ކޮލަމް: އިބޫ ގޮތްދޫކުރުން، ނަޝީދު އާއި ފައްޔާޒު އައީ ގަދަކޮށް!
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ސިޔާސީ އޮއިވަރު މިހާރު ހުރިގޮތަށް ބަލާއިރު، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) ގެ ފެކްޝަނަށް ލިބުނު ވަރުގަދަ އިންޒާރެކެވެ. މި އިންތިޚާބުން ސާފުވެގެންދިޔަ އެންމެ ބޮޑު ހަގީގަތަކީ ޕާޓީގެ އާންމު މެންބަރުންގެ ރޫހު އަދިވެސް ހުރީ ޕާޓީގެ އަސްލު ބާނީންނާއި، ހިންގުންތެރި ލީޑަރުންނާ އެކުގައި ކަމެވެ.
އެމްޑީޕީއަކީ ރައީސް މުޙައްމަދު ނަޝީދުގެ ބުރަ މަސައްކަތުން އުފެއްދެވި، އެމަނިކުފާނުގެ ފިކުރާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެކެވެ. ޕާޓީގެ މޭސްތިރިއަކީ ނަޝީދު ކަމަށްވާއިރު، މިއަދު ޕާޓީގެ އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެހެން ސިޔާސީ ޕާޓީތަކުގެ ފިކުރުގައި ތިއްބެވުމަށްފަހު ފަހުން އެމްޑީޕީއަށް ހިޖުރަކުރެއްވި ބޭފުޅުންނެވެ. ނަމަވެސް، ޕާޓީގެ އަސްލު އޮތީ ނަޝީދުގެ "ލޭ" ހިނގާ، އެމަނިކުފާނުގެ ފިކުރަށް ތާއީދުކުރާ އާންމު މެންބަރުންގެ އަތްމަތީގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ފެނިގެންދިޔައީ ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލްގެ ވަރުގަދަ ނުފޫޒެވެ. ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގޮޕޯ) ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ފުރަތަމަ އުޒުރުވެރިވެވަޑައިގަތެވެ. އެހެންނަމަވެސް، ޕާޓީގެ ހާލަތު އޮތްގޮތުންނާއި މެންބަރުންގެ އެދުމުގެ މަތިން ނަޝީދު ނިކުންނަވައި ކުރެއްވި މަސައްކަތުން މުޅި މަންޒަރު ބަދަލުކޮށްލެއްވިއެވެ. މިއީ އެމަނިކުފާނުގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި އޮތް މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
Ads by BMLޚާއްސަކޮށް މާލެ ސިޓީއާއި އައްޑޫ ސިޓީގެ އިންތިޚާބީ ނަތީޖާއަށް ބަލާލުމުން، ނަޝީދުގެ ފިކުރަށް އޮތް ތާއީދު ފެނިގެންދެއެވެ. އެމްޑީޕީގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި މުޙައްމަދު އިބްރާހިމް (ކުޑޫ) ހަރަކާތްތެރިވި ނަމަވެސް، ފޯރިގަދަވެ ނަތީޖާ ނެރެވުނީ ނަޝީދާއި ފައްޔާޒުގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތުންނެވެ. އައްޑޫ ފަދަ އެމްޑީޕީގެ ކިއްލާތަކުގައި ލިބުނު ކާމިޔާބީއަކީ ސީދާ ނަޝީދުގެ ނުފޫޒާއި ގުޅިފައިވާ ކަމެއްކަން ސިޔާސީ މުހައްލިލުން ގަބޫލުކުރެއެވެ.
ފައްޔާޒު އިސްމާއިލަކީ ޕާޓީގެ ހިންގުންތެރިކަމުގެ އިންޖީނެވެ. އޭނާ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ދުވަސްވަރު ޕާޓީގެ އޮނިގަނޑު ވަރުގަދަކޮށް، އިންތިޚާބުތަކަށް ޕާޓީ ތައްޔާރުކުރުމުގައި ކުރެއްވި މަސައްކަތުގެ ފޮނި މޭވާ މިހާރުވެސް ދަނީ ފެންނަމުންނެވެ. އިބޫގެ ފެކްޝަނުން ޕާޓީ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، އިންތިޚާބުގެ ނަތީޖާ އައީ ފައްޔާޒާއި ނަޝީދު ބޭނުންވި ގޮތަށް ގަދަކޮށެވެ.
އެމްޑީޕީގެ ކުރިމަގު ބިނާވެފައިވަނީ ޕާޓީގެ އަސްލު މޭސްތިރިންގެ ބަހަށް އިހުތިރާމްކޮށް، އެބޭފުޅުންގެ ހިންގުންތެރިކަމަށް ޖާގަ ދީގެންނެވެ. އިބޫގެ ފެކްޝަނަށް މިވަނީ ގޮތްދޫކޮށް، ޕާޓީގެ ހަގީގީ ބާރުވެރިންނަކީ ނަޝީދާއި ފައްޔާޒުކަން ގަބޫލުކުރަން ޖެހިފައެވެ. އިންތިޚާބުގެ ކާމިޔާބީއާ އެކު، އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި ނަޝީދާއި ފައްޔާޒު މިވަނީ ކުރިއަށްވުރެ މާ ވަރުގަދަކޮށް ފައިތިލަ ސާބިތުކޮށްފައެވެ.
Ads by MACL
