ދުނިޔޭގެ އެންމެ އަގުބޮޑު ވިޔަފާރި ބިނާވެފައި ވަނީ ކުޑަ ކަނޑުއޮޅިއަކުން ކުރާ ދަތުރުތަކެއްގެ މައްޗަށް!
އާންމު ގޮތެއްގައި ކާމޭޒުދޮށުގައި ދެކެވޭ ވާހަކަތަކުގެ ތެރޭގައި ތެލުގެ އަގުގެ ވާހަކަ ދެކެވުމަކީ ނާދިރު ކަމެކެވެ.
ނަމަވެސް، ވޭތުވެދިޔަ ދެ ހަފުތާއެއްހަްި ދުވަހުގެ ތެރޭގައި، ތެލުގެ އަގަށް އަންނަމުންދާ އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކާއެކު، ކާމޭޒު ދޮށުގައި މިވަނީ މި ވާހަތައް ދެކެވެން ފަށާފަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުހީތަކުގައި ވެސް މިހާރު ދެކެވެމުން އަންނަނީ ތެލުގެ ވާހަކައެވެ.
Ads by BMLދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި، ތެޔޮ އުފުލާ ބޯޓުފަހަރަށާއި ހަކަތައިގެ ވަސީލަތްތަކަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން، ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު ތެލުގެ އަގު މިހާރު ވަނީ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑުވެފައެވެ.
ހޯމަ ދުވަހު ތެލުގެ އަގަށް އައި ބޮޑު ބަދަލަކީ، ބީބީސީގެ އިކޮނޮމިކްސް އެޑިޓަރު ފައިސަލް އިސްލާމް ސިފަކުރެއްވި ގޮތުގައި، ތާރީހުގައި ވެސް ތެލުގެ ވިޔަފާރީގައި އައި އެންމެ ބޮޑު ލޮޅުމެވެ.
އަގުތަކާ ގުޅޭގޮތުން ދެކެވޭ ގިނަ ވާހަކަތައް ބިނާވެފައިވަނީ ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ 'ބްރެންޓް ކްރޫޑް' ގެ އަގަށެވެ.
ތެޔޮ ގަނެވިއްކުމުގެ އެއްބަސްވުންތަކުގައި ބްރެންޓް ކްރޫޑް މިންގަނޑެއްގެ ގޮތުގައި ބޭނުންކުރާތީ، ދުނިޔޭގެ ހަކަތައިގެ އަގުތަކަށް މީގެ ނުފޫޒު ވަރަށް ބޮޑެވެ.
ކްއިލްޓާގެ އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް ލިންޑްސޭ ޖޭމްސް ވިދާޅުވާ ގޮތުގައި، ގިނަ ތެލުގެ މުއާމަލާތްތައް ކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ތެލަށް އަމާޒުކޮށްގެންނެވެ. އަދި މިހާރު އަގު އުފުލެމުންދަނީ ކުރިއަށް އޮތް މަސްތަކުގައި ތެޔޮ ލިބުމަށް ދަތިވެދާނެތީ އޮތް ކަންބޮޑުވުންތަކާ ހެދިއެވެ.
އީރާނަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާ ދިނުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 71 ޑޮލަރުގައެވެ. ނަމަވެސް ހަމަނުޖެހުން ފެށުމާއެކު އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ.
ދުނިޔޭގެ ލީޑަރުންގެ ބަސްމަގު ހުރި ގޮތުން ވެސް އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ.
މިދިޔަ ހަފުތާގައި ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، ގަތަރުގެ ހަކަތައާ ބެހޭ ވަޒީރު ސާދު އަލް-ކާބީ ވަނީ ގަލްފުގެ ހުރިހާ ގައުމަކުން ތެލާއި ގޭސް އުފެއްދުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލާނެ ކަމަށް ލަފާކުރައްވާފައެވެ. މިއާއެކު ތެލުގެ އަގު ފާއިތުވި ދެ އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް ދިޔައެވެ.
ހަފުތާ ބަންދަށްފަހު ބާޒާރު ހުޅުވުނުއިރު، ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 120 ޑޮލަރަށް އެރިއެވެ.
