ރައީސުލް ޖުމްހޫރިއްޔާ އަކަށް ކުރިމަތިލުމަށް ވަކި އުމުރެއް އޮތުން ރަނގަޅުތަ؟
ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ އެ ޤައުމެއްގެ ހަމަޖެހުމާއި، ތަރައްޤީއާއި، މުސްތަޤުބަލާ ސީދާގޮތުން ގުޅިފައިވާ ނުހަނު އިސް މަޤާމެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ނިޒާމުގެ ތެރޭގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން އުމުރުގެ މިންގަނޑަކީ އަބަދުވެސް ފުޅާދާއިރާއެއްގައި ބަހުސްކުރެވޭ މުހިންމު މައުޟޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލެވޭނެ ވަކި އުމުރެއް ކަނޑައެޅިފައި އޮތުމަކީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޒިންމާދާރުކަމާއެކު ޤައުމު އިސްލާހީ މަގަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގޮންޖެހުންތަކެއް އެކުލެވިގެންވާ ބުރަ މަސައްކަތެކެވެ.
އެހެންކަމުން، މި މަގާމަށް ކުރިމަތިލެވޭ އުމުރުގެ މިންގަނޑެއް ކަނޑައެޅިފައި ނެތުމަކީ ގައުމުގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމަކަށް ނުފެނެއެވެ.
Ads by BMLއުމުރުން މާ ބޮޑަށް ދޮށީ ބޭފުޅުން ގައުމުގެ އެންމެ މަތީ ވެރިކަމާ ހަވާލުވުމުން، ސިއްހީ ހާލަތާއި ހަކަތަ ހުރި މިންވަރުގެ ސަބަބުން މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.
މީގެ އިތުރުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރުތަކާއި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވުމުގައި ދޮށީ އުމުރުގެ ބޭފުޅުންނަށް ދަތިތަކެއް ހުރެދާނެތީ، އެކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް މަޑުޖެހުމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
މާ ޒުވާން އުމުރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމަކީ އޭގެ ސަބަބުން ރަނގަޅު ނަތީޖާތަކެއްގެ އިތުރުން ގޮންޖެހުންތަކެއްވެސް ކުރިމަތިވެދާނެ ކަމެކެވެ.
ޒުވާން ވެރިއެއްގެ ފަރާތުން ގައުމަށް އާ އީޖާދީ ވިސްނުންތަކާއި، މުރާލިކަމާއެކު އަވަސް އިސްލާހީ ބަދަލުތަކެއް ފެނިގެންދިޔުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް، ސިޔާސީ ތަޖުރިބާ މަދުވުމުގެ ސަބަބުން، ހާރިޖީ ގުޅުންތަކާއި ގައުމީ ސަލާމަތް ފަދަ ނާޒުކު މައްސަލަތަކުގައި ނިންމާ ނިންމުންތަކުގައި ފަރުވާކުޑަވެ، ގޯސްތަކެއް ހެދުމުގެ ބިރު އޮވެއެވެ.
މި ސަބަބުތަކަށްޓަކައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ އެކަށީގެންވަނީ 35 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުފުރައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެއީ އެ އުމުރުފުރާއަކީ މަސައްކަތުގެ ހަކަތައާއި، ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ ތަޖުރިބާ އެންމެ ފުރިހަމައަށް އެކުލެވިގެންވާ އުމުރުފުރާ ކަމަށްވާތީއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ދެވަނަ ޖުމްހޫރިއްޔާއަށް ނަޒަރު ހިންގާލާއިރު، ދައުލަތުގެ އެންމެ މަތީ ވެރިކަމާ ހަވާލުވެވަޑައިގަތް ބޭފުޅުންނަކީ ތަފާތު އުމުރުފުރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.
މިގޮތުން، ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ އުމުރުފުޅުން 41 އަހަރުގައެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 54 އަހަރުގައި ވެރިކަމަށް ވަޑައިގަތްއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެރިކަމާ ހަވާލުވެވަޑައިގަތީ 56 އަހަރުފުޅުގައެވެ.
އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އުމުރުފުޅުން 45 އަހަރުގައެވެ.
މި ބޭފުޅުންނަކީ ޒުވާންކަމުގެ ހަކަތައާއި ސިޔާސީ ހިންގުންތެރިކަމުގެ ތަޖުރިބާގެ މުނާސަބު މިންގަނޑެއްގައި ތިއްބަވައިގެން، ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގަތް ބޭފުޅުންކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން، ނައިބު ރައީސްކަމުގެ މަގާމުގައިވެސް ތަފާތު އުމުރުފުރާގެ ބޭފުޅުން ވަނީ ގައުމަށް ޚިދުމަތް ކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ ތާރީޚުގައި އެންމެ ހަގު ނައިބު ރައީސެއްގެ ގޮތުގައި ފާހަގަކުރެވެނީ އުމުރުން އެންމެ 33 އަހަރުގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި އަޙްމަދު އަދީބެވެ.
މީގެއިތުރުން، މިހާރުގެ ނައިބު ރައީސް އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަތީފަކީވެސް ޒުވާން ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. މިއީ ދައުލަތުގެ އެންމެ މަތީ ފަންތީގެ މަގާމުތަކުގައި ޒުވާނުންގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށްވުމުން، އެ މަގާމަށް ކުރިމަތިލެވޭނެ ވަކި ހަރުދަނާ އުމުރެއް ގާނޫނީ ގޮތުން ކަނޑައެޅިފައި އޮތުމަކީ، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނެ އުމުރުގެ މިންގަނޑެއް ގާނޫނުއަސާސީގައި ބަޔާންވެގެންވުމަކީ ގައުމުގެ ހަމަޖެހުމަށާއި ދެމެހެއްޓެނިވި ހިންގުމަށް ބޭނުންތެރި ކަމެކެވެ.
މިއީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހަކަތައާއި، ތަޖުރިބާއާއި، އަދި ސިއްހީ ދުޅަހެޔޮކަން އެންމެ އެކަށީގެންވާ މިންވަރެއްގައި ހުރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ކަނޑައެޅިފައިވާ މިފަދަ ގާނޫނީ އުސޫލުތަކަކީ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެޅޭ ވަރުގަދަ ބިންގަލެކެވެ.
Ads by MACL
