އީރާނަށް "އޯގާތެރިކަމުގެ ނަޒަރަކުން ނުބެލުމަށް" ބުނެ އެމެރިކާއިން ދީފައިވާ އިންޒާރަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގައި، އީރާނަށް "އޯގާތެރިކަމުގެ ނަޒަރަކުން ނުބެލުމަށް" އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
"އަހަރެމެން ދާނީ ފިއްތުންތައް ކުރިމަތިކުރަމުން. އަހަރެމެން ދާނީ ކުރިއަށް، ހަނގުރާމައިގައި ކުރިހޯދަމުން. އަހަރެމެންގެ ދުޝްމަނުންނަށް އެއްވެސް އޯގާތެރިކަމެއް، އެއްވެސް ރަހުމެއް ނޯންނާނެ،" ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވިއެވެ.
ހޭގް ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެނިހެން މުއާހަދާތަކުގެ ދަށުން، އެއްވެސް އޯގާތެރިކަމެއް ނުބަހައްޓާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ.
އެމެރިކާގެ ދާހިލީ ގާނޫނުތައް ކަމަށްވާ 1996 ވަނަ އަހަރުގެ "ވޯ ކްރައިމްސް އެކްޓް" ފަދަ ގާނޫނުތަކުން ވެސް މިފަދަ ސިޔާސަތުތައް މަނާކުރެ އެވެ. ހަމައެފަދައިން، އެމެރިކާގެ އަސްކަރީ އުސޫލުތަކުގައި ވެސް "އެއްވެސް އޯގާތެރިކަމެއް ނުބަހައްޓާނެ" ކަމަށް ބުނެ ދޭ އިންޒާރުތަކަކީ ޣައިރު ގާނޫނީ ކަމެއްކަމަށް ބުނެފައިވެ އެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ބްރަޔަން ފިނޫކޭން ވިދާޅުވީ، ހެގްސެތުގެ ވާހަކަތަކަކީ އެ މިންގަނޑުތަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެވިދާނެ ކަމަށެވެ.
Ads by BML"މި ވާހަކަތަކަކީ ވަރަށް ހައިރާންކުރުވަނިވި ވާހަކަތަކެއް،" ފޯނުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ފިނޫކޭން ވިދާޅުވިއެވެ.
"މިފަދަ ދެކޮޅުވެރި، ގާނޫނާ ހިލާފު ބަސްމަގު ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބޭނުންކުރަމުންދާ މިންވަރާ މެދު މިއީ ސުވާލު އުފެދޭ ކަމެއް."
ނަމަވެސް ހެގްސެތު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ މެދު ހުރި ކަންބޮޑުވުންތަކަށް އާންމުކޮށް އިންކާރު ކުރައްވައި، އޭނާ އެފަދަ އެއްވެސް ތާކުންތާކު ނުޖެހޭ މޮޔަ އުސޫލުތަކަކަށް ތަބާނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާގެ މި ބަސްމަގުގެ ސަބަބުން ބައެއް މާހިރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވަނީ، އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އިހުމާލުވެ، އެންމެ ނުރައްކާތެރި ގޮތުގައި މީހުން މެރުމުގެ ކެމްޕޭނަކަށް އިސްކަންދެމުންދާތީ އެވެ.
ހެގްސެތުގެ މި ވާހަކަތައް ދައްކާފައި ވަނީ އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ ސުކޫލަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި 170 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ސްކޫލަށް ދިން މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ. މި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 1450 އީރާނު މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.
'އިންސާނިއްޔަތާ ހިލާފު އަދި ނަތީޖާ ގޯސްވާނެ ކަމެއް'
"އެއްވެސް އޯގާތެރިކަމެއް ނުބަހައްޓާނޭ" ކަމަށް އިއުލާނުކުރުން މަނާކުރާ ގާނޫނުތަކަކީ ގަރުނަކަށްވުރެ ގިނަ ދުވަސްވީ، ހަނގުރާމައިގެ ވަގުތުގައި އަމަލުކުރާ ގޮތްތައް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބޭއްވި ނިއުރެމްބާގް ޝަރީއަތްތަކުގައި ވެސް އެ ގާނޫނީ މިންގަނޑު ދަމަހައްޓާފައިވެ އެވެ. އެގޮތުން ނާޒީ އޮފިޝަލުންނާ ދެކޮޅަށް ދައުވާ ކުރެވުނު ބައެއް މައްސަލަތަކުގެ ތެރޭގައި ދުޝްމަނުންނަށް އޯގާތެރި ވުމަށް އިންކާރުކުރުން ހިމެނެއެވެ.
