ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ސަރުކާރުން ދަރަނި ދެއްކުމުގައި، އިދިކޮޅުން މުޒާހަރާކުރުމުގައި!

އިދިކޮޅުން ދައްކާ ކޮންމެ ބަހަނާއަކަށް ސަރުކާރުން ދަނީ ފުރިހަމައަށް ޖަވާބުދާރީވަމުން --- ފޮޓޯ: އޭއައި އެޑިޓިން (ޖީލުއޮންލައިން)
އިދިކޮޅުން ދައްކާ ކޮންމެ ބަހަނާއަކަށް ސަރުކާރުން ދަނީ ފުރިހަމައަށް ޖަވާބުދާރީވަމުން --- ފޮޓޯ: އޭއައި އެޑިޓިން (ޖީލުއޮންލައިން)

"ސަރުކާރުން ދަރަނި ދެއްކުމުގައި، އިދިކޮޅުން މުޒާހަރާކުރުމުގައި" މި ސުރުޚީއަކީ މިއަދުގެ ދިވެހި ސިޔާސީ އަދި އިޤްތިޞާދީ މަސްރަހު އޮތް ގޮތް އެންމެ ފުރިހަމައަށް ސިފަކޮށްދޭ ތަސްވީރެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑެތި ދަރަނިތައް ދެއްކުމުގެ ބުރަ އަދި ޒިންމާދާރު މަސައްކަތުގައި ތާރީޚީ ކާމިޔާބީތަކެއް ހޯދަމުންދާއިރު، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މަގުމަތީގެ ހަލަބޮލިކަން އުފައްދައި، ގައުމުގެ ހަގީގީ މާލީ ކުރިއެރުން އޮޅުވާލުމަށެވެ.

މި ސަރުކާރުގެ މާލީ ހަރުދަނާކަން ހާމަކޮށްދޭ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަންޖެހޭ ފައިސާ، އޭގެ މުއްދަތު ހަމަވުމުގެ ކުރިން ދައްކާ ނިންމާލުމެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ސްކޫކްގެ އަސްލު ފައިސާގެ ގޮތުގައި ހިމެނޭ 500 މިލިއަން ޑޮލަރާއި ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު، ޖުމްލަ 524.68 މިލިއަން ޑޮލަރު ވެސް ވަނީ ދައްކާ ޚަލާޞްކޮށްފައެވެ. މިއީ އެއްވެސް ދުރުވިސްނުމެއް ނެތި ކުރީ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަންޏަކުން ގައުމު ސަލާމަތްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

މީގެ އިތުރުން، އިންޑިއާގެ މަރުކަޒީ ބޭންކް (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީވެސް ސަރުކާރުން ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. އަދި 2019 ވަނަ އަހަރު ބަޖެޓަށް އެހީވުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް މިހާރު ވަނީ ދައްކާފައެވެ. މިއީ ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަމާއިމެދު ބޭރުގެ މީޑިއާތަކުން އުފެއްދި ޝައްކުތަކަށް ސަރުކާރުން ދިން ވަރުގަދަ ޢަމަލީ ރައްދެކެވެ.

ސަރުކާރުން މި ބޮޑެތި ދަރަނިތައް އަދާކުރަމުންދަނީ ރާއްޖޭގެ ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރުމަށްފަހުގައެވެ. ބޭރު ފައިސާ މާރުކުރުން މަޖުބޫރުކޮށް ގެނައި އައު ސިޔާސަތާއި، އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތަކާއެކު، މިއަހަރުގެ މާޗް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. ހަމައެފަދައިން، ދަރަނި އަދާކުރުމަށް ޚާއްޞަކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ބޭރު ފައިސާގެ މިންވަރުވެސް ވަނީ 350 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު 30 ބިލިއަން އިންޑިއަން ރުޕީސްގެ އެހީއަކީވެސް ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ލިބޭ މި އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގޮސްފައިވާކަމުގެ ހެއްކެކެވެ. މިފަދަ ހަރުދަނާ ގުޅުންތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ މަސްރަހަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމުގެ ފުރުސަތު ރާއްޖެއަށް މިއަދު ވަނީ ފަހިވެފައެވެ.

ނަމަވެސް، ސަރުކާރުން މި ހޯދަމުންދާ ނަތީޖާތަކަށް ކެތްނުކުރެވިގެން، އިދިކޮޅު ފަރާތްތަކުން ދަނީ "ގައުމު ބަނގުރޫޓުވަނީ" ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފަތުރަމުންނެވެ. ސަރުކާރުން ދަރަނި ދެއްކުމުގެ އެންމެ މުހިންމު މަރުހަލާގައި ވަނިކޮށް، މަގުމަތީގައި މުޒާހަރާކޮށް އިޤްތިޞާދީ ހަރަކާތްތަކަށް ހުރަސްއެޅުމަކީ ގައުމީ މަސްލަހަތަށްވުރެ ސިޔާސީ މަންފާ އިސްކުރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް، ޑރ.މުޢިއްޒުގެ ސަރުކާރުން ދައްކާ ނިންމާލި ބިލިއަނެއްހާ ޑޮލަރުގެ ދަރަނީގެ ސަބަބުން، އިދިކޮޅުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން މިއަދު މިވަނީ ހާމަވެފައެވެ.

ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދައުލަތުގެ މާލީ ސިޔާދަތު ހިފަހައްޓައި، ރައްޔިތުންނަށް ބޭނުންވާ ތެލާއި، ބޭހާއި، އަސާސީ މުދާ އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. އިދިކޮޅުން ކިތަންމެ ވަރަކަށް މުޒާހަރާކޮށް ހަލަބޮލިކަން އުފައްދަން އުޅުނުކަމުގައިވިޔަސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ "ދަރަނި ދެއްކުމުގެ" ޒިންމާދާރު މަގުގައި ސާބިތުކަމާއެކު ފިޔަވަޅުތައް އަޅަމުންނެވެ. މިއީ ދިވެހި ގައުމު އުޖާލާ މުސްތަގުބަލަކަށް ގެންގޮސްދޭނެ އިޤްތިޞާދީ ބިންގަލެވެ.