ނަމަވެސް، އިންޓަނޭޝަނަލް އެނާޖީ އެޖެންސީން އިސްނަގައިގެން ކުއްލި ހާލަތްތަކަށް ރައްކާކޮށްފައިވާ ތެޔޮ ބާޒާރަށް ނެރެފާނެ ކަމުގެ ރިޕޯޓްތައް ފެތުރުނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި ހަނގުރާމައަކީ "ވަރަށް ފުރިހަމަ، ގާތްގަނޑަކަށް ނިމިފައިވާ" ކަމެއްގެ ގޮތުގައި ސިފަކުރެއްވުމުން، ހަނގުރާމަ ދިގުލައިގެން ނުދާނެ ކަމުގެ އުންމީދު އާވިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް، ހޯމަ ދުވަސް ނިމުނުއިރު، އެ ދުވަހުގެ އެންމެ މަތީ އަގަށްވުރެ ގާތްގަނޑަކަށް 30 ޑޮލަރު އަގު ދަށަށް ދިޔައެވެ.
ކްއިލްޓާ އިން ބުނާ ގޮތުގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އައި މި ބޮޑު ބަދަލަކީ "އާދަޔާ ހިލާފު" ކަމެކެވެ. ޖޭމްސް އިތުރަށް ވިދާޅުވި ގޮތުގައި، ދުނިޔެ މިހާރު ތަހައްމަލު ކުރަމުންދަނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ "ހަކަތައިގެ ސޮކެއް" ނުވަތަ ކުއްލި ލޮޅުމެކެވެ.
ބީޕީގެ ކުރީގެ ވެރިޔާ ލޯޑް ޖޯން ބްރައުން ވިދާޅުވާ ގޮތުގައި، މި ބޮޑެތި އަދަދުތަކުގެ ފަހަތުގައި އަމަލީ ގިނަ ތަފްސީލުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަނގަޅު ބާވަތުގެ ތެޔޮ، އެއާ ގުޅޭ ރިފައިނަރީތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
"މިއީ ހަމައެކަނި އަގަށް އަންނަ ބަދަލަކަށް ބަލައިގެން ކުރާ ވިޔަފާރިއެއް ނޫން - މިއީ ހަގީގަތުގައި ތެޔޮ ފޯރުކޮށްދިނުމުގެ މައްސަލައެއް. މީހުން ބޮޑު އަގު ހުށަހަޅަނީ ތެޔޮ ހުސްވެދާނެތީ އެކަމުން ސަލާމަތްވުމަށް،" އޭނާ ކިޔައިދެއްވިއެވެ.
އަނެއް މުހިންމު ދަނޑިވަޅަކީ، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް، ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރެއް އެމެރިކާއިން ކާމިޔާބުކަމާއެކު ހިމާޔަތުގައި ގެންގޮސްދީފައިވާ ކަމަށް އެކްސް ގައި ޕޯސްޓް ކުރެއްވި ވަގުތެވެ. އެކަމާއި ގުޅިގެން އަންގާރަ ދުވަހުގެ އެއް ވަގުތެއްގައި ތެޔޮ ފީފާއެއްގެ އަގު 82 ޑޮލަރަށް ވެއްޓުނެވެ.
ނަމަވެސް، އޭނާގެ ޕްރޮފައިލުން އެ ޕޯސްޓް ފޮހެލުމާއެކު، އަގު އަނެއްކާވެސް 86 ޑޮލަރަށް އުފުލުނެވެ. ވައިޓް ހައުސްއިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި ސޯޝަލް މީޑިއާގައި ކުރި އެ ޕޯސްޓަކީ ކުށް މައުލޫމާތެކެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ގަލްފުގެ މުހިންމު ސަރަހައްދުން އެއްވެސް ޓޭންކަރަކަށް ހިމާޔަތްދީފައެއް ނުވެއެވެ.
ބުދަ ދުވަހު އައި.އީ.އޭ އިން އިއުލާންކުރި ގޮތުގައި، ގައުމުތަކުގެ ކުއްލި ހާލަތުގެ ރިޒާވްތަކުން ރެކޯޑް މިންވަރަކަށް ތެޔޮ ދޫކުރުމަށް އެތައް ގައުމަކުން ވަނީ އެއްބަސްވެފައެވެ.
މި އިއުލާނަށްފަހު ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، އޭގެ ފަހުން އަގުތައް ވަނީ އަނެއްކާވެސް ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
އޮކްސްފޯޑް އިންސްޓިޓިއުޓް ފޯ އެނާޖީ ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ ބިލް ފެރަން-ޕްރައިސް ވިދާޅުވި ގޮތުގައި، މިގޮތަށް ތެޔޮ ދޫކުރުމަކީ "މާ ބޮޑު މައްސަލައަކަށް ދެވޭ ވަގުތީ ހައްލެކެވެ".
