މިންވަރު ހާމަކުރަމުން ދިޔައިރު، ދެހިތަށް ވެސް ވަނީ ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިފައެވެ.

 

*****

 

2 އަހަރު ފަސް

 

*****

 

ދަމު ނަމާދުކޮށް ނިމިގެން ދުޢާ އަށް އަތްއުފުލާލައިގެން ހުރި އަޒާން ގާތުގައި ޒިވްރާ ވެސް އިނީ ދުޢާ ކުރުމުގައެވެ. އޭނާ ޙަމްދު އަޅާލުމަށްފަހު ބަލާލިއިރުވެސް އަޒާން ހަމަ އެގޮތުގައި އިނެވެ. އަޒާން ނިމޭނެ އިރެއްގެ އިންތިޒާރުގައި ޒިވްރާ މަޑުކޮށްލިއެވެ. އެތައް އިރެއް ވީއިރުވެސް އަޒާންގެ ހަރަކާތްތަކަށް ބަދަލެއް ނައެވެ. ޒިވްރާ ފަސްއެނބުރި ކުޑަ އެނދުގައި ނިދިފައި އޮތް އެއް އަހަރަށްދާ ތުއްތު ދަރިފުޅަށް ބަލާލިއެވެ. ކުޑަކުޑަ ޒޯޔާ އަކީ އެދެމަފިރިންގެ ހިތުގެ ހަމަޖެހުމެވެ. އެ ގޭގެ ދިރުމެވެ. ބަލިވެ އިނީއްސުރެ، ވިހައި ގަދަވަންދެން ވެސް ޒިވްރާ ހީނުކުރާފަދަ ގާތްކަމާއި އަޅާލުން އަޒާންގެ ފުށުން ލިބުނެވެ. މިހާރުވެސް ގޭގައި އަޒާން ހުރި ވަގުތެއްނަމަ ދަރިފުޅުގެ ކަންކަން ކުރުމުގައި އަޒާންގެ އެހީތެރިކަން އަބަދުވެސް ޒިވްރާ އަށް ލިބެއެވެ. އެ ދަރިފުޅުގެ ސަބަބުން އޭނާ އާއި އަޒާންއާ ދެމެދުގައިވީ ގުޅުން އިތުރަށް ވަރުގަދަވެއްޖެކަން ޔަގީނެވެ. ނިދިފައިއޮތް ޒޯޔާގެ ތުއްތު މޫނުކޮޅަށް ލޯތްބާއެކު ބަލަހައްޓައިގެން ޒިވްރާ އަށް އިނދެވުނެވެ. ކައިވެންޏަށްފަހު އޭނާގެ ދިރިއުޅުންވީ ހީވެސްނުކުރާހައި ފުރިހަމަވެފައެވެ. އަޒާންގެ އެދުމަށް ޒިވްރާގެ މުޅި ދިރިއުޅުންވީ ރާއްޖެއަށް ބަދަލުކޮށްފައެވެ. މައިންބަފައިން ވެސް އޭނާގެ ނިންމުން ބަލައިގަތީ އުފަލާއެކުއެވެ. އެމީހުން ގާތުގައި ޒައިހާ ހުރީތީ ޒިވްރާ ވެސް ހިތްހަމަޖެހުނެވެ. އެހެނަސް ކޮންމެ އަހަރަކު މަދުވެގެން ދެ ފަހަރު އަޒާން ޒިވްރާ ގޮވައިގެން އޭނާގެ މައިންބަފައިން ގާތަށް ދިއުމަށް އިސްކަމެއް ދެއެވެ. ޒިވްރާގެ ހިތަށް ތަދުވާނެފަދަ އެއްވެސް ކަމެއް އޭނާގެ ފުށުން ނުކޮށްވޭތޯ އަޒާން މަސައްކަތް ކުރެއެވެ. އަޒާންގެ އާއިލާ ވެސް ޒިވްރާ ބަލައިގަނެފައިވަނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އަންހެންދަރިއެއްގެ ނަސީބު ލިބިފައިނެތް ލިޔާރާ އާއި ހިލްމީ ދެކުނީ ޒިވްރާ އަކީ އެމީހުންގެ އަމިއްލަ އުފަން ދަރިއެއް ކަމުގައެވެ. އޭނާއާ މެދުގައި ކަންތައްކޮށްދެނީ ވެސް އެހައި ލޯބިންނެވެ. އެ ނިޢުމަތްތަކަށްޓަކައި ޒިވްރާ އަބަދުވެސް ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވެއެވެ.

