ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އަހަރެންގެ ގަލަމުން: އެކުވެރިޔާއެވެ. ތި ދިޔައީ މާ އަވަހަށެވެ.

މަރުހޫމް އާލިމް އަދި ދަރިފުޅު އަތުގަ ހިފައިގެން ދާ މަންޒަރުގެ އެޑިޓެއް: ފޮޓޯ: ކޫ އާޓްސް
މަރުހޫމް އާލިމް އަދި ދަރިފުޅު އަތުގަ ހިފައިގެން ދާ މަންޒަރުގެ އެޑިޓެއް: ފޮޓޯ: ކޫ އާޓްސް

ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ ކަމެއްކަން ކަށަވަރެވެ. ނަމަވެސް، ބައެއް ފަހަރު މި ވަކިވުންތަކަކީ ހިތަށް ކެތްކުރަން ދަތި، އަސަރުން ފުރިގެންވާ ވަކިވުންތަކެކެވެ.

މިއަދު އަޅުގަނޑުގެ ހިތް މިވަނީ ހިތާމައިން ފުރިފައެވެ. ގަލަން ތުރުތުރުލަނީ ގާތް އެކުވެރިޔާ، ހަސަން އާލިމް (އާލިމްބެ) އާ ވަކިވާން ޖެހުމުން ކުރެވޭ އަސަރެއްގެ ބޮޑުކަމުންނެވެ. އާލިމްބެއެވެ! ތި ވަކިވެދިޔައީ ހަމަ ހަގީގަތުގައިވެސް މާ އަވަހަށެވެ.

އާލިމްބެއަކީ ހަމައެކަނި އެކުވެރިއެއް ނޫނެވެ. އެއީ އަޅުގަނޑުގެ ދިރިއުޅުމުގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވި ހަގީގީ މަދަދުގާރެކެވެ. "ކިޔަވައިގެން މޮޅު މީހަކަށް ވާށޭ" ބުނެ، އަބަދުވެސް ހެޔޮ މަގަށް މަގުދައްކައިދިން ނަސޭހަތްތެރިއަކީ އޭނާއެވެ. ކޮފީ ތަކުން އަބަދުވެސް ބައްދަލުވެއެވެ.

ދުވަހަކުވެސް މީހަކަށް ނުރަނގަޅު ބަހެއް ނުބުނެ، އަބަދުވެސް ހިނިތުންވުމާއެކު މުއާމަލާތްކުރި އެ ސާފު ހިތުގެ ވެރިޔާ މިއަދު އަޅުގަނޑުމެންނާ ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާފައެވެ.

ރަށުގެ ހުރިހާ ޒުވާނުންނާއެކު ހޭދަކުރި އެކުވެރި ވަގުތުތަކަކީ މިއަދު ފޮނި ހަނދާންތަކެކެވެ. ހީ ސަމާސާކުރުމާއި، ސަކަރާތް ޖެހުމުގައި އާލިމްބެއަކީ އެންމެންގެ މަގުބޫލުކަން ހޯދި މީހެކެވެ.

އޭނާގެ ހިނިތުންވުމަކީ އެންމެނަށް ގެނުވާ އުފާވެރިކަމެކެވެ. ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ބަލިކޮށް އުޅުނު ނަމަވެސް، އެކަން މޫނުމަތިން ދައްކައެއް ނުލައެވެ.

އާލިމްބެއަކީ ރަށުގެ ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ، ހީވާގި މުވައްޒަފެކެވެ. މެދު ނުކެނޑި ދައުލަތަށް 22 ވަރަކަށް އަހަރު ޚިދުމަތްކުރުމުގައި ދެމިހުރިއިރު،  އޭނާގެ މަސައްކަތުގެ އަޚުލާގާއި، މީހުންނަށް ކަމޭހިތުމުގެ ރީތި ސިފައަކީ އެންމެންވެސް ނަމޫނާ ނަގާނެ ކަންކަމެވެ. ރަށުގެ ކުދި ބޮޑު އެންމެންގެ އިހުތިރާމާއި ލޯބި އޭނާ ހޯދީ އޭނާގެ ހިތްހެޔޮކަމާއި މާތް އަޚުލާގުންނެވެ.