"އުސޫލީ ގޮތުން ބުނާނަމަ އެއްވެސް ހަތިޔާރެއް ނެތް މީހުން މެރުމަކީ އިންސާނިއްޔަތާ ހިލާފު އަދި އޭގެ ސަބަބުން ނަތީޖާ އިތުރަށް ގޯސްވާނެ ކަމެއް ،" ފިނޫކޭން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސް އޮފިޝަލަކު އެއްވެސް އޯގާތެރިކަމެއް ނުބަހައްޓާނޭ" ކަމަށް ބުނެ ކުރާ އިއުލާނަކީ އެ އެކަނި ވެސް ހަނގުރާމައިގެ ކުށަކަށް ފުދޭ ކަމެއް ކަމަށެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުތައް އެމެރިކާއާއި އިސްރާއީލަށް މިހާރުވެސް ވަނީ ކުރިމަތިވެފައެވެ. ފެބްރުއަރީ 28 ގައި އެ ގައުމުތަކުން އިސްވެ ދިން ހަމަލާއަކީ އެއްވެސް އުދުވާނަކާ ނުލައި ދިން ހަމަލާއެއްގެ ގޮތުގައި ބުނެ، ކަމުގެ މާހިރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އިންޑިއާގައި ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކަކަށްފަހު އެނބުރި އަންނަނިކޮށް، ސްރީލަންކާގެ އައްސޭރިފަށުން އީރާނުގެ އަސްކަރީ އުޅަނދެއް ކަމަށްވާ "އައި.އާރު.އައި.އެސް ދެނާ" އެމެރިކާގެ ސަބްމެރިންއަކުން ފައްތާލުމާ ގުޅިގެން ވެސް އީރާނުގެ އޮފިޝަލުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އެ ހަމަލާގައި މަދުވެގެން 84 މީހުން މަރުވި އެވެ.
ހަނގުރާމަމަތީ އުޅަނދުފަހަރަކީ ގާނޫނީ ގޮތުން ހަމަލާދެވިދާނެ އަސްކަރީ އަމާޒުތަކެއް ކަމަށް ބެލެވުނު ނަމަވެސް، އީރާނުން ބުނެފައިވަނީ އެ އުޅަނދަކީ ފުރިހަމައަށް ހަތިޔާރު އެޅި އުޅަނދެއް ނޫން ކަމަށެވެ. އެހެންކަމުން އެ އުޅަނދު ފައްތާލުމުގެ ބަދަލުގައި ހިފެހެއްޓުމުގެ ފުރުސަތު އޮތްތޯ ވަނީ ސުވާލު އުފެދިފަ އެވެ.
މީގެ އިތުރުން، ޖެނީވާ ކޮންވެންޝަނުން ކަނޑުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމުކުރި ނަމަވެސް، "ދެނާ" އުޅަނދުގެ ފަޅުވެރިން ސަލާމަތްކުރުމަށް އެމެރިކާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކުރި ކަމަށް ބުނެވެއެވެ. ސްރީލަންކާގެ ނޭވީން ވަނީ އެންމެ ފަހުން ބޯޓު ފެތުނު ސަރަހައްދުން ސަލާމަތްވި މީހުން ހޯދުމަށް އެހީތެރިވެދީފައެވެ.
މި ހަމަލާއާ ގުޅިގެން ވާހަކަ ދައްކަވަމުން ހެގްސެތު ވަނީ ބޯޓު ފެތިގެން ދިޔުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އޭނާ ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ އެމެރިކާއިން ހަނގުރާމަ ކުރަނީ މޮޅުވާން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވީ، އެ ބޯޓު އަތުލައިގަތުމުގެ ބަދަލުގައި ފައްތާލީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި ކަމަށެވެ.
"އަހަރެންގެ ޖެނެރަލުންގެ ތެރެއިން ބޭފުޅަކު ވިދާޅުވި، 'ސާރ، މިގޮތަށް ކަންތައް ކުރުން މާ މަޖާ،' ޓްރަމްޕް ވިދާޅުވިއެވެ.
'ސީރިއަސް ނުރައްކަލުގެ ރަތް ސިގްނަލެއް'
އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުން މަރަމުންދާތީ އެމެރިކާގެ އަސްކަރިއްޔާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މީގެ ތެރޭގައި "ޓެރަރިޒަމާ ދެކޮޅަށް ކުރާ ދުނިޔޭގެ ހަނގުރާމަ" ގެ ނަމުގައި ހިންގި އޮޕަރޭޝަންތަކުގައި ދިން ވައިގެ ހަމަލާތަކުގައި އެތައް ހާސް އާންމުންނެއް މަރުވުން ހިމެނެ އެވެ. މީގެ ތެރޭގައި 2008 ވަނަ އަހަރު އަފްޣާނިސްތާނުގައި ކައިވެނި ހަފްލާއަކަށް ދިން ހަމަލާވެސް ހިމެނެ އެވެ.
އީރާނާއެކު ހަނގުރާމަ ފެށުމުގެ ކުރިންވެސް، ކެރީބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ހަމަލާދީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތު ޓްރަމްޕްގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސެޕްޓެމްބަރު 2 ގައި އެ ހަމަލާތައް ފެށި ފަހުން މިހާތަނަށް މަދުވެގެން 157 މީހުން ވަނީ މަރުވެފަ އެވެ.
ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް ވެސް އެ މީހުންނަކީ ކޮންބައެއްކަން ހާމަކޮށްފައެއް ނުވެއެވެ، އަދި އެމީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ވެސް ނުވެއެވެ. އިލްމީ މާހިރުން ވަނީ އެ ހަމަލާތަކަކީ ޝަރީއަތަކާ ނުލައި މީހުން މެރުމުގެ ކެމްޕޭނެއްގެ ގޮތުގައި ކުށްވެރިކޮށްފައެވެ.
މުހައްލިލުން ބުނާ ގޮތުގައި، އިންސާނީ ހައްގުތަކަށްވުރެ ބޮޑަށް މީހުން މެރުމަށް އިސްކަންދޭ ޕެންޓަގަންގެ ސިޔާސަތުތައް މިހާރު ވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވެސް ވެފައެވެ.
"މުޅި ދުވަހު އުޑުމަތިން ފެންނަނީ އެކި ބާވަތްތަކުގެ ހަމަލާތައް. މިސައިލް ތައް. ޑްރޯންތައް. އަހަރެމެން މި ކުޅެނީ މޮޅުވާން ކުޅޭ ގޭމެއް. އަހަރެމެންގެ ހަނގުރާމަވެރިންނަށް ވާނީ އެންމެ ފުރިހަމަ ބާރުތައް ދީފައި،" މާޗް 4 ގައި ބޭއްވި ބްރީފިންއެއްގައި ހެގްސެތު ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ވޮޝިންޓަން ޑައިރެކްޓަރު ސާރާ ޔޭގާ ވަނީ މިފަދަ ވާހަކަތަކަކީ ބިރުވެރި ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.
"އަހަރެން އެމެރިކާގެ އަސްކަރިއްޔާއާއެކު މަސައްކަތް ކުރާތާ ދެ ދަހަރުވެއްޖެ، އަދި މިފަދަ ބަސްމަގަކުން ބަސް ވިދާޅުވާ މީހަކާ ދިމާ ނުވޭ. އަހަރެން ހަމަ ހައިރާންވެއްޖެ. އިސް ވެރިންގެ ބަސްމަގު މުހިންމުވަނީ އެއީ އެމެރިކާގެ ސިފައިން މަސައްކަތްކުރާ މާހައުލު ބައްޓަންކުރުމަށް އެހީތެރިވެދޭ އެއްޗަކަށްވާތީ،" ޔޭގާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގެ ނަޒަރަކުން ބަލާއިރު، ގާނޫނީ ހުރަސްތަކަށް ފަރުވާލެއް ނުބަހައްޓާ އެފަދަ ގާނޫނާއި ޚިލާފު ބަސްމަގަކީ ސީރިއަސް ނުރައްކަލުގެ ރަތް ސިގްނަލެއް ކަމަށެވެ.
ހެގްސެތުގެ ބަސްމަގުގެ ސަބަބުން ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ކުރާ އަސަރު ޔަގީން ނުވި ނަމަވެސް، ވޮޗްޑޮގް ގްރޫޕެއް ކަމަށްވާ އެއާވޯސްގެ ފަހުގެ ރިޕޯޓަކުން ދައްކާ ގޮތުގައި، އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބާރުމިނަށް ބަލާއިރު، ދުނިޔޭގެ ތާރީޚުގެ އެހެން އަސްކަރީ އޮޕަރޭޝަންތަކަށްވުރެ ނުރައްކާ މާ ބޮޑެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހު އެކަނި ވެސް އެމެރިކާއިން ވަނީ ގާތްގަނޑަކަށް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކޮށްފަ އެވެ. އެއާވޯސްއިން ބުނާ ގޮތުގައި އީރާން ހަނގުރާމައިގެ ފުރަތަމަ 100 ގަޑިއިރުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން ވަނީ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ހިންގި ކެމްޕޭނުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފަ އެވެ.
ހުކުރު ދުވަހު ހެގްސެތު ދެއްކެވި ވާހަކަތަކާ ގުޅިގެން ސެނެޓަރު ޖެފް މާކްލީ ވަނީ ޕެންޓަގަންގެ ވެރިޔާއަކީ "ނުރައްކާތެރި އަމިއްކަ އެދުން ބޮޑު މީހެއް" ކަމަށް ވިދާޅުވެ އޭނާ ކުށްވެރިކުރައްވާފަ އެވެ. އޭނާ ވަނީ އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއަކީ މީގެ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
ޖެފް މާކްލީ ވިދާޅުވީ ހެގްސެތުގެ ޒިންމށާދާރުކަން ކުޑަ ކަމުގެ ސަބަބުން ހަމަލާ ދޭއިރު، އާންމުންގެ ސްކޫލަކާއި އަސްކަރީ އަމާޒެއް ވަކިކުރަން ނޭނގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކީ، އެމެރިކާގެ މިސައިލް ހަމަލާއެއްގެ ސަބަބުން ސްކޫލް ކުދިންނާއި މުދައްރިސުން ހިމެނޭހެން 150 އަށްވުރެ ގިނަ އަންހެނުން މަރުވުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Ads by MACL