 

ޙަމްދު އަޅައިލި އަޒާން އަށް ބަލައިލަމުން ހިނިއައިސްފައި އިނދެ ޒިވްރާ ދެފަރާތަކަށް ބޯހޫރައިލިއެވެ. "ހާދަ ދިގު ދުޢާ އެއް ކޮންމެ ރެއަކު މި ވަގުތު ތި ކުރަނީ" އެކަން ފާހަގަވާތާ ދުވަސްކޮޅެއް ވެފައިވުމުން ޒިވްރާ ބުނެލިއެވެ. ޒިވްރާއަށް ބަލައިލަމުން އޭނާގެ ވާހަކަތަކަށް އަޒާން ހިނިތުންވެލިއެވެ. "ޒިވީ އަބަދަށް އަހަންނަށް ލިބޭތޯ އެދި ދުޢާ ކުރެވެނީ" ޒިވްރާގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލަމުން އަޒާން ބުނެލިއެވެ. އެ ބަސްތަކުން ޒިވްރާ އަށް ލިބުނީ ހައިރާންކަމެވެ. "ތިބުނި އެއްޗެއް ނުވިސްނުނު. މިހާރުވެސް އަހަރެން މީ ހަމައެކަނި ޒާންގެ މީހެއްނު" އެއަތުގައި ހިފާލަމުން ޒިވްރާ ބުނެލިއެވެ.

 

"އެއީ މި ދުނިޔެމަތީ އެއްނު. ޖަންނަތުގަ ވެސް އަހަންނަށް ކަލާ ލިބޭތޯ އުމުރަށް ދުޢާ ކުރަން ޖެހޭނު" ލޯބިން ފުރިގެންވީފަދަ ގޮތަކަށް އަޒާން ބުނެލިއެވެ.

 

"ޒާން.." ޒިވްރާއަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓޭގޮތް ވީއެވެ. އަޒާން އެ ދަރަޖައަށް އޭނާދެކެ ލޯބިވެދާނެކަމަށް ކުޑަކޮށް ވެސް ޒިވްރާއަށް ހީކުރެވިފައި ނެތީއެވެ.

 

