ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މެޔޮނައިޒް ބޭނުންކުރުމުން ލޭހޮޅިތަކަށް ނުރައްކާވާކަމުގެ އިންޒާރު!

މެޔޮނައިޒް ބޭނުންކުރުމުން ލޭހޮޅިތަކަށް ނުރައްކާވާކަމުގެ އިންޒާރު!

އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ މެޔޮނައިޒަކީ ހަމައެކަނި ބިހާއި ތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރައްކާތެރި އެއްޗެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، މިއީ ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ އެއްޗެއް ކަމަށް ސިއްހީ މާހިރުން އިންޒާރު ދީފިއެވެ. މިފަދަ މެޔޮނައިޒް ބޭނުންކުރުމުން ހަށިގަނޑުގެ ލޭދައުރުކުރާ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ފަންކްޝަނަލް ކާޑިއޮލޮޖީގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ވިޔަފާރި އުސޫލުން އުފައްދާ ގިނަ މެޔޮނައިޒްތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އަގުހެޔޮ، އަދި ސިއްހަތަށް ފައިދާނެތް ސޯޔާބީން ތެލެވެ. މި ތެޔޮ އުފެއްދުމުގެ މަރުހަލާގައި އޭގެ އަސްލު ގެއްލި، އޮކްސިޑައިޒްވުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންދެނިވި މާއްދާއަކަށް ބަދަލުވެއެވެ.

މީގެ އިތުރުން، މިފަދަ ތެޔޮތައް ފިހާރަތަކުގެ ހަރުތަކުގައި ހަލާކުނުވެ ގިނަދުވަހު ބެހެއްޓުމަށްޓަކައި "ކެލްސިއަމް ޑިސޯޑިއަމް އެޑްޓާ" ނަމަކަށް ކިޔާ ސިންތެޓިކް ކެމިކަލް އެއް މެޔޮނައިޒަށް އަޅައެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް، ހާއްސަކޮށް ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ މާއްދާއެކެވެ.

ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި، މިފަދަ މެޔޮނައިޒް ކެއުމުން އޭގައި ހުންނަ އޮކްސިޑައިޒްވެފައިވާ ތެޔޮތަކުން ލޭހޮޅިތަކުގެ އެތެރޭގެ ފަށަލަ ހަލާކުކޮށްލައެވެ. މީގެ ސަބަބުން ލޭހޮޅިތައް ދުޅަވެ، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. ހަމައެއާއެކު، ކުރިން ބުނި ސިންތެޓިކް ކެމިކަލް ގެ ސަބަބުން ގޮހޮރުގައި ހުންނަ ހަށިގަނޑަށް ބޭނުންތެރި މަޢުދަނިއްޔާތުތައް ބޭރުކޮށްލައެވެ.

މިކަމާ ގުޅޭގޮތުން މާހިރުން ދޭ އިރުޝާދަކީ، މެޔޮނައިޒް ފަދަ ތަކެތި ގަންނައިރު އޭގެ ބޭރުގައިވާ ލޭބަލް ރަނގަޅަށް ކިޔުމަށެވެ.

 "މިއީ ހަމައެކަނި ކާނާއެއް ނޫން، މިއީ ސިނާއީ ގޮތުން އުފައްދާފައިވާ ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ އެއްޗެއް،"

ކަމަށް ބުނެ މާހިރުން ވަނީ އާންމުން މިފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.