ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އަބަދު އިންތިހާބު، އަބަދު ކޯޅުން، އެކުވެރިކަން ދަނީ ގެއްލެމުން، ހައްލަކީ އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުން: މުބީން

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން، ފޮޓޯ: އެމްއެމްޓީވީ
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން، ފޮޓޯ: އެމްއެމްޓީވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކައަކީ މިއަދު އަލަށް އުފަންވި ޚިޔާލެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މާކުރިންވެސް ފިކުރު ހިންގައި، ބަހުސްކުރެވި، ރަސްމީ ސިފައެއްގައި ހުށަހެޅިފައިވާ މުހިންމު ކަމެކެވެ. މިކަމުގެ ތާރީޚީ ފެށުމަށް ބަލާއިރު، މިހާރު މިއަމަލުކުރާ ފެހި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް މި ބަހުސް ވަނީ ފުޅާދާއިރާއެއްގައި ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ދާދިފަހުން ހަނދާން އައުކޮށްދެއްވި ގޮތުގައި، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޚާއްޞަ މަޖިލީހަށް ތިން ހުށަހެޅުމެއް އޭރު ހުށަހެޅުނެވެ. އެއީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދާއި، ހަމަ އެ ދާއިރާގެ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކެވެ. މި ހުރިހާ އިޞްލާޙެއްގެވެސް މައިގަނޑު ބޭނުމަކީ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމެވެ.

މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ މިއޮތީ ސިޔާސީ އޮއިވަރެއްގައި ޖެހި، ވަރަށް ފުން ސިޔާސީ ކަނޑެއްގެ ތެރޭގަ އެވެ. އަބަދު އިންތިޚާބުތަކާއި، ސިޔާސީ ކޯޅުންތަކާއި، ދެބަސްވުންތަކުގެ ތެރޭގައި ރައްޔިތުން ތިބެންޖެހުމަކީ މިއަދު ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ފުސްކަމާއި ނުތަނަވަސްކަމެވެ. އެންމެ ބޮޑު ގޮންޖެހުމެވެ.

އެއް އިންތިޚާބު ނިމޭއިރަށް އަނެއް އިންތިޚާބަށް ތައްޔާރުވާން ޖެހުމުގެ ސަބަބުން ޤައުމުގެ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައެއްވަންތަ ކަން ދަނީ ކުޑަވަމުންނެވެ. މިކަމަށް އޮތް ހައްލަކީ، ނުވަތަ މިކަމަށް އޮތް އެންމެ ފަހި މަގަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތްވޭ


ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ބަދަލުގައި އެއްދުވަހެއްގައި ބާއްވައިފިނަމަ، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. މި ފައިސާއަކީ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ މަގުތަކާއި، ބްރިޖުތަކާއި، އަދި ހޮސްޕިޓަލްތައް ފަދަ އަސާސީ ޚިދުމަތްތަކަށް ހޭދަކުރެވިދާނެ މުހިންމު ވަސީލަތެކެވެ. އިޤްތިސާދީ ގޮތުން ބަލާއިރު، މިއީ ޤައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ސިޔާސީ ހަމަޖެހުމާއި މަސައްކަތުގެ ބާރުމިން


ރިޔާސީ އިންތިޚާބު ނިމުމާއެކު އިންތިޚާބުވާ ސަރުކާރަކަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއެކު ވަގުތުން މަސައްކަތް ފަށައިގަނެވޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ އެވެ. އަބަދު ކޯޅުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދީ ގަޔަށް އަތްލާހެދުމުގެ ސަގާފަތް މިއާއެކު ނިމުމަކަށް އަންނާނެ އެވެ. ސަރުކާރު އެކުލަވާލެވޭ ދުވަހުން ފެށިގެން ތަރައްޤީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދެވޭނީ އޭރުންނެވެ. މީގެ ސަބަބުން ސިޔާސީ ހަލަބޮލިކަން ކުޑަވެ، ވެރިކަން ހިންގުމުގެ ނިޒާމަށް ހަމަޖެހުން ލިބިގެންދާނެ އެވެ.

އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވުން


ގާތްގާތުގައި އިންތިޚާބުތައް ބޭއްވުމަކީ މުޖުތަމައު ބައިބައިވުމަށް މެދުވެރިވާ ކަމެކެވެ. ދައުލަތުގެ ބަޖެޓުން ބޭކާރު ގޮތުގައި އެތަކެއް މިލިއަން ރުފިޔާއެއް ބޭކާރު ގޮތުގައި ގެއްލިގެންދާނެ ކަމެކެވެ. އާއިލާތަކާއި ރަށްޓެހިންގެ މެދުގައި ސިޔާސީ ޚިޔާލުތަފާތުވުންތައް އުފެދި، އެކުވެރިކަން ގެއްލިގެންދާ ކަމެކެވެ. ދެ އިންތިޚާބު އެއްކޮށްލުމުން، ސިޔާސީ ފޯރިގަދަވާ ދުވަސްވަރު ކުރުވެ، ރައްޔިތުންނަށް އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ފުރުސަތު ލިބޭނެ އެވެ. ރައްޔިތުން ބޭނުންވަނީ އަބަދު ސިޔާސީ ކަންކަމުގައި އުޅުމުގެ ބަދަލުގައި އަމާންކަމާއި ތަރައްޤީ އެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަމުގައި ރަނގަޅު ދިރިއުޅުމެއް އުޅުމަށެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ އަދި ސިޔާސީ ގިނަ މައްސަލަތަކަށް އޮތް އެންމެ ފައިދާހުރި ޙައްލެވެ. އިސްރާފު ކުޑަކޮށް، އަމިއްލަ އެދުމަށްވުރެ ޤައުމުގެ މަސްލަޙަތު ކުރިއަށް ނެރެންޖެހެ އެވެ. ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި މިއީ މިއަދު އަޅުގަނޑުމެން ނިންމަންޖެހިފައިވާ މުހިންމު ނިންމުމެކެވެ.