"ދެދުނިޔޭގަ ވެސް އަހަރެންގެ ބައިވެރިއަކަށް ވުމަށް އެދެވޭ ހަމައެކަނި ފަރާތަކީ ތީ.. އަހަރެން ޒިވީ ދެކެ އިންތިހާއަށް ލޯބިވޭ. ހަގީގީ ލޯބިވަނީ ކައިވެނީގެ ފަހުންނޭ ބުނެއެއްނު. އެކަން އިހުސާސުވީ ޒިވީ އަހަރެންގެ މިލްކަކަށްވީ ދުވަހު.. އަހަރެންގެ ހަގީގީ ލޯތްބަކީ ތީ.. އަހަރެންގެ ލޯބިވާ އަނބިމީހާ.. ޖަންނަތުގަވެސް އަހަރެން އެދެނީ ޒިވީ އަކީ އަހަރެންގެ ލޯބި އަނބިމީހާކަމުގަ ވުމަށް.. އަހަރެންގެ އުމުރު ހުސްވަންދެން ވެސް އިރާދަކުރެއްވިއްޔާ ﷲ ގެ ހަޟްރަތުގަ އެ ދުޢާ ކުރުންމަތީ ދެމިހުންނާނަން.. ކަލާ ލިބޭތޯ އުމުރަށް ދުޢާ ކުރާނަން.." ޒިވްރާގެ ނިތުގައި ބޮސްދެމުން އަޒާން ބުނެލިއެވެ. އަޒާންގެ ލޯބިވެތި ބަސްތަކުން ޒިވްރާގެ ހިތް ފުރިގެން ދިޔައެވެ. އަޒާންގެ ކޮނޑުގައި ބޯއަޅައިލަމުން ކަރުނައިގެ ތެރެއިން ޒިވްރާ ހިނިތުންވެލިއެވެ. ކެތްތެރިކަމުގެ އާޚިރު ނަތީޖާ ފޮނިވާނޭ ބުނަނީ މިހެންވެކަން ޔަގީނެވެ. ޒިވްރާގެ ކެތްތެރިކަމުގެ ބަދަލު ﷲ އޭނާއަށް ދެއްވައިފިކަން ގައިމެވެ. ފަތިސްނަމާދުގެ ބަންގި ގޮވަންދެން ދެމަފިރިން އެގޮތުގައި ތިއްބެވެ. ބަންގީގެ އަޑާއެކު ޒިވްރާގެ ބޮލުގައި ފިރުމައިލަމުން އިންތަނުން އަޒާން ތެދުވިއެވެ. އަދި އޭނާ މިސްކިތުން އަންނަންވާއިރަށް ޒޯޔާ ހޭލައިފިނަމަ އޭނާއާ އެކުގައި ތައްޔާރުވެލައިގެން ހުރުމަށް ބުނެލިއެވެ. އެއީ ކޮންމެ ބަންދު ދުވަހެއްގެ ވެސް އާދައެވެ. ހެނދުނުގެ ހިތްގައިމު ވަގުތު ލޯބިވާ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ކާރުގައި ދުއްވާލަން އަޒާން ދެއެވެ. ޒިވްރާ ވެސް ވަނީ އެކަމަށް އާދަވެފައެވެ. ލޯބި ހިނިތުންވުމަކާއެކު ޒިވްރާ ބޯޖަހައިލިއެވެ.

 

ކުޑަކުޑަ ޒޯޔާގެ އިސްތަށިކޮޅުގައި ޒިވްރާ ފުނާއަޅުވާލަމުން ހިންދެމިލިއެވެ. މަންމަގެ މޫނަށް ބަލަހައްޓައިގެން ލޯބި ގޮތަކަށް ހިނިތުންވެލައިގެން ޒޯޔާ އޮތެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލަމުން އަޒާން ވަނެވެ. އަދި ޒޯޔާ އެނދުމަތިން ނަގަމުން އޭނާއާ ސަކަރާތްޖަހާލިއެވެ. އެއާއެކު އެ ތުއްތު ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމާލިއެވެ. ދެމަފިރިން އެކުގައި ކޮޓަރިން ނުކުމެ ގެއިން ނުކުންނަން ހިނގައިގަތީ، ސިޓިންގްރޫމްގައި ތިބި ހިލްމީ އާއި ލިޔާރާގެ އިތުރުން ރައްޔާން އަށް ވެސް ހެނދުނުގެ ސަލާމް ކޮށްލާފައެވެ. ގޭގެ ދޮރާށި ހުޅުވާލަމުން ފުރަތަމަ ނުކުތީ ޒިވްރާއެވެ. އޭރު ތަންކޮޅެއް ފަހަތުގައި ހުއްޓިލައިގެން ޒޯޔާއާ ސަކަރާތްޖެހެން އަޒާން ހުއްޓެވެ. ދޮރާށި ހުޅުވާލައިގެން ހުރީތީ ބޭރު ހުންނަ މީހަކަށް ވެސް އެމަންޒަރު ރީތިކޮށް ފެންނާނެއެވެ.

