ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ކުޑަކުދިން ސްކްރީންތަކުގައި ގިނަ ވަގުތު ހޭދަކުރުން؛ ސިކުޑިއަށް ނޭދެވޭ އަސަރު ކުރޭ

ކުޑަކުދިން ސްކްރީންތަކުގައި ގިނަ ވަގުތު ހޭދަކުރުން؛ ސިކުޑިއަށް ނޭދެވޭ އަސަރު ކުރޭ

ޓީވީ، މޯބައިލް ފޯނު، އައިޕެޑް އަދި ޓެބްލެޓް ފަދަ ވަސީލަތްތަކަކީ އަހަރެމެންގެ ދިރިއުޅުމުގެ އާންމު ބަޔަކަށްވެ، އެއާއި ނުލައި ދިރިއުޅުން ފުރިހަމަނުވާފަދަ އެއްޗަކަށް މިހާރު މިވަނީ ވެފައެވެ. އުނގެނުމަށާއި، މުނިފޫހިފިލުވުމަށާއި އަދި އެކަކު އަނެކަކާ މުޢާމަލާތުކުރުމަށް އެންމެންވެސް މިހާރު ބަރޯސާވަނީ ސްކްރީނަށެވެ. މި ވަސީލަތްތަކަކީ އޭގެ ޒާތުގައި ފައިދާތަކެއް ހުރި އެއްޗެއް ނަމަވެސް، މާ ގިނައިން ބޭނުންކުރެވޭނަމަ އެއިން ނުރަނގަޅު އަސަރު ކުރާނެ ތަކެއްޗެވެ. ވަކިން ޚާއްޞަގޮތެއްގައި ކުޑަކުދިންނަށް މިފަދަ ވަސީލަތްތަކުން ކުރާ އަސަރުތައް ވަރަށް ބޮޑެވެ.

އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން، އެކުދިންގެ އިޖުތިމާޢީ ގުޅުންތައް ހީނަރުވެ، އެހެން މީހުންނާއި ގުޅުން ބަދަހިކުރުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ. ހަމަ އެއާއެކު އެހެން މީހުންނާ ކުރިމަތިލާ މުޢާމަލާތުކުރުމަށް ކުދިންނަށް އުނދަގޫވާ ހާލަތްތަކަށް ވެސް ސްކްރީން ޓައިމް މާ ގިނަކުރުމުގެ ސަބަބުން މެދުވެރިވެގެންދެއެވެ.

ހޯދުންތައް ދައްކާ ގޮތުން އުމުުރުން އަށް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންނަކީ ގިނަ ވަގުތު ސްކްރީން ތަކުގައި ހޭދަކުރާ ކުދިންނެވެ. އެގޮތުން އެވްރެޖް ކޮށް ދުވާލަކު 2.25 ގަޑިއިރު އެކުދިން ޑިޖިޓަލް ސްކްރީންތަކުގައި ހޭދަ ކުރެއެވެ.

މިހާ ގިނަ ވަގުތު ސްކްރީން ބޭނުންކުރުމުން ކުދިންގެ ސިކުނޑިއަށް ދެން ވަނީ ކިހިނެއް؟

'ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން ޕީޑިއަޓްރިކްސް' ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސްކްރީން ބޭނުންކުރުމާއި ކުޑަކުދިންގެ ހެދިބޮޑުވުން ލަސްވުމާ ގުޅުމެއް ހުރެދާނެއެވެ. މި ހޯދުންތައް ބިނާކޮށްފައިވަނީ ގާތްގަނޑަކަށް 8،000 ކުޑަކުދިންގެ ގްރޫޕެއްގެ ތެރެއިން، 1 އަހަރުގައި ސްކްރީން ބޭނުންކުރާ މިންވަރާއި، 2 އަހަރާއި 4 އަހަރުގައި އެކުދިންގެ ހުނަރުތައް ހުރި މިންވަރުގެ މައްޗަށް ބެލެނިވެރިން ދީފައިވާ ރިޕޯޓުތަކަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލަކު ހަތަރު ގަޑިއިރަށްވުރެ ގިނައިރު ސްކްރީން ބޭނުންކުރާ 1 އަހަރުގެ ކުދިންގެ މުޢާމަލާތްކުރުމުގެ ހުނަރާއި މައްސަލަ ހައްލުކުރުމުގެ ހުނަރު، 2 އަހަރާއި 4 އަހަރުގައި ހުންނަންޖެހޭ މިންވަރަށްވުރެ ލަސްކަމަށް ދައްކައެވެ. މީގެ އިތުރުން، 1 އަހަރުގެ ކުދިން ގިނައިރު ސްކްރީން ބޭނުންކުރުމަކީ 2 އަހަރުގައި އެކުދިންގެ ހަރަކާތްތެރިކަމުގެ ހުނަރުތަކާއި އަމިއްލަ އަދި އިޖުތިމާޢީ ހުނަރުތައް ތަރައްޤީވުން ލަސްވުމާ ގުޅުންހުރި ކަމެކެވެ.

