ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ސޯޝަލް މީޑިއާގަ ހޭދަކުރުން ގޯސް؛ ޚާއްސަކޮށް އަންހެން ކުދިންނަށް
ދުނިޔޭގެ ވޯލްޑް ހެޕިނަސް ރިޕޯޓުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާ މާ ގިނައިން ބޭނުންކުރުމަކީ ޒުވާނުންގެ، ހާއްސަކޮށް ފުރާވަރު އަންހެން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށްވާން ދިމާވާ ސަބަބެކެވެ. ދުނިޔޭގެ އާބާދީގެ 96 އިންސައްތަ ހިމެނޭހެން އެކިއެކި ސިރާސާތައް ކޮށް އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި، ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިރު ސޯޝަލް މީޑިއާގައި ހޭދަކުރާ ކުދިންގެ ދިރިއުޅުމުން ލިބޭ ހަގީގީ ހިތްހަމަޖެހުން ކުޑަވެ، ސްޓްރެސް އާއި ޑިޕްރެޝަންއަށް މަަގުފަހިވެ، އެކަމުގެ އަލާމާތްތައް އިތުރުވެ އެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި ގިނަ ޒުވާނުން ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރަނީ އެކުދިންގެ ރައްޓެހިން އެ ވަސީލަތްތައް ބޭނުންކުރާތީ އެކަމުގައި ބައިވެރިވުމަށެވެ.
"މި ޕްލެޓްފޯމްތަކުން އެއް މަސް ދުވަހުގެ ބްރޭކެއް ނެގުމުން އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވެ، ހާސްކަން ކުޑަވާކަމަށް ކުދިން ބުނޭ" ހޯދުންތަކުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ގިނަ ކުދިން ސޯޝަލް މީޑިއާގެ ވަސީލަތްތައް ގިނަައިން ބޭނުން ކުރަނީ އެކަނިވެރިކަމާއި މާޔޫސްކަމުން ދުރުވެ އެކަމުގެ ރިހުން ފިލުވުމަށެވެ. އެގޮތަށް މި ދަންތުރައިގައި ޖެހޭ ކުދިން މިއަދު ވަރަށް ގިނަ އެވެ.
އަންހެން ކުދިންނަށް އޮތް ނުރައްކާ ބޮޑު
ނަފްސާނީ މާހިރު ޖީން ޓްވެންގޭގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ 15 އަހަރުގެ އަންހެން ކުދިންނަށެވެ. މި ކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އެންމެ ރަނގަޅީ ސޯޝަލް މީޑިއާ ބޭނުން ނުކުރާ ނަމައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިމަތިވާ ބުލީކުރުމާއި، އެޑިކްޝަން އަދި ޖިންސީ ފުރައްސާރަކުރުން ފަދަ ކަންކަމުގެ ސަބަބުން، ކުރިމަތިވާ ކަންކަން އިތުރެވެ.
ޖީލުތަކުގެ މެދުގައި ހުރި ތަފާތުތައް
އިގްތިސާދީ މާހިރު މާޓިން ބާގާ ވިދާޅުވާ ގޮތުގައި ސޯޝަލް މީޑިއާއަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. ނަމަވެސް، އޭގެ ބޭނުން ހިފާ މިންވަރު އިތުރުވުމުން މައްސަލަތައް ކުރިމަތިވެ އެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ޖެން-ޒީ ނުވަތަ ޅަފުރައިގެ ޒުވާނުންނަށެވެ. މިލޭނިއަލްސް އަށް ކުރާ އަސަރު ކުޑަވިއިރު، ބޫމާސް ޖީލުގެ މީހުންނަށް މިކަމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ކުރާކަން ފާހަގަކުރެވިފައިވެ އެވެ.
ހައްލަކީ ކޮބައި؟
މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައި ރިޕޯޓުގައި ހުށަހަޅާފައިވަނީ، ސްކްރީން ޓައިމްގެ ބަދަލުގައި ބޭނުންކުރާ ގޮތުގެ ފެންވަރަށް ބެލުމަށެވެ. ދުވާލަކު ގަޑިއިރަކަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުމާއި، ނޭދެވޭ ކަންކަމަށް މީފާ ދެވިހިފުން އިތުރުވާ ފަދަ އެކައުންޓްތައް އަންފޮލޯ ކުރުމަށް އިރުޝާދު ދީފައިވެ އެވެ. އަދި ރައްޓެހިންނާއެކު އޮންލައިން ކޮށް ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު މަދުކޮށް އޭގެ ބަދަލުގައި އެންމެން އެއްތަނަށް އެއްވެސް އެކުވެލާ ވަގުތު ހޭދަކުރުން ފަދަ ކަންކަން ރާވާލުން މާ މުހިންމު ކަމެއްގެ ގޮތުގައި ސިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.
Ads by BML
Ads by MACL
