ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ކުޅިބައި ބަދަލުވެއްޖެ – ތެހެރާނުގެ އައު ޝަރުޠުތަކާއެކު ވޮޝިންޓަން މަގުއޮޅުމެއްގައި!

ކުޅިބައި ބަދަލުވެއްޖެ – ތެހެރާނުގެ އައު ޝަރުޠުތަކާއެކު ވޮޝިންޓަން މަގުއޮޅުމެއްގައި!

މުޅި ދުނިޔެ ނޭވާ ހިފަހައްޓާލައިގެން ތިބި ނުރައްކާތެރި ހަތަރު ހަފުތާއަށްފަހު، މަސްރަޙުން ފެންނަމުންދަނީ ހީވެސް ނުކުރާ ފަދަ ބަދަލުތަކެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގައި "ދެން ނައްތާލެވޭނެ އެއްޗެއް ބާކީ ނެތް" ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ތެހެރާނުން މިވަނީ ހުދު ދިދަ ނެގުމުގެ ބަދަލުގައި، ވޮޝިންގޓަން ކުޑަކަކޫ ޖައްސާލާ ފަދަ ވަރުގަދަ "ޑިޕްލޮމެޓިކް" އިސްނެގުމެއް ދައްކާފައެވެ.

"ނައްތާލެވޭނެ އެއްޗެއް ނެތް" ކަމަށް ބުނާއިރު، ޙަޤީޤަތް ތަފާތު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގައި "ޢަމަލީ ގޮތުން ދެން ނައްތާލެވޭނެ އެއްޗެއް ބާކީ ނެތް" ކަމަށް ވިދާޅުވަމުންދާ ދައުވާއާއި، ބިމުގެ ޙަޤީޤަތާ ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. އީރާނުން މިވަނީ ހަމައެކަނި އެމީހުންގެ ރައްދުދިނުމުގެ ޤާބިލްކަން ދަމަހައްޓާފައެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ޤައުމުން މިވަނީ ދިފާޢީ ޙާލަތުން ބޭރަށް ނުކުމެ، ވަރުގަދަ ސިޔާސީ "އޮފެންސިވް" އެއް ފަށާފައެވެ. އީރާނުން ހުށަހަޅާ ސުލްޙައިގެ ތަރަހައިގައި "އަމާންދިނުން"  އިޚުތިޔާރެއްގެ ގޮތުގައިވެސް ހިމަނާފައެއް ނުވެއެވެ.

ހޯރްމޫޒް ކަނޑުއޮޅި: ދުނިޔޭގެ ތެލުގެ ނާރުގެ ކޮންޓްރޯލް

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި ނުކުތާ ގުޅިފައިވަނީ ހޯރްމޫޒް ކަނޑުއޮޅިއާއެވެ. ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މި ސަރަޙައްދަށް އައު "ޤާނޫނީ ނިޒާމެއް" ކަނޑައެޅުމަށް އީރާނުން ބާރުއަޅައެވެ. އީރާނުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ހަކަތައިގެ އޮއިވަރަކީ އެމެރިކާގެ ނޭވީގެ ބެލުމުގެ ދަށުގައި އޮންނަ އެއްޗަކަށް ވީވުން ނިމުމަކަށް ގެނައުމެވެ. މިއީ ހަމައެކަނި ޤާނޫނީ ބަދަލެއް ނޫނެވެ؛ މިއީ މުޅި ދުނިޔޭގެ ތެލުގެ އަގަށް ބޮޑު ލޮޅުމެއް އައިސްފައިވާ ސަބަބެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަނޑުއޮޅީގެ ބާރުވެރިކަން ދެމިއޮންނާނެ ގޮތާއި ގުޅިފައިވާ ކަމެކެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭރުކުރުން

މީގެ ކުރިން ބައެއް މީހުންނަށް އުންމީދު ކުރަންވެސް ނޭނގޭ ފަދަ އިތުރު ޝަރުޠެއް އީރާނުން މިވަނީ މޭޒުމައްޗަށް ގެނެސްފައެވެ. އެއީ ގަލްފު ސަރަޙައްދުގައި އެތައް އަހަރެއް ވަންދެން ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެކީގައި ނައްތާލުމެވެ. އީރާނުގެ މެސެޖަކީ ސާފު މެސެޖެކެވެ. ޙަޤީޤީ ސުލްޙައެއް އަންނާނީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި، ސަރަޙައްދީ ޤައުމުތަކުން އަމިއްލަ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޤާބިލްކަން ހޯދައިގެންނެވެ.