މި ދިރާސާއަކީ ކުޑަކުދިން ސްކްރީން ބޭނުންކުރާ މިންވަރާއި، ހެދިބޮޑުވުމުގައި ދިމާވާ ލަސްތަކާ، ޚާއްޞަކޮށް މުޢާމަލާތްކުރުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރުތަކާ ގުޅުން ހުރިކަން ދައްކައިދޭ ކުރީގެ އެތައް ދިރާސާތަކަކަށް ލިބުނު ބާރެކެވެ. މިސާލަކަށް، 2018 ވަނަ އަހަރު ފެށި 'ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ފާހަގަކޮށްލެވޭ ދިރާސާއަކުން ދެއްކި ގޮތުގައި، ދުވާލަކު ދެ ގަޑިއިރަށްވުރެ ގިނައިރު ސްކްރީން ބޭނުންކުރާ ކުދިން ބަހަވީ އަދި ވިސްނުމުގެ އިމްތިހާނުތަކުން ހޯދި މާކްސް ވަރަށް ބޮޑަށް ދަށެވެ. އަދި ދުވާލަކު ހަތް ގަޑިއިރަށްވުރެ ގިނައިރު ސްކްރީން ބޭނުންކުރާ ބައެއް ކުދިންގެ ސިކުނޑީގެ ކޯޓެކްސް ތުނިވެފައިވާކަން ފާހަގަކުރެވުނެވެ. މިއީ ފުންކޮށް ވިސްނުމާއި ބުއްދީގެ ބޭނުންކުރުމާ ގުޅުންހުރި ސިކުނޑީގެ ބައެވެ.

ނިއުޔޯކް-ޕްރެސްބިޓޭރިއަން ކޮމަންސްކީ ޗިލްޑްރަންސް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަދި ކުދިންގެ ހެދިބޮޑުވުމާއި އުޅުމާ ބެހޭ މާހިރު ޑރ. ޖެނިފާ އެފް. ކްރޮސް ވިދާޅުވި ގޮތުގައި ކުދިން ކުޑައިރު ގިނައިރު ސްކްރީން ބޭނުންކުރުމުގެ ސަބަބުން ސިކުނޑީގެ އޮނިގަނޑަށް ބައެއް ބަދަލުތައް އަތުވެދާނެކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

އޭނާ ފާހަގަކުރި ގޮތުގައި ކުޑަކުދިން އެކުދިންގެ ގިނަ ވަގުތު އައިޕެޑް، ސްމާޓްފޯން ނުވަތަ ޓީވީ ފަދަ މުނިފޫހިފިލުވައިދޭ ތަކެއްޗަށް ހުސްކޮށްފިނަމަ، އިލެކްޓްރޯނިކް ނޫން ކަންކަމުގައި އެކުދިން ބައިވެރިކުރުވުން އުނދަގޫވެދާނެ އެވެ.

މިސާލަކަށް، ޚިޔާލީ ބާރާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ ކަންކަމާއި ކުޅޭ ކުޅިވަރިތައް  ކުޅުމާއި، ބޭރުތެރެއަށް ނުކުމެ އުޅުމާއި، އަދި އެކަށީގެންވާ އިޖުތިމާޢީ ހުނަރުތައް ތަރައްޤީކުރުމަށް އެހެން ކުދިންނާއެކު ކުޅުމަށް އުނދަގޫތަކެއް ހުރެ އެވެ.

