ކޮންމެ އިންތިޚާބަކަށް "ދޮގު ޑޮކިއުމެންޓްރީއެއް"؛ އެހެންނަސް ރައީސްގެ އަޒުމް ގުޑުވައެއް ނުލެވޭނެ!
ގައުމެއްގެ ވަލީއުލްއަމްރަކީ އެ ގައުމެއްގެ ރައްޔިތުންގެ ގަދަރާއި އިހުތިރާމާއި ލޯތްބާއި ކުލުނު ލިބިގެންވާ ފަރާތެއް ކަމީ ދުނިޔޭގެ ކޮންމެ ތަހުޒީބީ މުޖުތަމައެއްގައި ވެސް ގަބޫލުކުރެވޭ ހަގީގަތެކެވެ. ރައްޔިތުން ހޮވާ ވެރިޔަކަށް ޤައުމުގެ ރައްޔިތުން ކުރާ އިޙުތިރާމާއި ދޭ ލޯތްބަކީ ހަމައެކަނި ދެ ލޮލަށް ފެންނަ ހިދުމަތްތަކަށް ދެވޭ ބަދަލެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ވެރިޔެއްގެ ހައިސިއްޔަތާއި ކަރާމަތަށް ރިއާޔަތްކޮށް ދެވޭ އިހުތިރާމެކެވެ.
ނަމަވެސް ހިތާމައަކީ، ދިވެހިރާއްޖޭގެ ސިޔާސީ ވެށީގައި ވަކި ބައެއްގެ ތެރޭގައި، ވެރިޔެއްގެ ކަރާމަތާއި ހައިސިއްޔަތު ރައްކާތެރިކޮށް ހިފެހެއްޓުމުގެ ބަދަލުގައި، ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ދޮގު ތުހުމަތާއި ހަޑިހުތުރު ވާހަކަތައް ފެތުރުން އާންމު ކަމަކަށް ހަދާ ކަމެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެ ފަހަރެއްގެ މަތިން މިފަދަ ލަދުވެތި ހިތި ތަޖުރިބާތަކެއް ވަނީ ކުރަންޖެހިފަ އެވެ. ކޮންމެ އިންތިހާބުތަކާ ދިމާކޮށް، ސިޔާސީ ގޮތުން ރައީސް ބަލިކޮށްލުމަށްޓަކައި ބައެއް މީޑިއާތަކުންނާއި ވަކި ފަރާތްތަކަކުން ހިންގާ ހަޑި މުޑުދާރު އަމަލުތާއި ހަރަކާތްތަކަކީ ތަހުޒީބީ މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
Ads by BMLމީގެ ތެރެއިން "އަދަދު" ނޫހުން ތައްޔާރުކޮށް ދައުރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކީ ސީދާ ސިޔާސީ ދަންތުރައެކެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ރައީސާ މެދު ނަފްރަތު އުފެއްދުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. މިއީ އެއްވެސް މުޖުތަމައުއެއްގައި ބަލައިގަންނާނޭ ކަމެއް ނޫނެވެ.
އާންމުކޮށްފައިވާ އެ ޑޮކިއުމެންޓްރީގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެއީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މުޑުދާރު ތުހުމަތުތަކެކެވެ. ޒިނޭ ފަދަ ހަޑިމުޑުދާރު ތުހުމަތުތައް، ގައުމެއްގެ ރައީސެއްގެ އިސްތަށުފުޅުގައި އެއްވެސް ހެއްކެއް ދަލީލެއް ނެތި އެޅުވުމަކީ ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ބަލާއިރުވެސް ބޮޑުވެގެންވާ ފާފައެކެވެ.
ހަމައެކަނި ސިޔާސީ ލަނޑުދަނޑިއެއް ހާސިލްކުރުމަށްޓަކައި، މީހެއްގެ އާއިލީ ދިރިއުޅުމާއި އަމިއްލަ ކަރާމަތަށް އަރައިގަތުމަކީ ހައްދެއް އޮންނަންޖެހޭނެ ކަމެކެވެ.
ޑިމޮކްރަސީގެ ނަމުގައި ހިންގޭ ބޮޑެތި ޖަރީމާ
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގަކަށް ވިޔަސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އަނެކާގެ އަބުރަށް އިހުތިރާމްކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވާއިރު، އެމަނިކުފާނުގެ އަބުރަށް އަރައިގަތުމަކީ މުޅި ދައުލަތުގެ ގަދަރަށް އުނިކަން އަންނާނެ ކަމެކެވެ. ސިޔާސީ ވާދަވެރިކަމުގައި އުސޫލުތަކެއް ހުންނަންވާނެއެވެ. ދޮގާއި މަކަރާއި ހީލަތުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަކީ ގައުމުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމެކެވެ.
ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަންވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ އިހުތިރާމް ލިބިގެންވާ މަގާމަކަށް ވާއިރު، އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަމާޒުކޮށް ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވަންޖެހެއެވެ. ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ވާންޖެހެއެވެ. ސިޔާސީ މަންފާއަށްޓަކައި ފަތުރާ ދޮގު ވާހަކަތަކަށް ނޫނެކޭ ބުނެ، ގައުމުގެ ވަލީއުލްއަމްރަށް ދޭންޖެހޭ ހައްގު ގަދަރާއި އިހުތިރާމް ދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ.
Ads by MACL