ސުލްޙައަކީ "ކިޔަމަންވުމެއް" ނޫން

ހަމައެއާއެކު، އީރާނުން މިވަނީ ނުހަނު ހަރުދަނާ އެހެން ނިންމުމެއްވެސް ނިންމާފައެވެ. އެމެރިކާ އާއި އިޒްރޭލުން އިސްވެ ފެށި މި ހަނގުރާމަ، އެމީހުން ބޭނުންވާ ކޮންމެ ވަގުތަކު، އެމީހުން އެދޭހާ ގޮތަކަށް ނިންމާލުމުގެ ފުރުޞަތު ދިނުމުގެ އެއްވެސް ވިސްނުމެއް ތެހެރާނުގެ ނެތެވެ. އީރާނުން ދައްކައިދެނީ، ހަނގުރާމައިގެ މައިދާން ފިނިކުރާނީ ހަމައެކަނި ބޮޑެތި ބާރުތަކުން ބޭނުންވާ ގޮތަށް ނޫންކަމާއި، އެމީހުން ހުށަހަޅާ ކޮންމެ ގޮތަކަށް ރުހި އަމާންދިނުމަކީ އޮތް އިޚުތިޔާރެއް ނޫންކަމެވެ. މިއީ ހަމައެކަނި އީރާނުން ކުރާ ބޮޑު އުއްމީދެއް ނޫނެވެ؛ މިއީ ބައިނަލްއަޤުވާމީ ޚާރިޖީ ސިޔާސަތަށް އަންނަ ބޮޑު އިންގިލާބެކެވެ. ދުނިޔޭގެ "ދެކުނުގެ ޤައުމުތަކުގެ" ތެރެއިން ޤައުމަކުން ފުރަތަމަ ފަހަރަށް ބޮޑު ބާރަކަށް މި ބުނެދެނީ ވަރަށް ސާފު މެސެޖެކެވެ: "ސުލްޙައަކީ ކިޔަމަންވުމެއް ނޫނެވެ؛ އެއީ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމްކުރުމެވެ."

 ބަދަލު ހޯދުމާއި އައު ދުނިޔެއެއްގެ ފެށުން

މީގެ އިތުރުން، އީރާނުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެމެރިކާއިން އެކަހެރިކޮށް ދީފައިވާ ޙަމަލާތަކުގެ ބަދަލު  ހޯދުމަށެވެ. މިއީ މުޅި ދުނިޔެ މިހާރު ނުހަނު ފާރަވެރިކަމާއެކު ބަލަމުންދާ ތާރީޚީ މިސާލެކެވެ. މިހާރު ހިނގަމުންދާ މި ހަނގުރާމައަކީ، އެއް ބާރަކުން މުޅި ދުނިޔެ ކޮންޓްރޯލް ކުރި ކުރުން ނިމުމަކަށް ގެނެސް، ގިނަ ބާރުތަކެއް އެކުލެވޭ "މަލްޓި-ޕޯލަރ" ދުނިޔެއަކަށް މަގުކޮށްދޭ މައިގަނޑު ސަބަބަށް ވުން ވަރަށް ގާތެވެ . އީރާނުން އަންނަނީ މި އައު ބައިނަލްއަޤުވާމީ މަސްރަޙުގައި، މަޝްވަރާގެ މޭޒަކީ ހަމައެކަނި މޫނުމަތީގައި ސުލްޙައިގެ މާސްކު އަޅައިގެން އަމާންދިނުމަށް އޮތް ތަނެއް ނޫންކަން އަމަލުން ސާބިތުކޮށްދެމުންނެވެ.