'ހެލްތު މެޓާސް' އިން ވަނީ ވީލް ކޯނެލް މެޑިސިންގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަޤާމުވެސް ފުރުއްވާ ޑރ. ކްރޮސްއާ، ސްކްރީން ބޭނުންކުރުމުގެ ސަބަބުން ކުދިންގެ ތަރައްޤީވަމުން އަންނަ ސިކުނޑިއަށް ކުރާ އަސަރާއި، ބެލެނިވެރިންނާއި އަޅާލާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

ކުރިއަށްވުރެ މާ ފަސޭހައިން މި ޒަމާނުގައި ކުދިންނަށް ސްކްރީންތައް ފަސޭހައިން ލިބެން ހުންނައިރު، އެ ކަމުގެ ސަބަބުން ކުޑަކުދިންގެ އެކުދިންގެ ތުއްތު އިރު، ހެދިބޮޑުވުމަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. އަދި އެކަން އެ ވަނީ ކިހިނެއްތޯ ބަލާލަމާ ހިނގާށެވެ.

ކުޑަކުދިންގެ، ޚާއްޞަކޮށް 3 އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވުން ހިނގަނީ ވަރަށް ހަލުވިކޮށެވެ. ކުޑަކުދިން ދަސްކުރަނީ އެކުދިންގެ ވަށައިގެންވާ މާޙައުލު ހޯދައި ބަލައިގެންނާއި، ބޮޑެތި މީހުން އުޅޭގޮތް ބަލައި، އެމީހުން ނަކަލުކޮށްގެންނެވެ.

މާގިނައިރު ސްކްރީން ބޭނުންކުރުމުގެ ސަބަބުން، ދުނިޔެއާ ބެހޭގޮތުން ދަސްކުރުމަށްޓަކައި ކުއްޖަކު ބައިވެރިވާންޖެހޭ އާންމު ދިރިއުޅުމުގެ ކަންކަން ފެނުމާއި ތަޖުރިބާކުރުމުގެ ގާބިލުކަމަށް ހުރަސް އެޅިދާނެ އެވެ. މީގެ ސަބަބުން ކުއްޖާގެ ވިސްނުން ވަކި ދާއިރާއަކަށް ހަނިވެ މުޅި ކުއްޖާގެ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

ކުޑަކުއްޖަކު މައިންބަފައިންނާއެކު މަގުމަތިން ހިނގާފައިދާއިރު، ނުވަތަ ސައިކަލް ފަދަ އެއްޗެހީގައި ދާއިރު ވެސް ގިނަ ފަހަރަށް އެކުދިން ތިބެނީ ސްމާޓްފޯނަކުން ނުވަތަ ޓެބްލެޓަކުން ކޮންމެ ވެސް ގޭމެއް ކުޅޭށެވެ. ނުވަތަ ވީޑިއޯއެއް ބަލާށެވެ. ވަށައިގެންވާ މުޖުތަމައުގެ މާހައުލުގެ ތެރެއިން އެއްވެސް ކަމަކަށް އެކުދިން ސަމާލުކަމެއް ނުދެއެވެ.

ހަމައެކަނި ސްމާޓްފޯނަކަށް ބަލަހައްޓައިގެން ތިބޭނަމަ، ވަށައިގެންވާ ދުނިޔޭގައި ހިނގާ ކަންކަމާއި ބެހޭގޮތުން އެކުދިންނަކަށް އެއްވެސް ކަމެއް ދަހެއް ނުވާނެއެވެ. މީގެ ސަބަބުން އާ ކަންތައްތައް ދަސްކުރުމުގެ ގާބިލުކަމުގެ އިތުރުން އެހެން މީހުންނާ މުއާމަލާތްކުރުމަށާއި ބަސްކޮށާރު ކުރިއެރުމަށް ވެސް ކުދިންނަށް އަސަރުކުރާނެއެވެ.

 

ނުނިމޭ.........