ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ރައީސް މުއިއްޒު ސަރުކާރުގެ ތަރައްގީ ފެނި، އިދިކޮޅު ފަރާތަތަކަށް ހަޖަމް ނުވުން، ސަރުކާރުގެ މައްސަލައެއް ނޫން!

ރައީސް މުއިއްޒު ސަރުކާރުގެ ތަރައްގީ ފެނި، އިދިކޮޅު ފަރާތަތަކަށް ހަޖަމް ނުވުން، ސަރުކާރުގެ މައްސަލައެއް ނޫން!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، ކޮންމެ ސަރުކާރަކުން ވެސް ކުރާ ރަނގަޅު ކަންކަމަށް ފާޑުކިޔުމަކީ އިދިކޮޅު ފަރާތްތަކުން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ގައުމުގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކާއި، ރައްޔިތުންނަށްޓަކައި ވަމުންދާ ގުރުބާނީތައް ފެނި، އިދިކޮޅު ފަރާތްތަކަށް އެކަންކަން ބަލައިގަންނަން އުނދަގޫވުމަކީ ސަރުކާރުގެ މައްސަލައެއް ނޫނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައެވެ. އެމަނިކުފާނު ގެންދަވަނީ ރެޔާއި ދުވާލު، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރައްވައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިފަދަ ބޮޑެތި މަޝްރޫއުތަކާއި އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، އެކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފެންނަން ފެށުމުން، އިދިކޮޅު ފަރާތްތަކުން އެކަންކަމަށް ހުރަސްއަޅަން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ.

އިދިކޮޅު އެމްޑީޕީއަށް ވެރިކަން ކުރަން ފަސް އަހަރުގެ ދައުރެއް ލިބުނެވެ. މަޖިލިސް ސުޕަ މެޖޯރިޓީ ވެސް ލިބުނެވެ. ނަމަވެސް ގައުމަށާއި ރައްޔިތުންނަށް ޓަކައި ކުރެވުނީ ނުވަތަ ކޮށްދެވުނީ ކޮން ކަމެއްތީ މިއަދު ވެސް ރައްޔިތުން ދަނީ ސުވާލުއުފައްދަމުންނެވެ. ފެންނަން އޮތް ހަގީގަތަކީ ވެރިކަމުގެ ފަސް އަހަރާއި ސުޕަ މެޖޯރިޓީ މަޖިލިހެއް ލިބުނު ނަމަވެސް އެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ގިނަ ރައްޔިތުން ގަބޫލުކުރާކަމެވެ.

އޭގެ ބަދަލުގައި، ވެރިކަމުން ފައިބައިގެން ދިޔައީ ބޮޑު ދަރަންޠަކުން މުޅި ގައުމު ދަރުވައިލާ ދައުލަތުގެ ފައިސާއަށާއި މުދަލަށް އިންތިހާއަށް ހިޮޔާނާތްތަރެިވެ ވައްކަން ކޮށް ޖީބުތައް ފުރާލައިގެން ކަމަށް މިއަދު ވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ތެދެކެވެ. އެމްޑީގެ ފަސް އަހަރުގެ ދައުރު ނިންމާ ފައިބައިގެން ދިޔައިރު، ގައުމު ދަރަނިވެރިވެ، މުހިންމު މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. އެހެ ކަމުން އެކަމުގެ ސަބަބުން ރައްޔިތުން އަދިވެސް ތިބީ އެ މާޔޫސްކަންމަތީގަ އެވެ. މިއަދު ރައީސް މުއިއްޒު އެ ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލައްވައި، ގައުމު އާ އުސްމިންތަކަކަށް ގެންދަވާތީ، އިދިކޮޅު ފަރާތްތަކަށް އެ މަންޒަރު ބަލަން ކެތްނުވަނީއެވެ. ހަޖަމް ނުކުރެވެނީ އެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވީ ވައުދުތައް ވީ އެންމެ ރަނގަޅަކަށް ފުއްދައި، ގައުމަށް ހަމަޖެހުން ގެނެސްދިނުމެވެ. އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކައި ކިޔާ ފާޑުކިޔުންތަކާއި، ތަރައްގީގެ މަޝްރޫއުތަކަށް އަޅަމުންގެންދާ ހުރަސްތަކަކީ އެފަރާތްތަކުގެ އަމިއްލަ ނުކުޅެދުންތެރިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމެކެވެ.

އަމިއްލަ އެދުން އިސްކޮށް ގައުމާއި ރައްޔިތުންނަށް ހެވެއް އެދޭ ބަޔަކު އެފަދަ ކަންކަން ނުކުރާނެ ކަމީ ޝައްކެތްވެސް ނެތްކަމެކެވެ. ރައީސް މުއިއްޒުގެ ހަލުވި ތަރައްގީ ފެނިފައި، އެކަން "ހަޖަމް" ނުވެގެން އުޅުމަކީ ސަރުކާރުން ޒިންމާވާންޖެހޭނެ ކަމެއް ނޫނެވެ. ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަނޑައަޅާފައިވާ ތަރައްގީގެ އެޖެންޑާއާއެކުގަ އެވެ. އދިކޮޅު ފަރާތްތަކަށް އެކަން ހަޖަމް ނުވުމަކުން ސަރުކާރަށް ކޮއްދެވޭނޭ ހަމައެއްވެސް ކަމެއް ނެތެވެ.

ޖުމްލަކޮށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ. އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ފާޑުކޔާ ހުރަސްއަޅަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތަކީ ގައުމު މިއަދު އޮތީ ތަރައްގީގެ ސައްހަ މަގުގައެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުގެ ހަސަދަވެރިކަމާއި ނުރުހުމަކީ ސަރުކާރުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އަންނާނެ ސަބަބެއް ނޫނެވެ. ރައީސް މުއިއްޒުގެ ތަރައްގީގެ ދުވެއްޔަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީން ކަން އިދިކޮޅު ފަރާތްތަކަށް ދެމެވެ.