ރާއްޖޭގައި ޑިމޮކްރަސީ ދަންނަނީ އެންމެ ޕާޓީއެއްތަ؟ ޑިމޮކްރަސީގެ މެޑަލް ޖެހެނީ ވަކި ބަޔަކަށްތަ؟
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، "ޑިމޮކްރަސީ" ނުވަތަ ރައްޔިތުންގެ ވެރިކަމުގެ ނިޒާމުގެ ވާހަކައަކީ މި ފަހަކަށް އައިސް އެންމެ އަޑުގަދަކޮށް ދެކެވޭ އެއް ވާހަކައެކެވެ. އަޑުގަދަ މީހާ ރުއްގިނަ ވާނެޔޭ ބުނާ އުސޫލުން ޑިމޮކްރެސީއޭ ކިޔައިގެން އެންމެ އަޑުހަރުކޮށް ވާހަ ދައްކަމުން އަންނަ އެއްބަޔަކީ އެންމެ ބައިބޯ އަދި ހަންބޯ ކަމަށް އަމިއްލަ އަށް ގަބޫލުކޮށް، ވަކާލު ކުރަމުން އަންނަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.
ހިތުން ޑިމޮކްރަސީ އެންމެ ބޮޑަށް ދަންނަ ޕާޓީ އަކީ އެއީ އެވެ. މާ ބޮޑަށް ޑިމޮކްރެސީ ދަންނަ ބަޔަކަށް ވެގެން، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި ވަކާލާތު ކުރަމުންދާއިރު، އުފެދޭ ސުވާލަކީ ހަމަ ހަގީގަތުގައި ވެސް މި ނިޒާމު ދަންނަނީ ހަމައެކަނި އެ ޕާޓީންތޯ އެވެ؟ ޑިމޮކްރަސީގެ "މެޑަލް" ޖެހުމުގެ ހައްގު އޮތީ ހަމައެކަނި އެމްޑީޕީއަށްތޯ އެވެ؟
އެމްޑީޕީގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުންގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް ބަލާއިރު، ކޮންމެ ދެބަހެއްގެ ދޭތެރެއަށް "ޑިމޮކްރަސީ" މި ބަސް ލައިގެން ނޫނީ އެ ބައިގަނޑަށް ވާހަކަވެސް ނުދެއްކޭ ފަދައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ ގެނައީވެސް، އަދި އެ ނިޒާމު ދަމަހައްޓަނީވެސް ހަމައެކަނި ރީނދޫ ލަސްކަރޭ މިކިޔާ ބައިގަނޑުންނެވެ. ނަމަވެސް، މިއީ ހަގީގަތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
Ads by BMLރީނދޫ ލަސްކަރަށް ބުނެލަން އޮތީ ކިތެންމެ އަދޫ ގަދަޔަށް ދެލޯ ނިތްކުރީގައި ޖައްސާ ކަން ނާރުނަގާ ކިތެންމެ ވަރަކަށް އަޑުގަދަކޮށް ހަޅެއްލެވިޔަސް ޑިމޮކްރަސީއަކީ ވަކި ބައެއްގެ މިލްކެއް ނޫންކަމެވެ. އެއީ މުޅި ގައުމުގެ ހައްގުތަކާއި، މިނިވަންކަމާއި، އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. އެމްޑީޕީގެ މިލިއްޔާތެއް ނޫނެވެ.
ހައިރާންވާންޖެހޭ ކަމަކީ، އެމްޑީޕީއަށް ޑިމޮކްރަސީ އެހާ ބޮޑަށް އެނގޭއިރު، އަމަލީ މައިދާނުގައި އެ އުސޫލުތަކާ ދިމާ އިދިކީލިއަށް ކަންކަން ކުރާތަން ފެންނާތީއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުން ފެށިގެން، ސަރުކާރު ހިންގުމުގައި ވެސް ޚުދުމުޚުތާރު ގޮތްތައް ގެންގުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ އެމްޑީޕީގެ ސިޔާސަތުތަކުން ފެނިފައިވާ ހިތްދަތި ހަގީގަތްތަކެކެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކަމުން، އެ ނިޒާމުގެ އަސާސްތަކާ ޚިލާފަށް އަމަލުކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި އެ ޕާޓީގެ އިތުބާރު ކުޑަވާ ސަބަބެކެވެ.
ދިވެހި ރައްޔިތުން އެމްޑީޕީގެ ސިޔާސަތުތަކަށް ނޫނެކޭ ބުނާއިރު، އެއީ ރައްޔިތުންނަށް ޑިމޮކްރަސީ ނޭނގޭތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެމްޑީޕީން ޑިމޮކްރަސީގެ ނަމުގައި ހިންގާ ބައެއް ޑިމޮކްރެޓިކް ނޫން އެ ނީޒާމާ މުޅިން ބީރައްޓެހި، އަމަލުތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭތީ އެވެ. ޑިމޮކްރަސީއަކީ ހަމައެކަނި މުޒާހަރާ ކުރުމާއި، މަގުމަތީގައި އަޑުގަދަކޮށް މީހުންނަށް ދުއްޕާން ކުރުން ނޫންކަން މިއަދުގެ ދިވެހި ރައްޔިތުން ދަނެ އެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، ޑިމޮކްރަސީއަށް މަގުފަހިކޮށްދިނީ ހަމައެކަނި ވަކި ބައެއްގެ މަސައްކަތުން ވެސް ނޫނެވެ. އެއީ އެކި ދުވަސްވަރުގެ ވެރިންނާއި، ސިޔާސީ ޕާޓީތަކާއި، ހޭލުންތެރި ރައްޔިތުންގެ ބައިވެރިވުމާއެކު އައި ބަދަލެކެވެ. އެހެންކަމުން، ޑިމޮކްރަސީގެ "މެޑަލް" ޖަހައިގެން، އެއީ ހަމައެކަނި އެމްޑީޕީގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެއްކުމަކީ މޮޔަ ކަމެކެވެ.
ނިންމާލަމުން ވެސް ބުނެލަން އޮތީ، ޑިމޮކްރަސީއަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް އޮތް ބާރެއް ނޫނެވެ. އެއީ ހަމަހަމަކަމާއި، އިންސާފާއި، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތެވެ. އެމްޑީޕީން ޑިމޮކްރަސީގެ ޗެމްޕިއަނުންނަށް ވާން ބޭނުންނަމަ، ހަމައެކަނި ބަހުން އެކަން ދެއްކުމުގެ ބަދަލުގައި، އަމަލުން އެކަން ސާބިތުކޮށްދޭން ޖެހެއެވެ. އެ ނޫން ގޮތަކަށް ޑިމޮކްރަސީގެ މެޑަލް ހަޖަން އުޅުނަސް އެކަމެއް ނުވާނެ އެވެ. ބުނެވޭނީ ހަމަ :ސޮރީ" އެވެ.
Ads by MACL
