ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ގަވާއިދުން ކަސްރަތުކުރާ ފިރިހެނުންނަކީ ހަޔާތުގެ ބައިވެރިންގެ ފަރާތުން އެންމެ ފުރިހަމައަށް ލޯބި ލިބޭ މީހުން

ގަވާއިދުން ކަސްރަތުކުރާ ފިރިހެނުންނަކީ ހަޔާތުގެ ބައިވެރިންގެ ފަރާތުން އެންމެ ފުރިހަމައަށް ލޯބި ލިބޭ މީހުން

ޖިސްމާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ހަށިގަނޑުގެ ވަރުގަދަކަމާއި ގުޅިފައިވާ ކަމެއް ނޫންކަމަށާއި، އެއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންތަކަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެއްކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ކަސްރަތުކުރާ ފިރިހެނުންގެ ތެރެއިން 73 އިންސައްތަ މީހުންނަކީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާއަށް އަޅާލާ، އޯގާތެރި އަދި އެހީތެރިކަން ފޯރުކޮށްދޭ މީހުންނެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ކަސްރަތު


ކަސްރަތު ކުރުމުގެ ސަބަބުން އިންސާނާގެ މޫޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ހަށިގަނޑުން އެންޑޯފިންސް ދޫކޮށްދީ، ސްޓްރެސް ހޯރމޯންތައް ކަމަށްވާ ކޯޓިސޯލް ކޮންޓްރޯލް ކޮށްދެއެވެ. މި ކެމިކަލް ބަދަލުތަކުގެ ސަބަބުން ކެތްތެރިކަން އިތުރުވެ، ރުޅިގަދަވުން ކުޑަކޮށްދީ، ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށް ހަދައިދެއެވެ. މީގެ އިތުރުން، ހަރަކާތްތެރިކޮށް އުޅޭ ފިރިހެނުންގެ ހަކަތަ އިތުރުވެ، ސަމާލުކަން ދިނުމުގެ ގާބިލުކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާކަން ފާހަގަކުރެވެއެވެ.

ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ބަދަލު


ނިއުރޯސައިންސްގެ ނަޒަރަކުން ބަލާއިރު، ގަވާއިދުން ކަސްރަތު ކުރުމަކީ ސިކުނޑީގެ ޕްރީފްރަންޓަލް ކޯޓެކްސް އާއި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި، ގޮތް ނިންމުމުގެ އިތުރުން އިޖުތިމާއީ އުޅުމާ ގުޅުންހުރި ބައިތައް ވަރުގަދަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ވިސްނުންތެރިކަމާއެކު އިޖާބަދިނުމަށާއި، މުާމަލާތް ކުރުމުގައި ހަރުދަނާވުމަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރާއި ގުޅުން ވަރުގަދަވެގެންދެއެވެ.

ގުޅުންތައް ބަދަހިކުރުމަށް ކަސްރަތު


މި ދިރާސާގެ މައިގަނޑު މެސެޖަކީ ފިޓްނަސްއަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫން ކަމެވެ. އެއީ އިންސާނާގެ އިމޯޝަނަލް އިންޓެލިޖެންސް ނުވަތަ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހަކު ހިނގާލުން، ބަރު އުފުލުން ނުވަތަ ކާޑިއޯ ކަސްރަތުތައް ކުރުމަކީ އަމިއްލަ ސިއްހަތު ރަނގަޅުވުމުގެ އިތުރުން، ބައިވެރިޔާއާއެކު އޮންނަ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެކެވެ.