ޕޯޑިއަމްގައި ދައްކާ ވާހަކަ ދިމަލެއް ނުވޭ، އެމްޑީޕީ ދެން ދިރޭކަށް ނެތް، ފިކުރެއްވެސް ނެތް!
ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި، މަލްޓި-ޕާޓީ ޑިމޮކްރަސީއަކަށް ފުރޮޅިގެން ދިޔަ ހިސާބުން ފެށިގެން އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ދައުވާކުރަމުން އައި ޕާޓީއެކެވެ.
ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަ މަންޒަރުތަކަށް ބަލާއިރު، އެ ޕާޓީއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެ، ފަނޑުވެފަ އެވެ.
ގައުމީ ފެންވަރުގައި ބޭއްވުނު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބުނު ނަތީޖާތަކަކީ މިކަމުގެ އަލިގަދަ ހެކިތަކެކެވެ.
ވައުދުތަކާއި އަމަލާ ދިމާނުވުން
އެމްޑީޕީއަށް ތާއީދު ގެއްލެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، ގައުމުގެ ވެރިކަން ކުރުމުގެ ފުރުސަތު ދެ ދައުރެއްގައި ލިބިގެން ދިޔައިރުވެސް، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދެވިފައި ނުވުމެވެ. 'ގެދޮރުވެރިކަން' އަދި 'ބޮޑު ތިލަދުންމަތި' ފަދަ އެތައް ޝިއާރުތަކެއްގެ ދަށުން ވީ ވައުދުތައް ފުއްދުމުގައި ފެއިލްވުމުން، ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. ވެރިކަމުގެ ބާރު ލިބުމުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް، ސިޔާސީ މަގާމުތަކާއި އަމިއްލަ މަންފާއަށް އިސްކަންދިން ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ.
ކޮރަޕްޝަނާއި ނުފޫޒުގެ ވަކިތައް
ވެރިކަމުގެ ބާރު ލިބުމުން ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ފެނިގެންދިޔައީ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް އިންތިހާއަށް އިތުރުވެގެން ދިޔަ މަންޒަރެވެ. ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި، ވަކި ބައެއްގެ މަންފާއަށް ކަންކަން ނިންމުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެ ޕާޓީއަށް އޮތް އިތުބާރު ވަނީ މުޅިން ގެއްލިފައެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާއަށާއި މިނިވަން މުއައްސަސާތަކަށް އަތްބާނައި، ނުފޫޒު ފޯރުވުމުގެ ސަބަބުން 'އިންސާފު' ގެ ނަމުގައި އެ ޕާޓީން ކުރި ދައުވާތަކުގެ އަގު ވަނީ ވެއްޓިފައެވެ.
އިންތިޚާބީ ދަޅަތަކާއި ރައްޔިތުންގެ ހޭލުންތެރިކަން
ކޮންމެ ފަހަރަކުވެސް އިންތިޚާބަކާ ދިމާވުމުން، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި އެމްޑީޕީން އަންނަނީ ވަރަށް މޮޅެތި ވާހަކަތައް ދައްކަމުންނެވެ. ތަރައްގީއާއި، އިންސާފާއި، ހެޔޮވެރިކަމުގެ ނަމުގައި ދައްކާ މި ވާހަކަތަކަކީ ހަމައެކަނި ވޯޓު ހޯދުމަށް ދައްކާ ދަޅައެއްކަން މިއަދު ރައްޔިތުންނަށް ވަނީ ސާފުވެފައެވެ. 'ރައްޔިތުން ގުނބޯހެއްދުމުގެ' ސިޔާސަތަކީ އެމްޑީޕީގެ އުކުޅަކަށް ވީނަމަވެސް، މިއަދުގެ ހޭލުންތެރި ރައްޔިތުންނަށް އެމްޑީޕީގެ އަސްލު ސޫރަ ވަނީ ވަރަށް ރަނގަޅަށް ފެނި ހާމަވެފަ އެވެ. މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް އިތުރުވެފައިވާ މި ޒަމާނުގައި، ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ވާހަކައަކުން ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ އެވެ. މިއީ އެމްޑީޕީއަށް ވަރަށް ބޮޑަށް އޮޅިފައި އޮންކަމެއް ކަމަށް ބެލެވެ އެވެ.
ޕާޓީގެ އެތެރޭގެ ބައިބައިވުން
އެމްޑީޕީގެ ތާއީދު ފަނޑުވުމުގެ އަނެއް ސަބަބަކީ ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑު ބައިބައިވުމެވެ. ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި، ޕާޓީ ދެބައިވެގެން ދިއުމަކީ އާންމު މެންބަރުންގެ މެދުގައި މާޔޫސްކަން އުފެދުނު ކަމެކެވެ. މިއީ އެ ޕާޓީގެ ސިޔާސީ ބާރު ކެނޑި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ހައިބަތު ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބެވެ.
Ads by BMLނިންމާލަމުން ދަންނަވާނަމަ، އެމްޑީޕީއަކީ މިއަދު ރައްޔިތުން ބަލައިގަންނަ ފިކުރެއް ނޫނެވެ. ވެރިކަން ލިބުމުން ރައްޔިތުންނަށް އިހުމާލުވެ، އަމިއްލަ އެދުމާއި ވައްކަން އިސްކުރުމުގެ ނަތީޖާއަކީ އެ ޕާޓީގެ ސިޔާސީ ބާރު ކެނޑިގެން ދިއުމެވެ. މިއަދު ރައްޔިތުން ތިބީ ހޭލައެވެ. އޮޅުވާލައިގެންނާއި މޮޅެތި ވާހަކަ ދައްކައިގެން ދެން އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސިޔާސީ މަސްރަހުން ފެންނަ ހަގީގަތަކީ، އިޚްލާސްތެރިކަމެއް ނެތް ސިޔާސީ ފިކުރަކަށް ދިވެހި ފަސްގަނޑުން ދެން ޖާގައެއް ނެތް ކަމެވެ.
Ads by MACL
