ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އީރާނު ހަނގުރާމައިގެ ހަގީގީ އަމާޒާއި "200 ޑޮލަރު" ގެ ސްޓްރެޓެޖީ

އީރާނު ހަނގުރާމައިގެ ހަގީގީ އަމާޒާއި "200 ޑޮލަރު" ގެ ސްޓްރެޓެޖީ

މިހާރު ހިނގަމުންދާ އީރާނު-އިޒްރޭލު ކުރިމަތިލުންތަކުގައި ގިނަ ބަޔަކު ބަލަމުންދަނީ އަސްކަރީ ގާބިލްކަމަށެވެ. ނަމަވެސް، ފާއިތުވި 9 ދުވަހުގެ ތަފާސްހިސާބުތަކާއި އީރާނުގެ އަމަލުތަކަށް ބަލާއިރު، މިއީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން މޮޅުވާން ކުރާ ހަނގުރާމައެއް ނޫންކަން ހާމަވެއެވެ. އެމެރިކާއާއި އިޒްރޭލުގެ ޢުދުވާނުގައި އީރާނުގެ އަސްލު އަމާޒަކީ ދުނިޔޭގެ އިގްތިސާދަށް "ތަދު" ކުރުމެވެ.

އީރާނުގެ އަސްލު މަގްސަދު

އީރާނުގެ ވިސްނުމަކީ ހަނގުރާމައެއްގައި އިޒްރޭލު ނުވަތަ އެމެރިކާ ބަލިކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ އަމާޒަކީ
• މޮޅުވުން އަގުބޮޑުކުރުންކަމުގައި ބެލިދާނެ އެތައް ކަމެއް ފާހަގަކުރެވެއެވެ. އިދިކޮޅު ފަރާތްތަކުން ހަނގުރާމައިން މޮޅުވުމަށް ކުރަންޖެހޭ ހޭދަ (Cost of Victory) އަކީ ބަލިވުމަށްވުރެ ބޮޑު ގެއްލުމަކަށް ހެދުމެވެ.
• ހަމައެއާއިއެކު ހަނގުރާމަވެރި ހަތިޔާރާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ހުށިޔާރުކަމާއި އެކު އިގްތިސާދީ ހަތިޔާރުގެ ބޭނުން ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ އަސްކަރީ ކުރިމަތިލުމަކުން އިގްތިސާދީ މަޖުބޫރުކަމަކަށް ހަނގުރާމަ ބަދަލުކުރުމެވެ.

"200 ޑޮލަރު" ގެ މިޝަން

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (IRGC) ގެ ހަރަކާތްތަކުން ފެންނަ ގޮތުގައި އެމީހުންގެ "ކާމިޔާބީގެ ނަމްބަރަކީ" ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުވުމެވެ. މިއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ:
• ބައިނަލްއަގުވާމީ ފިއްތުން: ތެލުގެ އަގު އުފުލުމުން ދުނިޔޭގެ ލީޑަރުންނާއި އަރަބި ގައުމުތަކުން އެމެރިކާއަށް (ރައީސް ޓްރަމްޕަށް) ހަނގުރާމަ ހުއްޓުވަން މަޖުބޫރުކުރަމުންދާނެއެވެ.
• އެތެރޭގެ ހަމަނުޖެހުން: އެމެރިކާގެ އެތެރޭގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އުފެދޭ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ޓްރަމްޕް ސަރުކާރަށް އެތެރޭން ފިއްތުންތައް ކުރިމަތިވަމުންދާނެއެވެ.

ތަންފީޒީ އުކުޅުތައް
މި ލަނޑުދަނޑި ހާސިލްކުރުމަށް އީރާނުން ބޭނުންކުރާ ވަސީލަތްތަކަކީ ހަރަދު ކުޑަ، ނަމަވެސް ނަތީޖާ ބޮޑު ވަސީލަތްތަކެކެވެ:
• ލޯ-ކޮސްޓް ޑްރޯން: 15,000 ޑޮލަރުގެ ޑްރޯން ބޭނުންކޮށްގެން ބިލިއަން ޑޮލަރުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދިނުން.
• ކަނޑުގެ މަގު ބަންދުކުރުން: ސްޓްރެއިޓް އޮފް ހޯރްމޫޒްގައި މައިން ހަރުކޮށް، ދުނިޔޭގެ ތެލުގެ 20% ދަތުރުކުރާ މަގަށް ހުރަސްއެޅުން.
• އިންފްރާސްޓްރަކްޗާ ހަލާކުކުރުން: ރިފައިނަރީތަކާއި ހޮޅިލައިންތަކަށް އަމާޒުކޮށް ހަމަލާދީ ސަޕްލައި ޗެއިން މެދުކަނޑާލުން.

މި ހަނގުރާމައިގައި އީރާނުން ބޭނުންކުރާ މިސައިލްތަކަކީ ހަމައެކަނި ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ "ޑިސްޓްރެކްޝަން" އެކެވެ. މިހެންދެންނެވިއަސް އިޒްރޭލަށާއި އެމެރިކާއަށް ނުހަނު ވޭންދެނިވި ގެއްލުންތަކެއް ވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ. ނަމަވެސް، އަސްލު ހަނގުރާމަ ހިނގަމުންދަނީ ތެލުގެ ބާޒާރުގައެވެ. އީރާނުން މޮޅުވާނީ ހަމައެކަނި ބޯޓެއް ވައްޓާލައިގެން ނުވަތަ ފޮނުވާލާ މިސައިލަކުން ނޫނެވެ. އީރާނުން މޮޅުވާނީ ދުނިޔޭގެ އިގްތިސާދަށް ކެތްނުވާވަރަށް ތެލުގެ އަގު އުފުލާލައިގެންނެވެ. އެކަމުގެ ސަބަބުން ދުނިޔެ ޚާއްސަކޮށް އެމެރިކާއަށް ކެތްނުކުރެވި ގޮތް ހުސްކޮށްލައިގެންނެވެ.

 

ލިޔުނީ: އަޒްހީލް އަޙުމަދު (އަޒްހީލްފިޔޯރީ)