 

ކުރިމަތީ ހުރި ގެއިން ފޮށިތަކެއް ހިފައިގެން އިޝްޔާ އަށް ނުކުމެވުނީ އެ ވަގުތުއެވެ. ހިނދުކޮޅަކަށް އިޝްޔާ ހުއްޓުންއަރާގޮތް ވިއެވެ. އޯޝަން ކްރެސްޓް ގޭގެ ދޮރާށި ދޮށުގައި ހުރި ޒިވްރާ އާއި އެތެރެން ފެންނަން ހުރި އަޒާންގެ ހަރަކާތްތަކަށް އޭނާއަށް ބަލައިލެވުނީ އަމިއްލަ އިޚުތިޔާރަކާ ނުލައެވެ. އެއްއަތުން އަސާ ހިފަހައްޓާލައިގެން އަނެއް އަތުން ތުއްތު ދަރިފުޅު އުރާލައިގެން ހުރި އަޒާންގެ މޫނުމަތިން ފައުޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެމަންޒަރުން އިޝްޔާގެ ހިތަށް އަސަރުކުރުވިއެވެ. ހިންދިރުވައިލަމުން އޭނާ ލަސްލަހުން ޒިވްރާގެ މޫނަށް ބަލާލިއެވެ. އޭރު ޒިވްރާ ވެސް ހުރީ އޭނާ އަށް ބަލަހައްޓައިގެނެވެ. ދެލޮލަށް ޖަމާވަމުންއައި ކަރުނަތައް ހިންދައިލަމުން އިޝްޔާ އައިސް ޒިވްރާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. "މިއުޅެނީ އިތުރަށް ކިޔަވަން ބޭރަށް ފުރަން ވެގެން.. މަންމައާ ބައްޕަ ވެސް ގޮވައިގެން.. ޒިވީ.. އަހަންނަށް އެނގޭ އަހަންނަށް މާޒީގަ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. ވާނަމަ އަހަންނަށް މަޢާފުކޮށްދެއްޗޭ.." ނުކެރި ހުރެފައިވެސް ޒިވްރާގެ އަތުގައި ހިފައިލަމުން އިޝްޔާ ބުނެލިއެވެ. އެއާއެކު ލުއި ހިނިތުންވުމެއް ޒިވްރާ ހަދިޔާކޮށްލިއެވެ. އަދި ބޯޖަހައިލަމުން އޭނާގެ ހިތުގައި އިޝްޔާގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތްކަމަށް ބުނެލިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ގަދަކަމުންކަހަލަ ގޮތަކަށް އިޝްޔާ ހިންދާލިއެވެ. އަދި ޒިވްރާގެ ފަހަތުގައި ހުރި އަޒާން އަށް އަވަސް ނަޒަރެއް ދިނެވެ. އެންމެ ފަހަރަކުވެސް އަޒާން އޭނާ އަށް ބަލައިނުލިއެވެ. ހިތަށް ތަދުވި ނަމަވެސް، ސުފްޔާންގެ ނަސޭޙަތްތައް އިޝްޔާ ހަނދާނުގައި ހުއްޓެވެ. އޭނާ އެދެނީ އަޒާން އުފަލުގައި ހުރުމެވެ. ފަހުފަހަރަށް ބަލާލާ ފަދައިން އޭނާ ޒިވްރާ އާއި އަޒާން އަށް ބަލައިލަމުން ފަސްއެނބުރި ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރި ޒިވްރާ ސިހުނީ އޭނާގެ ފަހަތުން އަޒާން އުނަގަނޑުގައި އަތްޖައްސާލުމުންނެވެ.

 

"ޒާން ދެން ދުވަހަކުވެސް އިޝީއާ ވާހަކައެއް ނުދައްކާނަންތަ؟ އިޝީ ހުރީ ޒާން ބަލާލާނެކަމުގެ އުއްމީދުގަހެން ހީވޭ" އަޒާންއާ ނަޒަރު ސީދާކޮށްލަމުން ޒިވްރާ އަހާލިއެވެ. "އަހަރެންގެ އަނބިމީހާ އަހަންނަށް ފުދޭ.. އިތުރު އަންހެނުންތަކަކާ ވާހަކަދައްކާ، އެހެން މީހުނަށް ބެލުމުގެ އެއްވެސް ޝައުޤެއް އަހަރެންގެ ނެތް. އެއީ އަހަރެންގެ މާޒީ.. އެ މާޒީއަށްވުރެ އަހަރެންގެ މުސްތަޤްބަލް އަހަންނަށް މާ މުހިންމު.. ޒިވީ، މި ދެލޮލުން ބަލާނެ ހަމައެކަނި އަންހެނަކީ ތީ.. އެހެން އަންހެނަކަށް އަހަރެންގެ ސަމާލުކަމެއް ނުލިބޭނެ" ޒިވްރާއާ ގާތްވެލަމުން އަޒާން ބުނެލިއެވެ. ބަހެއް ނުބުންޏެއްކަމަކު ޒިވްރާ ހިނިތުންވެލިއެވެ. އިތުރަށް މާޒީގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. އެހެންވެ އެ މައުޟޫ އޭނާ ވެސް ދޫކޮށްލީއެވެ.

