ހަޤީޤީ ހާދިސާ: އެންމެ ހަތަރު ޖާގަ އެވެ. އަހަރެން ބޭނުންވާ އަދަދަށެވެ.
މައްކާއަށް ދިޔުމަށް ފޮށިތަންމަތި ތައްޔާރުވެއްޖެ އެވެ. ދުއާ ފޮތުގައި ލިޔެގެން އަހަރެން ކުރި ބޮޑު ދުއާ އިޖާބަ ކުރައްވައިފި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ސްކޭންކޮށްފައި ބުނީ ހަށިގަނޑުގައި ގޯހެއް އުޅޭ ކަމަށެވެ. ވަގުތުން އޮޕަރޭޝަންކޮށްފައި އެތެރެ ހަށީގެ މުހިއްމު ގުނަވަނެއް ނަގަން ޖެހޭނެ ކަމަށެވެ. މާލެ ދާން އެދުމުން ވެސް ރަށު ހޮސްޕިޓަލުން ބުނީ އެހާ ވަގުތެއް ނެތް ކަމަށެވެ.
"މާލެ ދެވޭނެހާ ޔަގީންކަމެއް ވެސް ނެތް،" ޑޮކްޓަރު އެ ދުވަހު ބުންޏެވެ.
އުމްރާ ދަތުރާ ގުޅޭގޮތުން ސުވާލުކުރުމުން ޑޮކްޓަރުގެ ޖަވާބަކަށްވީ 'ނައު ފޮގެޓް އެބައުޓް ދަ އުމްރާ' އެވެ. ތި އޮޕަރޭޝަންކޮށްފައި ދޮޅު މަސް ދުވަސް އެނދުން ނުތެދުވެވި އޮންނަން ޖެހޭނެ އެވެ. އެ ވަގުތު ނުއެއް ރޮވެވެ އެވެ. ހިތަށް އެރީ، ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، 'މައި ލޯޑް ވިލް ނެވާ ލީވް މީ' އެވެ. ހަމަ ތަކުރާރުކޮށް، ސިކުނޑިން ބުނަމުން ދިޔައީ އެހެންނެވެ.
ކޮންމެ އަކަސް ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެ އެވެ. ލޭ ހޯދައިފި އެވެ. އޮޕަރޭޝަން ތިއޭޓަރާއި މީހާ ވެސް ރެޑީ ކޮށްފި އެވެ. އާއިލާއާއި ދަންނަ މީހުން ހޮސްޕިޓަލަށް އައިސް ރޯ މަންޒަރު ދުށީމެވެ. ހާއްސަކޮށް، މައިދައިތަ އެނދުގައި ބޯ އަޅާލައިގެން ގިސްލަ ގިސްލާފައި ރުއެވެ. އެހެން މީހަކު އައިސް ބުންޏެވެ.
"ލީން އަކީ ހާދަ ރަނގަޅު ކުއްޖެކެ. ލީން އަށް މިހާ ދެެރަގޮތެއް މިވީ ކިހިނެއް ހެއްޔެވެ"
އެހެން މީހަކު ބުންޏެވެ.
"އަޅެ އޭނަ އެ އުޅެނީ ހަފުތާއެއް ފަހުން އުމްރާއަށް ދާށޭ. މިހެން ވީމައި ކިހާ ދެެރަވާނެ ހެއްޔެވެ؟"
މީހުންގެ ވާހަކަތަކުން، މީހުން ރޯތަން ފެނުނީމައި އަހަރެންނަށް ރޮވުނެވެ. އެކަމަކު ގަބޫލުކުރީ، އަހަރެންގެ އިލާހު، އަހަރެން ދޫކޮށް ނުލާނެ ކަމަށެވެ. އަހަރެން އައްސަބޫރަށް، ތަކުރާރުކޮށް، ހިތުގެ އަޑިން ދުއާ ކުރީ ކެތްތެރިކަމަށެވެ. މިކަމާ ކުރިމަތިލުމަށް ހިތްވަރަށެވެ.
ﷲގެ ކުޅަދުންވަންތަކަން ދެކި ބަލާށެވެ. އޮޕަރޭޝަން ކުރުމަށް އެންމެ ގަޑިއިރަކަށް ވެފައި އޮއްވާ، ޑޮކްޓަރު ބޮޑު ޓީމަކާއެކު، ވޯޑަށް ވަދެ އަހަރެންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
'ޔޫއާ ލަކީ އެވެ. ލޭގެ ނަތީޖާ ދައްކަނީ އެހެން ގޮތަކަށެވެ. އެހެންވީމައި، އޮޕަރޭޝަން ކުރުން މާދަމާއަށް ލަސްކޮށްލާނީ އެވެ."
ވަގުތުގެ ބޭނުން ހިފައިގެން، ލޯންޗެއް ކުއްޔަށް ހިފައިގެން ވަގުތުން އަހަރެމެން އިމަޖެންސީގައި މާލެ އައީމެވެ. އައިސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކީމެވެ. އެ މީހުން ވެސް ފުރަތަމަ ހީކުރީ ކުރީގެ ޑޮކްޓަރު ހީކުރި ގޮތަށެވެ. އެކަމަކު، ސްކޭން އިތުރަށް ޔަގީން ކުރުމަށް، ހަށިގަނޑުން ތިން ތަނެއް ތޮރުފާލައިގެން، ކެމެރާ ލައްވައިގެން ޑޮކްޓަރުން އަހަރެންގެ ހާލަތު ބެލި އެވެ. ނަތީޖާ އައީ، އަހަރެން އުއްމީދު ކުރި ގޮތަށެވެ. އަހަރެންގެ ހާލަތު މުޅިން ރަނގަޅެވެ. ހަމަ އެއްވެސް މައްސަލައެއް ނެތެވެ.
Ads by BMLކަނޑައެޅިފައި ދުވަހަށް، އުމްރާއަށް ދިޔުމުގެ ހުއްދަ ލިބުނެވެ. ޑޮކްޓަރުން އެދުނީ، ފުރޮޅުލީ ގޮނޑީގައި އިނުމަށެވެ. އެކަމަކު މައްކާގެ މާތްބިމަށް އައުމާއެކު، ﷲ ފިޔަވައި، އިތުރު އެހެން އެހީއެއް އަހަރުމެންނަކަށް ބޭނުމެއް ނުވި އެވެ.
މިއިން ދުވަހަކު މީހުން އެއް ނުވާވަރަށް، މި ރޯދަ މަހު ހަރަމްފުޅަށް މީހުން އެއްވެ، ފިތި ބާރުވި ނަމަވެސް، އަހަރެންގެ ހަށިގަނޑަށް ވެރިވެފައިވަނީ އާދަޔާހިލާފު ބާރެކެވެ. ގެފުޅު ވަށައިގެން ތަވާފް ކުރެވުނެވެ. މީހުންގަނޑުގެ ތެރެއިން ގޮސް، ގެފުޅުގައި އަތްލައި، ބޮސްދީ، މަތިވެރި އިލާހަށް ޝުކުރު އަދާކުރުމުގެ ފުރުސަތު ލިބުނެވެ. ގަދަވެ ސަލާމަތުން، އިތުރު އެހީއެއް ނެތި، ތިން އުމްރާ ކުރުމުގެ ފުރުސަތު ލިބުނެވެ. الحمد لله
އަހަރެންގެ ނަސޭހަތަކީ މި އެވެ. ﷲގެ ރަހުމަތުން އުއްމީދު ކަނޑާ ނުލާށެވެ. ކިތަންމެ ކުޑަ ކަމެއް ބޭނުން ވިޔަސް، ބޮޑު ކަމެއް ޖެހުނަސް އެކަލާނގެއަށް ދުއާ ކުރާށެވެ. އަދި ﷲ އެ ދުއާ އިޖާބަކުރައްވާނެ ކަމަށް ގަބޫލު ކުރާށެވެ. ތިއީ ﷲ ލޯބިވާ އަޅެކެވެ. ތިއަޅާގެ ދުއާ އިޖާބަ ނުކުރަންވީ ކީއްވެހެއްޔެވެ؟
"މިއީ ސޯޝަލް މީޑިއާގައި ދައުރުވި ހަގީގީ ހާދިސަައެއްގެ ވާހަކައެވެ. މި ލިޔުން ގެނެސްދީފައިވަނީ ހޭލުންތެރިކުރުމުގެ ނިޔަތުގައެވެ. މި ލިޔުމުގައި އެއްވެސް އުނިއިތުރެއް ގެނެސްފައި ނުވާނެއެވެ. ލިޔުމުގެ ހައްގުވެރި ފަރާތަކީ ލިޔުމުގެ ވެރިފަރާތެވެ. (Lynne Shareef)
Ads by MACL
