ޢުމުރުން 2 އަހަރު ނުވާ ތުއްތު ކުދިން ސްކްރީނާއި ކައިރި ނުކުރޭ، ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބިދާނެ
ޓެކްނޮލޮޖީއަކީ މިއަދު ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަން އޮތް އެއްޗަކަށް ވީނަމަވެސް، ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ތުއްތު ކުދިން ސްކްރީނަށް ހުށަހެޅޭ މިންވަރު ވީހާވެސް ބޮޑަށް މަދުކުރުމަށެވެ. އޭގެ ބަދަލުގައި، ކުއްޖާގެ ސިކުނޑި ދުޅަހެޔޮކޮށް ބޮޑުވުމަށް އެހީތެރިވެދޭނެ ފަދަ ހަގީގީ ދުނިޔޭގެ މުއާމަލާތްތަކާއި، ކުޅިވަރުތަކުގެ ތެރެއިން ގުޅުން ބަދަހިކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ.
ބެލެނިވެރިންނަށް އޮތް އިރުޝާދުތައް
ކުއްޖާގެ ސިކުނޑި އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ މި މުހިންމު ދުވަސްވަރު، ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި: މޫނަށް ބަލައިގެން ވާހަކަދެއްކުމާއި މުއާމަލާތް ކުރުމަށް އިސްކަންދިނުން، ހަރަކާތްތެރިވެ އުޅޭ ކުޅިވަރުތަކަށް ކުއްޖާއަށް ހިތްވަރުދިނުން، އަދި ވީވަރަކުން ޢުމުރުން ދެ އަހަރު ނުވާ ކުދިންނަށް ސްކްރީން ނުދެއްކުން ހިމެނެއެވެ.
މީގެ އިތުރުން، ގޭތެރޭގައި ސްކްރީން ބޭނުންކުރާ އާދަތަކަށް ބެލެނިވެރިން ސަމާލުވުމަކީ މުހިންމު ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތުއްތު ކުއްޖާގެ ސިކުނޑި ތަރައްގީވަމުންދާ ދުވަސްވަރު އެކުދިންނަށް ނޭދެވޭ ކަންކަމުން ކުރެވޭ ތަޖުރިބާތަކަކީ މުސްތަގުބަލުގައި އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަންކަމަށް ކަމަށްވާތީ، މިކަމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
Ads by BML
Ads by MACL