 

ގޭގައި ގެންގުޅޭ މީހަކު ކާރު ގަރާޖުން ނެރުމާއެކު އެމީހާއަށް ޝުކުރު އަދާކޮށްލަމުން، ޒޯޔާ ޒިވްރާގެ އަތަށް ދިނުމަށްފަހު، އަޒާން ކާރުގެ ޑްރައިވަރ ސީޓަށް އަރައި ހަމަޖެހިލީ ޒިވްރާ އެރުމަށް ކާރުގެ ކުރީ ދޮރު ހުޅުވާލަ ދިނުމަށްފަހުއެވެ. ޒިވްރާ ކާރަށް އެރުމާއެކު އަޒާން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި ޒިވްރާގެ އަތުގައި ހިފާލަމުން ކާރު ދުއްވާލިއެވެ. މާލޭގެ މަގުތަކުގައި ކާރު ދުއްވަމުންދިޔައިރު، ކާރުތެރެ ގުގުމާލައިފައިވީ ކުޑަކުޑަ ޒޯޔާ އާއި ދެމަފިރިންގެ ހުނުމުގެ އަޑުންނެވެ. ލޯތްބާއެކު ޒިވްރާގެ އަތުގައި ހިފައިލައިގެން އިން އަޒާން އަށް މިއަދު އޭނާގެ ދިރިއުޅުން ފުރިހަމަވެފައިވާކަން އިހުސާސުކުރެވުނެވެ. ޚުދު ޒިވްރާގެ ހިތުގައިވެސްވީ އެފަދަ ޚިޔާލުތަކެކެވެ. އަޒާންގެ އަތަށް ބާރުކޮށްލަމުން ޒިވްރާ ލޯބިވާ ވާހަކަ ބުނެލިއެވެ. އެއާއެކު އަޒާން ވެސް އޭނާ ޒިވްރާ ދެކެ ވާ މަތިވެރި ލޯބި ހާމަކޮށްލިއެވެ. އަދި ލޯތްބާއި ކުލުނާއެކު ޒިވްރާގެ އަތްތިލަ އޭނާގެ އަތުގެ ތެރެއަށްލާ މަހާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދަ ގޮތަކަށެވެ. އަބަދުވެސް ލޯބިވާނަމޭ ބުނާ ފަދައިންނެވެ. އަދި އުމުރަށް އެކުގައި ވުމަށް ވަޢުދު ވަމުންނެވެ.

 

ލޯބި ވެވިއްޖޭ.. ބުނެލި ތި ލަފުޒުން..

ލޯބިން މި ހިތް ހިބަކޮށްފާ މަ ދޭނަން.....

އަތުގާ ހިފުމުން.. ފިނިވެއްޖޭ ހިތަށް..

އަދު ތީ ލޯބި ރާނީ އިނގޭ..

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ.. ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ..

ސިއްރުން ބުނީމޭ އެކުގާ އުޅޭނަން ހުވާ..

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ..

ވާ ލޯބިން.. ވާ ލޯބިން.. ވާ ލޯބިން..

ވާ ލޯބިން.. ޖާނު ދޭނަން..

ވާ ލޯބިން.. ވާ ލޯބިން.. ވާ ލޯބިން..

ދުރުގާވާން މި ހިތް އަދު ނޭދޭނޭ..

ބަދަލެއް ނުވާނެ ލޯބިން.. ލާމެހޭށެވީ ލޯބިން..

ދުނިޔޭގަ ތިޔަ ނޫން އަރާމެއް..

މަ ނޭދޭނަން ހުވާ...

 

(ނިމުނީ)