އޭނާ ވިދާޅުވީ މާކެޓުން މި ފިޔަވަޅަށް ކުރިންސުރެ ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން އުޅަނދުފަހަރަށް ދިން ހަމަލާތަކުގެ ސަބަބުން އަގު އަނެއްކާވެސް މައްޗަށް ދިޔައީ ކަމަށެވެ.
"މި ހަމަނުޖެހުމަށް ހައްލެއް ފެންނަންދެން އަގުތަކަށް އަންނަ ބަދަލުތައް މިގޮތުގައި ކުރިއަށްދާނެ. އަދި އެއީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެ، ދިގުލައިގެން ހިނގައިދާނެ ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ތެޔޮ ސާފުކުރުމުގެ ގާބިލުކަން މަދުވުމުގެ މާނައަކީ، ރިޒާވްތަކުން ތެޔޮ ދޫކުރުމަކީ ޕެޓްރޯލާއި ޖެޓް ފިއުލް ފަދަ ސާފުކޮށްފައިވާ އުފެއްދުންތައް އިތުރުކުރުމަށް އޮތް "ޖާދޫގެ ފިތެއް" ނޫން ކަމެވެ.
ރިޒާވްތައް ދޫކުރުމަކީ ސަރުކާރުތަކުން ނުރައްކާތައް ދެނެގަނެ، އެކަންކަމަށް ފިޔަވަޅު އަޅަމުންދާކަން މާކެޓަށް ދައްކައިދީ، އިތުބާރު ބޮޑުކުރުމަށް ކުރާ މަސައްކަތެކެވެ.
ކުރުކޮށް ބުނާނަމަ، މީގެ ސަބަބުން ތެލުގެ އަގު ދަށަށް ނުގޮސްފާނެއެވެ. ނަމަވެސް، މި ފިޔަވަޅު ނޭޅިނަމަ އަގު މައްޗަށް ދާނެ މިންވަރަށްވުރެ ބޮޑަށް މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދީފާނެއެވެ.
އެމެރިކާ، އިސްރާއީލް އަދި އީރާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަށް އަދިވީ މަހެއްހާ ދުވަހެވެ.
މި ހަމަނުޖެހުން ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަމެއް ނުވަތަ މީގެ އަސަރު ކުރާނީ ކިހާ މިންވަރަކަށް ކަމެއް އަދި ނޭނގެއެވެ.
ލޯޑް ބްރައުން ވިދާޅުވާ ގޮތުގައި ތެލުގެ ވިޔަފާރިކުރާ މީހުންނަށް "އަސްލު މިސްރާބެއް ނުފެނެއެވެ". ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮންނާނީ ކިހާ ދުވަހަކަށް ކަމެއް، ނުވަތަ އައި.އީ.އޭ އިން އެއްބަސްވި ގޮތަށް ރިޒާވްތަކުން ތެޔޮ ދޫކުރުން ހަގީގަތުގައި ހިނގާނެ ކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.
ރަބޯބޭންކްގެ އެފް.އެކްސް ސްޓްރެޓެޖީގެ އިސްވެރިޔާ ޖޭން ފޯލީ ވިދާޅުވީ، މެދުނުކެނޑި ކުރިމަތިވަމުންދާ ހުރަސްތަކާ މެދު މާކެޓުން އޮތީ "ވަރަށް ބޮޑަށް ސަމާލުވެ" ކަމަށެވެ.
"މާކެޓުގެ ނަޒަރުގައި މިއީ މުޅިންވެސް އެ ކަނޑުއޮޅިއާ ގުޅިފައިވާ ކަމެއް... އަދި މިވަގުތު އެތަނުގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި،" އޭނާ ކިޔައިދިނެވެ.
އެއްކަމެއް ވަރަށް ސާފެވެ. މި މަހު އައި ބަދަލުތަކުން ހާމަވެގެން ދިޔައީ، ދުނިޔޭގެ އެންމެ އަގުބޮޑު އެއް މުދަލުގެ ވިޔަފާރި ބިނާވެފައިވަނީ، ދުނިޔޭގެ ނުރައްކާތެރި އަދި ހަލަބޮލި ސަރަހައްދެއްގައި އޮތް ކުޑަ ކަނޑުއޮޅިއަކުން ކުރާ ދަތުރުތަކުގެ މައްޗަށް ކަމެވެ.
Ads by MACL