އެންމެ ހަނދާންވާ ވަގުތަކީ، އާލިމްބެ އޭނާގެ ކުޑަކުޑަ ދަރިފުޅު ހޫދު އަތުގައި ހިފައިގެން މިސްކިތަށް ދާ ވަގުތެވެ. ހިތަށް ގެނުވާށެވެ. މިހާރުވެސް އެ މަންޒަރު ލޮލަށް ފެންނަ ކަހަލައެވެ. ބައްޕަ ނުލައި ހޫދު ދެން ހިނގާފަ ދާއިރު ފެންނާނެ އުނިކަން ހިތަށް ގެނުވައި ބަލާށެވެ.

އެއީ ދީނީ ކަންކަމަށް ލޯބިކުރި، އަޅުވެރިކަމަށް އިސްކަންދިން ނަމޫނާ ބައްޕައެކެވެ. ދީނާއި ރަހުމަތްތެރިކަމުގެ ގުޅުން އެންމެ ފުރިހަމައަށް ދެމެހެއްޓި އެކުވެރިޔާއެވެ.

ތި ދިޔައީ ހާދަ ގިނަ ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބާއްވާފައެވެ. ތި ވަކިވުމުން އުފެދުނު ހުސްކަން ފޫބެއްދޭނެ އެއްވެސް ގޮތެއް ނެތެވެ. އަބަދުވެސް ހަނދާނުގައި ވާނެއެވެ.

އެކުވެރިޔާއެވެ. މި ހިތަށް ލިބުނު ފުން އަސަރު ބަޔާންކޮށްދޭނެ ބަހެއް ނެތެވެ. ރަށުގެ މަގުތަކުންނާއި، އަހަރުމެން ބައްދަލުވެ އުޅުނު ތަންތަނުން އެކުވެރިޔާގެ ހަނދާންތައް އަބަދުވެސް އާވަމުންދާނެއެވެ. ދެއްކި ހިނިތުންވުމާއި، ދިން ހެޔޮ ނަސޭހަތްތައް އަބަދުމެ ހިތުގެ ފުންމިނުގައި ހުންނާނެއެވެ.


އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާގެ މާހައުލަށް ނުކުތް ދުވަހުން ފެށިގެން، މަސައްކަތުގެ ދާއިރާއިން އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީ އާލިމްބެއެވެ. ވަޒީފާގައި ކުރިމަތިވި އެކި ގޮންޖެހުންތަކުގައި ސާބިތުވެ ހުރުމަށާއި، ވަޒީފާގައި ދެމިހުރުމަށް އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ދެއްވި ބޭފުޅަކީވެސް ހަމަ އާލިމްބެއެވެ- އެކުވެރިއެއް



ތުއްތު ހޫދުއާއި އެކު ޖުމްލަ ތިން ކުދިންގެ ލޯބިވާ ބައްޕަގެ ގޮތުގައި އާލިމްބެ ހޭދަކުރަމުންދިޔައީ ނުހަނު އުފާވެރި، އަމާން ދިރިއުޅުމެކެވެ. އެ އާއިލާގެ އުފާވެރިކަމުގެ ބިންގަލަކީ އާލިމްބެގެ އޯގާތެރިކަމާއި އަޅާލުމެވެ.

ނަމަވެސް، މިއަދު އެ އާއިލާއަށް ލިބުނު ކުއްލި ސިހުމާއި، މުޅި ރަށަށް ވެރިވި ހިތާމައިގެ ސަބަބުން ހިތްތައް ވަނީ ކުދިކުދިވެފައެވެ. އެ ތުއްތު ދަރިފުޅާއި، އަނބިމީހާއާއި، މުޅި އާއިލާއަށް ކުރާނެ އަސަރެއް ބަޔާންކޮށްދޭން އަޅުގަނޑުގެ ގަލަން މިއަދު ނުކުޅެދިފައިވާ ކަހަލައެވެ.

