ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އެމްޑީޕީ ބޮޑު ބަދަލު: ބަދަލު ހިފުމަކަށް ނުވާނެތަ؟

އެމްޑީޕީ ބޮޑު ބަދަލު: ބަދަލު ހިފުމަކަށް ނުވާނެތަ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ބާރެވެ.

މި ޕާޓީގެ ތާރީޚާއި، ޚާއްސަކޮށް ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ހަޔާތަކީ ގިނަގުނަ އުސްގަނޑުތަކަކާއި އަޑިގަނޑުތަކެއް އެކުލެވޭ ދަތުރުފުޅެކެވެ.

އެމްޑީޕީގެ އެތެރެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި، ނަޝީދުގެ ސިޔާސީ ބާރާއި ނުފޫޒަށް އައިސްފައިވާ ބަދަލުތަކަކީ މުޅި ޤައުމުގެ ސިޔާސީ މަސްރަހަށް އޭގެ ފުން އަސަރުތަކެއް ކުރުވާފައިވާ ކަންކަމެވެ.

އެގޮތުން، އެމަނިކުފާނު އެމްޑީޕީން ބޭރުކުރެވުނު ކަމަށް ބެލެވޭ ހާދިސާތަކާއި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމާއި، އަދި އެއަށްފަހު އަލުން އެމްޑީޕީއަށް އެނބުރި ވަޑައިގެން ފައްޔާޒު އިސްމާއިލްއަށް ތާއީދުކުރެއްވުމުގެ ފަހަތުގައިވަނީ ސިޔާސީ ބަދަލު ހިފުމެއްތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ.

އެމްޑީޕީ ވުޖޫދަށް އައީ ރައީސް ނަޝީދުގެ އިސްނެންގެވުމާއި، ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް ގެނައުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ނަމަވެސް، 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވެއްޓުމާ ހިސާބުން، ޕާޓީގެ އެތެރޭގައި ނަޝީދުގެ ބާރު މަޑުމަޑުން ކެނޑެމުން ދިޔަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޕާޓީގައި އެމަނިކުފާނަށް ވަފާތެރި ބަޔަކު ތިބި ނަމަވެސް، އެތެރޭގެ އިންތިޚާބުތަކާއި މުހިންމު ނިންމުންތަކުގައި ނަޝީދުގެ ބަހަށްވުރެ އެހެން ފަރާތްތަކުގެ ނުފޫޒު ގަދަވާން ފެށިއެވެ.

ޚާއްސަކޮށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މި ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ސިޔާސީ ކޯޅުންތަކުގެ ސަބަބުން ޕާޓީ ދެކަފިވެ، ނަޝީދުގެ ދައުރު އެމްޑީޕީގައި ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ.

މި ކޯޅުންތަކުގެ އެންމެ ހޫނު ނަތީޖާއަކަށް ވެގެންދިޔައީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބެވެ.

ރައީސް ޞާލިޙް އާއި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރެއްވި މި އިންތިޚާބުގެ ނަތީޖާއާއެކު އުފެދުނު މައްސަލަތައް ހައްލުނުކުރެވި، 21 ޖޫން 2023 ގައި ނަޝީދު ވަނީ އެމަނިކުފާނު އަމިއްލަފުޅަށް އުފެއްދެވި ޕާޓީން ވަކިވެވަޑައިގަންނަވާފައެވެ.

އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރި ގޮތުގައި، އެމްޑީޕީއާ ގުޅުމެއްނެތް ބަޔަކު މާދުރުން އައިސް ޕާޓީ ހިސާރުކޮށް ނަޝީދު ޕާޓީން ފަހާލީއެވެ.

އެއާއެކު، އެމްޑީޕީގެ ތެރެއިން ގެއްލިފައިވާ ޑިމޮކްރެޓިކް އަސާސްތައް އަލުން ދިރުވައި، ޕާޓީގެ ތެރޭގައި ހަމަހަމަކަން ޤާއިމުކުރުމުގެ މަޤްސަދުގައި "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ނަޝީދު އައު ޕާޓީއެއް އުފެއްދެވިއެވެ.

ނަމަވެސް، މި އައު ޕާޓީ ހިންގުމަށް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ގިނަގުނަ ހުރަސްތަކެއް އެޅިކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތުކުރިއެވެ.

ސިޔާސީ މައިދާނުގެ އެންމެ އިސް ސަފާ ދުރަށް ވަޑައިގެން، ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ދައުރު ނިމުމާއެކު ނަޝީދު މިވަނީ އަލުން ދިވެހި ސިޔާސީ މަސްރަހަށް އެނބުރި ވަޑައިގެންފައެވެ.

އެއަށްފަހު 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ހަމައެކަނި ޕާޓީއާ ގުޅިވަޑައިގަތުމުގެ ބަދަލުގައި، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވައި، ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހެދި ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްއަށް ނަޝީދު ވަނީ ފާޅުގައި ތާއީދުކުރައްވާފައެވެ.

މި ހުރިހާ ކަމަކަށް ފުންކޮށް ވިސްނާލުމުން، ރައީސް ނަޝީދު އެމްޑީޕީއަށް އަލުން އެނބުރި ވަޑައިގެން، ފައްޔާޒުއަށް ތާއީދުކުރައްވައި، ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވުމަކީ ސިޔާސީ ބަދަލު ހިފުމެއްތޯ އުފެދޭ ސުވާލުގެ ޖަވާބު ސާފުވާން ފަށައެވެ. އެމަނިކުފާނު އެމްޑީޕީން ބޭރުކޮށްލެވުނު ގޮތާއި، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، މިހާރު ފެންނަމުންދާ މަންޒަރަކީ ގެއްލުނު ބާރާއި ނުފޫޒު އެމްޑީޕީގެ އެތެރޭގައި އަލުން ޤާއިމުކުރައްވައި، އެމަނިކުފާނުގެ ސިޔާސީ މަޤްސަދުތައް ހާސިލުކުރެއްވުމަށް ކުޅުއްވާ ކުޅިގަނޑެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ނަޝީދުގެ ސަޕޯޓަރުން މިއީ ޕާޓީ އަސްލު މިސްރާބަށް އެޅުވުން ކަމުގައި ދުށް ނަމަވެސް، މި ފުން ސިޔާސީ ހަރަކާތުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ބޮޑެތި ބަދަލުތަކަކީ ގާތުން ބަލަންޖެހޭނެ މުހިންމު ކަންތައްތަކެކެވެ.