އަމިއްލަ ނަފްސަށް އެފަދަ ބޮޑު ހިތާމައެއް އިހުސާސްވުމުން ނޫނީ، އެފަދަ ވަކިވުމެއްގެ ހަގީގީ ތަޖުރިބާއެއް ނުކުރެވޭނެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތަށް މިހާ ބޮޑު ތަދުވާއިރު، އެ ގާތް އާއިލާގެ ހިތުގެ ހާލަތު އަންދާޒާކޮށްލަންވެސް ދައްޗެވެ. އެ ގޭގެ ދޮރުމަތިން ފެންނަން ހުރި ހުސްކަމާއި، އާލިމްބެގެ ހިނިތުންވުން މިއަދު ފެންނަން ނެތުމަކީ ގަބޫލުކުރަން އުނދަގޫ ނަމަވެސް މިއަދުގެ ހަގީގަތެކެވެ.


ލޯބިވާ މަންމަ، ލޯބިވާ ބޭބެ، ލޯބިވާ ކޮށްކޮ
ލޯބިވާ މީހުން ވަކިވުމަކީ، މިދުނިޔެއިން އަޅުގަނޑުމެންނަށް ކުރިމަތިވާ ހާދަހާ ބޮޑު އިމްތިހާނެއް- މަރުހޫމް އާލިމްގެ ދައްތަ



އާލިމްބެއެވެ! ހަނދާންތައް އަބަދުވެސް އަހަރުމެންގެ ތެރޭގައި ދިރިހުންނާނެއެވެ. އެކުވެރިޔާގެ ކުދިން ބޮޑުވަމުން އަންނައިރު، އެކުދިންނަށް އެކުވެރިޔާގެ ހިތްހެޔޮކަމާއި މާތް ސިފަތަކުގެ ވާހަކަ ކިޔައިދޭނެ އެތައް އެކުވެރިންނެއް މި ރަށުގައި އެބަތިއްބެވެ. ތި ވަކިވެދިޔައީ އަހަރުމެންގެ ހިތްތަކުން ދުވަހަކުވެސް ފަނާނުވާނެ ފަދަ ރީތި ނަމޫނާއެއް ދޫކޮށްފައެވެ.

ކޮންމެ ނޭވާއަކާއެކު ކުރެވޭ ދުޢާއަކީ، މާތް اللهُ އާލިމްބެގެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަޅުގަނޑުމެން އެންމެން ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި އަލުން ބައްދަލުކުރެއްވުމެވެ.

އަހަރެންގެ ގަލަމުން: އެކުވެރިޔާއެވެ. ތި ދިޔައީ ހަމަ މާ އަވަހަށެވެ. އަބަދުގެ އަބަދަށް ވަކިވެގެން ތިދިޔައީ އަހަރުމެންގެ ހިތްތަކުގައި ފޮހެވިގެން ނުދާނެ ފުން ލޯތްބަކާއި ހަނދާންތަކެއް އާކުރަމުންނެވެ.

ފަހު ބަހަކީ ވެސް މިއެވެ. " މިކަލަ ތަ ހުއްޓޭގަން ނުވެންނޭ، މަޓަ ދިނުނަ އެއްބާރުލުމޯ ދެންނަން، ތަ ޖެހެންނޭ މިކަލަ ކޭވޭ ނިންމަންނަ" މިއީ އަހަރުމެން ދެމީހުން މީގެ 3 އަހަރު ކުރިން ކިޔެވުމަށް ފެށި ދަތުރުގައި އަހަރެން މެދުކަނޑާލި ކޯސް އަލުން ކިޔަވަން ފެށިފަހުން އެކުވެރިޔާ ބުނި ބަހެވެ.

ދުޢާއަކީ، މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ، އާލިމްބެގެ ފުރާނައަށް ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ. އަދި އާއިލާއަށާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވުމެވެ. އާމީން!